Roadha Mihaaru

އެއް ދުވަސް ތެރޭގައި ރީޑިން ނަގައި ނިންމަން ސްޓެލްކޯގެ 350 މުވައްޒަފުން މާދަމާ ނިކުންނަނީ

ކަރަންޓު ބިލުގެ ރީޑިން ނެގުމުގެ މަސައްކަތް އެއް ދުވަސް ތެރޭގައި ނިިންމުމަށްޓަކައި މާލެ ސަރަހައްދުގައި ސްޓެލްކޯގެ 350 މުވައްޒަފުން މާދަމާ ނިކުންނާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

ރީޑިން ނަގަން 350 މުވައްޒަފުން މާދަމާ ނިކުންނަނީ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

26 ފެބުރުއަރީ 2025

ކަރަންޓު ބިލުގެ ރީޑިން ނެގުމުގެ މަސައްކަތް އެއް ދުވަސް ތެރޭގައި ނިިންމުމަށްޓަކައި މާލެ ސަރަހައްދުގައި ސްޓެލްކޯގެ 350 މުވައްޒަފުން މާދަމާ ނިކުންނާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

ސްޓެލްކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީ ޖެނެރަލް މެނޭޖަރު މުހައްމަދު ސަލީމް ވިދާޅުވީ މާދަމާ ރީޑިންގް ނެގުމަށްފަހު ދެން ރީޑިންގް ނަގާނީ ރޯދަ މަސް ނިމުމުން އަންނަ މަހުގެ 30 ވަނަ ދުވަހު ކަމަށެވެ.

އޭނާ ވިދާޅުވީ އެ ކުންފުނިން ހިދުމަތްދޭ ހުރިހާ ރަށެއްގެ ގޭބިސީގެ ރީޑިން ނަގައި އެއް ދުވަސް ތެރޭގައި ނިންމާލާނެ ކަމަށެވެ. މާލެ ސަރަހައްދުގައި ކަރަންޓް މީޓަރުގެ ރީޑިންގް ނެގުމަށްޓަކައި ސްޓެލްކޯގެ 350 މުވައްޒަފުން ހަރަކާތްތެރިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެގޮތަށް ހެދުމަށް މި ނިންމި ސަބަބަކީ މިދިޔަ އަހަރު ދެ ބިލުން ވެސް ޑިސްކައުންޓު ދޭން ޖެހުނު، ބިލް ކޮށްފައި ހުރިގޮތުން. އެހެންވެ، އެކަން ހައްލުކުރަން އެއް މަހަށް ބިލް ކުރާ ގޮތަށް މިފަހަރު މި ނިންމީ،" ސަލީމް ވިދާޅުވި އެވެ.

ސްޓެލްކޯއިން މީގެ ކުރިން ބިލް ތައްޔާރު ކުރާއިރު 12 ދުވަހުގެ ތަފާތު އުޅެ އެވެ. އެހެންވެ މިދިޔަ އަހަރު ބައެއް ގެތަކަށް ދެ މަހުގެ ކަރަންޓް ބިލުން ވެސް ޑިސްކައުންޓް ދޭން ޖެހުނެވެ.

އެކަން ތަކުރާރުވިޔަ ނުދިނުމަށް މިފަހަރުގެ ބިލު ތައްޔާރުކުރުމަށް ނިންމާފައިވަނީ މާދަމާ އާއި ރޯދަ މަހުގެ ފަހު ދުވަހު ރީޑިން ނެގުމަށްފަހު މުޅި މަހަށް ވަކި ހާއްސަ ބިލެއްގެ ގޮތުގައި ކަަމަށް ސްޓެލްކޯއިން ބުންޏެވެ.

ކަރަންޓު ބިލުން ޑިސްކައުންޓު ދިނުމުގައި ބަލާނީ މިދިޔަ އެއް އަހަރުގެ ކަރަންޓު ބޭނުންކޮށްފައިވާ މިންވަރަށް ބަލައިގެން ކަމަށާއި އަދި ޑިސްކައުންޓް ދޭނީ އިތުރުވާ އަދަދަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

މާދަމާ ރީޑިންގް ނަގަން ފަށާއިރު ރައްޔިތުން އެއްބާރުލުން ދިނުމަށް ސްޓެލްކޯއިން ވަނީ އެދިފަ އެވެ. އެގޮތުން ގޭގައި ގިނަވަގުތު ނޫޅޭނަމަ، އުޅޭނެ ވަގުތު ސްޓެލްކޯއަށް އަންގާލުމުން އެ އެ ވަގުތަކާ ދިމާކޮށް ރީޑިންގް ނަގަން މުވައްޒަފުން ދާނެ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.