Roadha Mihaaru
އާ މެނޭޖުމެންޓުން ވާހަކަ ދެއްކީ އޮޅުވާލަން: މޫކޭ

ރަނގަޅަށް މައުލޫމާތު ސާފުނުކޮށް، އާ މެނޭޖުމަންޓުން ވާހަކަ ދެއްކީ އޮޅުވާލަން: މޫކޭ

11 އޯގަސްޓް 2024

ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ ކުރީގެ މެނޭޖްމަންޓުން ކަންކަން ކޮށްފައިވަނީ ކުންފުންޏަށް ގެއްލުންވާ ގޮތަށް ކަމަށް ބުނެ އެ ކުންފުނީގެ މިހާރުގެ މެނޭޖްމަންޓުން ވާހަކަ ދައްކާފައިވަނީ ރައްޔިތުންނަށް އޮޅުވާލުމުގެ ނިޔަތުގައި ކަމަށް އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) މިއަދު ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ ކުރީގެ މެނޭޖްމަންޓުން ކަންކަން ކޮށްފައިވަނީ ކުންފުންޏަށް ގެއްލުންވާ ގޮތަށް ކަމަށް ބުނެ އެ ކުންފުނީގެ މިހާރުގެ މެނޭޖްމަންޓުން ވާހަކަ ދައްކާފައިވަނީ ރައްޔިތުންނަށް އޮޅުވާލުމުގެ ނިޔަތުގައި ކަމަށް އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) މިއަދު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި އާރުޑީސީގެ ދަރަންޏާ ގުޅޭ ގޮތުންނާއި ލިޔެކިޔުން ނެތި ހަރަދުތަކެއް ކޮށްފައިވާ ކަމަށް ބުނެ އާ މެނޭޖުމަންޓުން ދައްކާފައިވަނީ މުޅިން ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ.

މިހާރުގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވިދާޅުވެފައިވާ ގޮތުގައި މިހާތަނަށް ލިބިފައި ހުރި ލިޔެކިޔުންތަކަށް ބަލާއިރު، އެ ކުންފުނި ވަނީ 837 މިލިއަން ރުފިޔާ އަށް ދަރައިފަ އެވެ. އެއްވެސް ލިޔެކިޔުމަކާ ނުލައި އިންޓަނެޓް ބެންކިން މެދުވެރިކޮށް 161 މިލިއަން ރުފިޔާ ޓްރާންސްފާ ކޮށްފައިވާ މައްސަލައަކާއި އާރުޑީސީގެ އޭރުގެ ސީއެފްއޯ އެކައުންޓަށް 90 މިލިއަން ރުފިޔާ ޖަމާކޮށް، އެ ފައިސާ ވެސް އެފަދަ ގޮތަކަށް ދޫކޮށްފައިވާ މައްސަލަ ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީގައި ޒުހައިރު ފާހަގަކުރެއްވި އެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވަމުން މޫކޭ ވިދާޅުވީ، ލިޔެކިޔުން ނެތި 161 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ބުނާ ބުނުމަކީ ބުހުތާނު ދޮގެއް ކަމަށެވެ. އެ ވަރުގެ ބޮޑު އަދަދެއް ކުރީގެ މެނޭޖްމަންޓުން ގެއްލުވާލާފައިވާ ނަމަ އެ ނުހޯދައި މިހާރު ތިބީ ކީއްވެގެން ކަމާ މެދު އޭނާ ސުވާލު އުފެއްދެވި އެވެ.

"ކީއްވެގެންތޯއޭ ތިއްބަވަނީ ގާތްގަނޑަކަށް 8 ވަރަކަށް މަހުގެ މުސާރަ އަޅުގަނޑުމެން ވާނުވާ ނޭނގި ގެއްލުވާލައިގެން ތިބިއިރު ބޮޑު ދައުލަތަކުން މަޖިލީހުގެ މެޖޯރިޓީ އެ އޮތީ، ދައުލަތް އޮތީ އެ ބޭފުޅުންގެ އަތް މަތީ. ކީއްވެގެންތޯ އަޅުގަނޑުމެން ގެންގޮސް ސުވާލެއް ވެސް ކޮށްނުލަނީ؟" މޫކޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަހުކޮޅު ފުލުހުން އާރުޑީސީގެ އޮފީހަށް ވަދެ ބަލައި ފާސްކުރުމަށް ފަހު، ހުރިހާ ލިޔެކިޔުމެއް ގެންދިޔަ ކަމަށާއި އެ ތަކެތި އަނބުރާ ކުންފުންޏަށް ފުލުހުން ރައްދު ކުރި ގޮތަށް "ގޯނިގޯނީގައި" ލިޔެކިޔުންތައް އަދިވެސް އެބަހުރި ކަމަށެވެ. އެ ލިޔެކިޔުންތައް ނަގައި ތަރުތީބު ކުރުމުގެ ކަންކަން އާ މެނޭޖްމަންޓުން ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ ކަންކަން އޮތް ގޮތް ރަނގަޅަށް ސާފު ނުކުރައްވައި ރަނގަޅަށް ނުބައްލަވައި ރައްޔިތުންނަށް އޮޅުވާލައި ދޮގު ހެދި ކަމަށް އަޅުގަނޑުމެންނަށް މި ފެންނަނީ،" މޫކޭ ވިދާޅުވި އެވެ.

އާރްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫކޭ: އާ މެނޭޖްމެންޓުން ވާހަކަ ދެއްކީ ރަނގަޅަށް ނުބަލައި، އޮޅުވާލަން ކަމަށް ވިދާޅުވި

އާރްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫކޭ: އާ މެނޭޖްމެންޓުން ވާހަކަ ދެއްކީ ރަނގަޅަށް ނުބަލައި، އޮޅުވާލަން ކަމަށް ވިދާޅުވި

މޫކޭ ވިދާޅުވީ، އާރުޑީސީއަކީ ސުމަކުން ފަށަން ޖެހުނު ކުންފުންޏެއް ކަމަށާއި ފުރަތަމަ މަސައްކަތް ކުރީ ވެސް ވަރަށް މަދު ވަސީލަތްތަކާ އެކު ކަމަށެވެ. ނަމަވެސް، އާރުޑީސީގެ ކަންކަން ހަރުދަނާ ކުރަން ވަރަށް ގިނަ މަސައްކަތް ކޮށްފައިވާ ކަމަށާއި ހަރަދު ކުރުމުގައި ވެސް ރަނގަޅު ސިޔާސަތުތަކެއް ގެންގުޅެފައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ޕްރޮކިއުމެންޓް ޕްރޮސެސް ފުރިހަމަ ކުރުމަކާ ނުލައި، އާރުޑީސީން އެއްވެސް ހަރަދެއް ކޮށްފައި ނުވާނެ ކަން ފާހަގަކުރެއްވި އެވެ.

މޫކޭ ވިދާޅުވި ގޮތުގައި، އާރުޑީސީގެ ދަރަންޏާ ގުޅޭ ގޮތުން ވެސް މި ސަރުކާރުން އެކި ފަހަރު ދައްކަނީ އެކި އަދަދުތަކެވެ. އެ އިން ވެސް އެނގެނީ ސިޔާސީ މަންފާއަކަށް ދައްކާ ވާހަކަތަކެއް ކަން ކަމަށް މޫކޭ ވިދާޅުވި އެވެ.

މޫކޭ ވިދާޅުވީ ސަރުކާރު ބަދަލުވި ފަހުން މިހާތަނަށް އާރުޑީސީގެ އޮޑިޓެއް ހަދާފައި ނެތް ކަމަށާއި އެހެންކަމުން މިހާރުގެ މެނޭޖްމަންޓުން އެކި އަދަދުތައް ހާމަކުރަނީ ކޮން ކަމަކަށް ބިނާކޮށް ކަން ވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ. މިދިޔަ ނުވަ މަސް ތެރޭގައި ކުންފުނީގެ ތަފާސްހިސާބުތައް ވެސް ޕީސީބީއަށް ފޮނުވާފައި ނުވާ ކަން މޫކޭ ފާހަގަކުރެއްވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި އާރުޑީސީގެ މިހާރުގެ ވެރިން ދެއްކެވި ވާހަކަތަކަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށް މޫކޭ ވަނީ މަޖިލީހުގައި އެދިވަޑައިގެންފަ އެވެ.

އާރްޑީސީގެ ކުރީގެ މެނޭޖްމެންޓަށް އާ މެނޭޖްމެންޓުން ކުރި ބައެއް ތުހުމަތުތައް:

- ލިޔެކިޔުމެއް ނެތި 161 މިލިއަން ވަނީ ރުފިޔާ ވަނީ ދޫކޮށްފައި.

- އިންޓަނެޓް ބޭންކިން މެދުވެރިކޮށް ފައިސާ ހުރީ ސީދާ ކުންފުނިތަކަށް ޓްރާންސްފާ ކޮށްފައި.

- ކުންފުނީގެ ބައެއް ވެރިންގެ އަމިއްލަ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވުން.

- ބޮޑު އަގުގައި ތަކެތި ގަތުމާއި ތަކެތި ކުއްޔަށް ހިފާފައިވުން.

- ބޭނުން ނުވާ ވަރަށް މުވައްޒަފުން ނަގާފައިވުން.

- މާލީ ކަންކަން ނުބެލެހެއްޓުމުގެ ސަބަބުން ކުންފުނި 837 މިލިއަން ރުފިޔާ އިން ދަރާފައިވުން.