Roadha Mihaaru
ބީއެމްއެލަށް އޮންލައިންކޮށް 80،000 އެޕްލިކޭޝަން ހުށަހަޅައިފި

ބީއެމްއެލްގެ އިންޓަނެޓް ބޭންކިން މެދުވެރިކޮށް 80،000 އެޕްލިކޭޝަން ހުށަހަޅައިފި

26 ޖެނުއަރީ 2021

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިންޓަނެޓު ބޭންކިން މެދުވެރިކޮށް ތަފާތު ޚިދުމަތްތައް ހޯދުމަށް މިދިޔަ ނުވަ މަސް ތެރޭގައި 80،000 އަށް ވުރެ ގިނަ އެޕްލިކޭޝަން ފޯމު ލިބިފައިވާ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިންޓަނެޓު ބޭންކިން މެދުވެރިކޮށް ތަފާތު ޚިދުމަތްތައް ހޯދުމަށް މިދިޔަ ނުވަ މަސް ތެރޭގައި 80،000 އަށް ވުރެ ގިނަ އެޕްލިކޭޝަން ފޯމު ލިބިފައިވާ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.

ބީއެމްއެލުން ބުނީ މީގެ ތެރޭގައި ހިމެނެނީ އިތުރު އެކައުންޓު ހުޅުވުމާއި ކްރެޑިޓާއި ޑެބިޓު ކާޑާއި ލުއި ލޯނުގެ އިތުރުން މަލުލޫމާތު ފޯމު އަޕްޑޭޓު ކުރުމަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަންތައް ކަމަށެވެ.

މިއީ މިދިޔަ އަހަރުގެ މާޗު މަހުން ފެށިގެން އެ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ހުށަހަޅާގައިވާ އެޕްލިކޭޝަންތައް ކަމަށް ވާއިރު، 2019 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 33 ޕަސެންޓުގެ އިތުރުވުމެއް އައިސްފައިވާ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

އެ ބޭންކުން ބުނިގޮތުގައި، ކޮވިޑް-19 ގެ ސަބަބުން ޚިދުމަތް ދިނުމުގައި ގިނަ ބަދަލުތަކެއް ގެނެސްފައި ވެ އެވެ. އެ ހާލަތުގައި ކަސްޓަމަރިންނަށް ލުއި ފަސޭހަކަމާ އެކު ޚިދުމަތް ހޯދުމަށް މަގުފަހި ކުރުމަށް ބީއެމްއެލް އިން އޮންލައިންކޮށް ގިނަ ކަންކަން ތައާރަފު ކޮށްފައި ވެ އެވެ. މީގެ ތެރޭގައި އިންޓަނެޓް ބޭންކިން އަށް އޮންލައިންކޮށް ރަޖިސްޓަރީ ކުރުމާއި ޑިޖިޓަލް ޕިންގެ ހިދުމަތުގެ އިތުރުން ޓީޓީ އަށް އެދި ހުށަހެޅުމާއި ޕޭރޯލްގެ ޚިދުމަތް ހޯދުމަށް އީމެއިލް ކުރެވޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

ބީއެމްއެލް އިން އަންނަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ ގަވައިދުރުކަން ބެހެއްޓުމުގެ އުސޫލޫތަކާ އެއްގޮތްވާ ގޮތުގެ މަތިން ބްރާންޗު ތަކުން ވެސް ހިދުމަތް ދެމުންނެވެ. އެކަމަކު، ޚިދުމަތް ހޯދަން ކުރިން އެޕޮއިންޓްމަންޓު ހައްދަން ޖެހެ އެވެ.

ކޮވިޑް-19ގެ ހާލަތުގެ ފަހު، އޮންލައިން ޚިދުމަތްތައް ބޭނުން ކުރާވަރު އިތުރުވެ، ބީއެމްއެލްގެ 90 ޕަސެންޓަށް ވުރެ ގިނަ ކަސްޓަމަރުން އިންޓަނެޓް ބޭންކިން ބޭނުން ކުރެ އެވެ.