Roadha Mihaaru
"އާރުޑީސީ އޮތީ 837 މިލިއަން ރުފިޔާއިން ދަރާފައި"

ބޭކާރު ހަރަދުތަކުން ކުންފުނި އޮތީ 837 މިލިއަން ރުފިޔާއިން ދަރާފައި: އާރުޑީސީ

05 އޯގަސްޓް 2024

ކުރީގެ ސަރުކާރުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ން ވަރަށް ބޮޑެތި ބޭކާރު ހަރަދުތަކެއްކޮށް، ކުންފުނި އޮތީ 837 މިލިއަން ރުފިޔާ އިން ދަރާފައި ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހެއިރު މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކުރީގެ ސަރުކާރުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ން ވަރަށް ބޮޑެތި ބޭކާރު ހަރަދުތަކެއްކޮށް، ކުންފުނި އޮތީ 837 މިލިއަން ރުފިޔާ އިން ދަރާފައި ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހެއިރު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި ޒުހެއިރު ވިދާޅުވީ މި ސަރުކާރުން ކުންފުންޏާ ހަވާލުވި އިރު ގިނަ ލިޔެކިޔުންތައް އެއްގޮތަކަށް ވެސް ބަލަހައްޓާފައި ނުވާ ކަމަށެވެ. މިހާތަނަށް ލިބިފައި ހުރި ލިޔެކިޔުންތަކަށް ބަލާއިރު ކުންފުނީގައި 837 މިލިއަން ރުފިޔާގެ ދަރަނި ހުރި ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުގެ އެހީތެރިކަމާ އެކީ އޭގެ ތެރެއިން 152 މިލިއަން ރުފިޔާ އެކި ފަރާތްތަކަށް ވަނީ ދައްކައިފަ އެވެ.

"މިހާރު ޑެޓް މިއޮތީ 585 މިލިއަން ރުފިޔާ އަށް ތިރި ކުރެވިފައި،" ޒުހެއިރު ވިދާޅުވި އެވެ.

ސިޔާސީ ވަޒީފާތަކުގައި ކުރިން ގިނަ ބަޔަކު އުޅުނު ކުންފުނީގެ ދަރަނި ބޮޑުވި ސަބަބުތަކުގެ ތެރޭގައި އެކި މަޝްރޫއުތަކަށް ބޭނުންވާ އުޅަނދުތައް މާކެޓް ރޭޓަށް ވުރެ ބޮޑުކޮށް އަމިއްލަ ކުންފުނިތަކަކުން ކުއްޔަށް ނަގައިގެން ބޭނުންކުރުން ހިމެނެ އެވެ. އަދި ކުންފުންޏަށް ބޭނުން ނުވާ ވަރަށް ވެހިކަލްތައް ވެސް އިތުރަށް ކުއްޔަށް ނަގާފައިވާ ކަމަށާއި އެކަމާ ގުޅިގެން އެތައް މިލިއަން ރުފިޔާ ހަރަދު ކުރަން ޖެހިފައިވާ ކަމަށް ޒުހެއިރު ވިދާޅުވި އެވެ.

"މަހެއްގެ މައްޗަށް 15 މިލިއަނެއްހާ ރުފިޔާ އެބަ އަރާ ކުލީގެ ގޮތުގައި. އަޅުގަނޑުމެން މިހާރު ވަނީ ބައެއް އެއްޗެހި ދޫކޮށްލާފައި މާކެޓް ރޭޓަށް އަގުތައް ތިރިކޮށްފައި. އަދި 5-6 މިލިއަނަށް އެ އަދަދު ވެސް ދަށްކޮށްފައި،" ޒުހެއިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބޮޑު އަގުގައި ވެހިކަލްތައް ކުއްޔަށް ނެގުމުގެ އިތުރުން އާރުޑީސީން އުޅަނދުތައް ވެސް ގަނެފައި ހުރީ ލިބެން ހުރި އަގަށް ވުރެ ބޮޑުކޮށެވެ. ކުރިން މެޓީރިއަލްތައް ގަންނަ އަގަށް ވުރެ 35 ޕަސެންޓު އަގު ހެޔޮކޮށް މިހާރު ސާމާނު ގަނެގެން މަޝްރޫއުތައް ކުރިޔަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގާތްގަނޑަކަށް މިހާ ހިސާބަށް ހަރަދު ކުޑަ ކުރެވިގެން މިދިޔައީ 19 މިލިއަނެއްހާ ރުފިޔާ. އެއަށް ވުރެ އިތުރަށް ހަރަދު ކުޑަ ކުރެވޭނެ،" ޒުހެއިރު ވިދާޅުވި އެވެ.

"މިގޮތަށް ހިފެހެއްޓިއްޖެ ކަމަށްވާ ނަމަ 2024 ނިމޭއިރު 234 މިލިއަން ހަރަދު ކުޑަ ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

ޒުހެއިރު ވަނީ އާރްޑީސީގެ ކުރީގެ މެނޭޖްމަންޓުން ހިންގާފައިވާ ކޮރަޕްޝަން ކަމަށް ތުހުމަތުވާ ބައެއް މައްސަލަތައް ވެސް ކޮމިޓީގައި ހިއްސާކުރައްވައިފަ އެވެ. އެގޮތުން އެއްވެސް ލިޔެކިޔުމަކާ ނުލައި 161 މިލިއަން ރުފިޔާ އިންޓަނެޓް ބެންކިން މެދުވެރިކޮށް ޓްރާންސްފާ ކޮށްފައިވާ މައްސަލައަކާއި އެ ކުންފުނީގެ ސީއެފްއޯ އެކައުންޓަށް 90 މިލިއަން ރުފިޔާ ޖަމާވެ އެ ފައިސާ ވެސް އެފަދަ ގޮތަކަށް ދޫކޮށްފައިވާ މައްސަލަ ފާހަގަކުރެއްވި އެވެ.

ނަމަވެސް އެކަންކަމަކީ ފުލުހުންނާއި އޭސީސީން ތަހުގީގު ކުރާ މައްސަލަތަކަކަށް ވާތީ އެކަމުގައި ހިމެނޭ މީހުންނާއި ކުންފުނިތަކުގެ ނަންތަކެއް އޭނާ ހިއްސާ ނުކުރައްވަ އެވެ.