Roadha Mihaaru
ޖިންސާ މެދު ސުވާލު އުފެދުނު އެތުލީޓަށް ލޯ މެޑަލް

ފިރިހެނެއް ކަމަށް ތުހުމަތުކުރެވުނު ބޮކްސިން ތެޅުންތެރިޔާ އަށް އަންހެން ބައިން ލޯ މެޑަލް

04 އޯގަސްޓް 2024

އެއީ ފިރިހެނެއް ކަމަށް ބުނެ، އޭނާ އޮލިމްޕިކްސް އިން ޑިސްކޮލިފައިކުރަން އެތައް ބަޔަކު ގޮވާލި އަލްޖީރިއާގެ ބޮކްސިން ތެޅުންތެރިޔާ އީމާން ޚެލީފް، މުބާރާތުގެ އަންހެނުންގެ 66 ކިލޯ ކެޓަގަރީން ލޯ މެޑަލް ކަށަވަރުކޮށްފި އެވެ.

އެއީ ފިރިހެނެއް ކަމަށް ބުނެ، އޭނާ އޮލިމްޕިކްސް އިން ޑިސްކޮލިފައިކުރަން އެތައް ބަޔަކު ގޮވާލި އަލްޖީރިއާގެ ބޮކްސިން ތެޅުންތެރިޔާ އީމާން ޚެލީފް، މުބާރާތުގެ އަންހެނުންގެ 66 ކިލޯ ކެޓަގަރީން ލޯ މެޑަލް ކަށަވަރުކޮށްފި އެވެ.

އީމާންގެ ނަން މަޝްހޫރުވީ މިދިޔަ ބުރާސްފަތި ދުވަހު އިޓަލީގެ އެންޖެލާ ކަރީނީއާ ދެކޮޅަށް ކުޅުނު މެޗުގެ 46 ވަނަ ސިކުންތުގައި އޭނާ އަމާޒުކުރި ބާރު ޝޮޓަކާ އެކު އެންޖެލާ މެޗު ދޫކޮށްލުމުންނެވެ.

އީމާން އަކީ ފިރިހެނެއް ކަމަށް ބަލައި، މިދިޔަ އަހަރުގެ ވޯލްޑް ބޮކްސިން ޗެމްޕިއަންޝިޕުން ޑިސްކޮލިފައިކޮށްފައިވާތީއާ އެކު، އެ ވަރުގަދަ ހަމަލާއާ ގުޅިގެން އޭނާ އަކީ ފިރިހެނެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފުރައްސާރަ އަމާޒުކުރި އެވެ. އަދި އަންހެނުންގެ ކެޓަގަރީން ފިރިހެނަކަށް ފުރުސަތު ދިނީ ކަމަށް ބުނެ އޮލިމްޕިކް ކޮމިޓީ އަށް ވެސް ނުރުހުން އަމާޒުކުރި އެވެ.

އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީން ބުނީ އީމާން އަށް ގޭމްސް އިން ފުރުސަތު ދިނީ، މެޑިކަލީ އެއީ އަންހެނެއް ކަމަށް ކަށަވަރުކޮށްފައި ކަމަށާއި، އޭނާ އަކީ ވިހޭއިރު ވެސް އަދި ފަހުން ވެސް އަންހެނެއް ކަމަށެވެ. އެ ކޮމިޓީން ބުނީ ބޮކްސިން ފެޑެރޭޝާނުން މިދިޔަ އަހަރުގެ ބޮކްސިން ޗެމްޕިއަންޝިޕުން އޭނާ ޑިސްކޮލިފައިކުރީ ފިރިހެން ހޯމޯނެއް ކަމަށްވާ ޓެސްޓޮސްޓޮރޯން މަތިވެފައިވާތީ ކަމަށެވެ.

އޭނާގެ ދިފާއުގައި ނުކުތް މީހުން ބުނަނީ ފިރިހެނުންގެ ގައިގައި ގިނައިން ހުންނަ އެ ހޯމޯން މަތިވުމަކީ، އެއީ ފިރިހެނެއް ކަމަށް ސީދާ ކަނޑައެޅޭ ސަބަބެއް ނޫން ކަމަށެވެ. އީމާންގެ ސިފައަށް ބަލައި އޭނާ އަށް ފުރައްސާރަކޮށް، ތަފާތުކުރުން ބަލައިނުގަނެވޭނެ ކަމަށް އަލްޖީރިއާ އިން ބުނެފައިވެ އެވެ. އަދި އޭނާގެ ކުޑައިރުގެ ފޮޓޯތައް އާއްމުކޮށް، އެއީ ސަތޭކަ ޕަސެންޓް އަންހެނެއް ކަމުގެ ޔަގީންކަން ވެސް ދީފައިވެ އެވެ.

އިޓަލީ ތެޅުންތެރިޔާ އަތުން މޮޅުވެ ކުއާޓާ ފައިނަލުން ޖާގަ ހޯދި އީމާން ލޯ މެޑަލް ކަށަވަރުކުރީ ކުއާޓާގައި އިއްޔެ ހަންގޭރީގެ އަނާ ލޫކާ ހަމޯރީ ބަލިކޮށްގެންނެވެ. އޮލިމްޕިކްސްގެ ބޮކްސިން އިވެންޓުގައި އޮންނަ ގޮތުން، ސެމީ ފައިނަލުން ބަލިވާ ދެ ތެޅުންތެރިންނަށް ވެސް ލޯ މެޑަލް ލިބޭނެ އެވެ.

އިއްޔެގެ މެޗަށް ފަހު ރޮވިފައި ހުރެ އީމާން ބުނީ މިއީ އޭނާގެ އަގު ހިފެހެއްޓުމަށް ކުރިމަތިލީ މެޗެއް ކަމަށެވެ. އޭނާގެ ކޯޗު ބުނީ އީމާންގެ ހިތްވަރަށް އެކަނި ވެސް މެޑެއްޔެއް ހައްގު ކަމަށެވެ.

އަލްޖީރިއާގެ ރައީސް އަބްދުލްމަޖީދު ޓެބޫން ވިދާޅުވީ އީމާން އަކީ އެ ގައުމާއި، އެ ގައުމުގެ އަންހެނުންނާއި، އެ ގައުމުގެ ބޮކްސިން އަށް ފަހުރާއި ޝަރަފް ގެނެސްދޭ އެތުލީޓެއް ކަމަށެވެ.

"އަނެއް ދެ ބުރުން (ސެމީ އާއި ފައިނަލް) ކޮންމެ ނަތީޖާއެއް ނުކުތަސް އަހަރެމެން ތިބޭނަން އީމާންއާ އެކުގައި،" ރައީސް ވިދާޅުވި އެވެ.