Roadha Mihaaru
މޫނުބުރުގާ އަޅާތީ ވަކިކުރި ޓީޗަރުންނަށް ވަޒީފާ ދީފި

މޫނު ބުރުގާ އަޅާތީ ވަކިކުރި ޓީޗަރުންނަށް ވަޒީފާ އަލުން ދީފި

13 ފެބުރުއަރީ 2019

މޫނު ބުރުގާ އަޅާ މައްސަލައިގައި ވަޒީފާ އިން ވަކިކުރި ޓީޗަރުންނަށް އަލުން ވަޒީފާ ދީފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މޫނު ބުރުގާ އަޅާ މައްސަލައިގައި ވަޒީފާ އިން ވަކިކުރި ޓީޗަރުންނަށް އަލުން ވަޒީފާ ދީފި އެވެ.

ރާއްޖެ ޓީީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި ރޭ ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ، މީހާ އަޅާ ހެދުމެއްގެ ސަބަބުން ނުވަތަ ހުންނަ ގޮތަކުން ވަޒީފާ ގެއްލުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށެވެ.

މޫނު ބުރުގާ އަޅާތީ ކަމަށް ބުނެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބައެއް ޓީޗަރުން ވަޒީފާ އިން ވަކިކޮށްފައި ވެ އެވެ. ނަމަވެސް އެ ޓީޗަރުންގެ އަދަދެއް އަދި ސާފެއް ނުވެ އެވެ. ނުހައްގުން ވަޒީފާ އިން ވަކިކުރި މީހުންނަށް ވަޒީފާ އަލުން ދިނުމާއި ބަދަލު ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ވައުދެކެވެ.

މިނިސްޓަރު ވިދާޅުވީ، މޫނު ބުރުގާ އަޅާތީ ވަކިކުރި ޓީޗަރުންގެ ތެރެއިން، އެޑިއުކޭޝަން މިނިސްޓްރީ އަށް މައްސަލަ ހުށަހެޅި މީހުންނަށް އަލުން ވަޒީފާ އިޔާދަ ކޮށްދީފައިވާ ކަމަށެވެ. މޫނު ބުރުގާ އަޅައިގެން ވަޒީފާތަކަށް ދާން ބޭނުންވާ މީހުންނަށް ވެސް އެ ކަންތައް ހަމަޖައްސައިދީފައި ވާނެ ކަމަށް ވިދާޅުވި އެވެ. އެކަމަކު އެއީ ކިހާ މީހުންނެއް ކަމެއް އާއިޝާ ވިދާޅެއް ނުވެ އެވެ.

"މޫނު ބުރުގާ އަޅައިގެން ހުއްޓަސް މޫނު ބުރުގާ ނާޅައި ހުއްޓަސް ހަމަ ސްކޫލުތަކުން ވަޒީފާ ލިބޭނެ. އަޅުގަނޑުމެންނާ ހަމައަށް އައި އެ ކަހަލަ މައްސަލަތައް ވާނީ ހައްލުކޮށްފައި، އަލުން ވަޒީފާ އިޔާދަ ކޮށްދީފައި. އަދި ހަމަ އިތުރަށް މޫނު ބުރުގާ އަޅައިގެން އާ ވަޒީފާތަކަށް ވަންނަން ބޭނުންވާ ބޭފުޅުންނަށް ވެސް އެކަންތައް ހަމަޖައްސައިދީފައި އޮންނާނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މޫނު ބުރުގާ އަޅައިގެން ކިޔަވައި ދިނުމުގެ ފުރުސަތު ދިނަސް އެކަމަށް ޝަރުތުތަކެއް އޮންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެއީ ކިޔަވައި ދެނީ ކާކުކަން ދަރިވަރަށް އެނގެން ޖެހޭނެ ކަމަށާއި އެއީ އެއްޗެއް އަންގައިދޭއިރު މީހާގެ މޫނުމަތީގެ ކުލަވަރަކީ ދަރިވަރަށް މުހިއްމު އެއްޗަކަށް ވާތީ ކަމަށް ވިދާޅުވި އެވެ.

"ކިޔަވައިދޭ މީހާ ދައްކާ ވާހަކަ އެކަންޏެއް ނޫން، މީހާގެ ފޭސް އެކްސްރެޝަނާއި ނޮން ވާބްލް ބިހޭވިއާ އެއީ ވަރަށް މުހިއްމު އެއްޗެއް ދަރިވަރަށް އެއްޗެއް އަންގައި ދިނުމަށް. އެގޮތަށް ވަޑައިގަންނަވާ މުދައްރިސުން ވެސް އެކަމާ ގަބޫލު. މުދައްރިސުން ކަމަށް ވާތީ އެ ބޭފުޅުން ވެސް އެނގިލައްވާ އަޅުގަނޑު މި ދައްކަނީ ރަނގަޅު ވާހަކަކަން. ސްކޫލު ތެރޭގައި އެ ބޭފުޅުންނަށް އަޅުގަނޑުމެން އިންތިޒާމު ހަމަޖައްސައިދޭން އެގޮތަށް ކިޔަވައިދޭން. އެހެންވީމާ ވަރަށް ހިތްހަމަޖެހިގެން އެ ބޭފުޅުން އެބަ އުޅުއްވާ،" މިނިސްޓަރު ވިދާޅުވި އެވެ.