Roadha Mihaaru
ޖުލައި މަހު އައި ޓޫރިސްޓުން 14 ޕަސެންޓު އިތުުރު

ޖުލައި މަހު އައި ޓޫރިސްޓުން 14 ޕަސެންޓު އިތުުރު

02 އޯގަސްޓް 2024

މިދިޔަ މަހު ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު 14 ޕަސެންޓަށް އިތުރުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިދިޔަ މަހު ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު 14 ޕަސެންޓަށް އިތުރުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމު ކުރި ތަފާސް ހިސާބުތަކުން އެނގޭ ގޮތުން މިދިޔަ މަހު ރާއްޖެއަށް އައީ 160،000 ޓޫރިސްޓުންނެވެ. މިދިޔަ އަހަރުގެ ޖުލައި މަހު ރާއްޖެއަށް އައިސްފައިވަނީ 140،000 ޓޫރިސްޓުންނެވެ. އެހެންވެ އެއީ 20،000 ޓޫރިސްޓުންގެ ފަރަގެކެވެ.

ޖުލައި މަހު ޓޫރިސްޓުން އިތުރުވީ، އޭގެ ކުރީ ދެ މަހު ޓޫރިސްޓުން އައި މިންވަރު ވަރަށް ބޮޑަށް ދަށްވުމަށް ފަހު އެވެ.

މިއަހަރުގެ ފުރަތަމަ ހަތް މަހު ރާއްޖެއަށް ވަނީ 1.1 މިލިއަން ޓޫރިސްޓުން އައިސްފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އަށް އައީ އެއް މިލިއަން ޓޫރިސްޓުންނެވެ. އެހެންވެ، މި އަހަރު އައި ޓޫރިސްޓުން ވަނީ 9.6 ޕަސެންޓަށް އިތުރު ވެފަ އެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރު ދެ މިލިއަން ޓޫރިސްޓުން ގެނައުމެވެ. އެކަމަކު އެ އަދަދު ހާސިލު ކުރަން ކުރިއަށް އޮތް ކޮންމެ މަހަކު 180،000 ޓޫރިސްޓުން ރާއްޖެއަށް އަންނަން ޖެހޭނެ އެވެ.

ޓޫރިސްޓުން އެންމެ ގިނައިން ރާއްޖެއަށް އަންނަނީ ޗައިނާ އިންނެވެ. އެގައުމުން ވަނީ 157،000 ޓޫރިސްޓުން އައިސްފަ އެވެ. ދެ ވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައި ރަޝިއާއިން ވަނީ 125،000 ޓޫރިސްޓުން އައިސްފަ އެވެ. ތިން ވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިނގިރޭސިވިލާތުންނެވެ. އެގައުމުން ވަނީ 104،000 ޓޫރިސްޓުން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފަ އެވެ.