Roadha Mihaaru
ވިނަރެސް ފްލެޓު އެކްސެސް ކޮންޓްރޯލް ބޭނުންކުރަން ފަށަނީ

ވިނަރެސް ފްލެޓުގެ އެކްސެސް ކޮންޓްރޯލް އަލުން ބޭނުންކުރަން ފަށަނީ

07 އޯގަސްޓް 2024

ވިނަރެސް ފްލެޓުގެ އެކްސެސް ކޮންޓްރޯލަށް ލިބުނު ގެއްލުން މަރާމާތުކުރުމަށް ފަހު، އަންނަ ހަފުތާގައި އެ ބޭނުންކުރަން ފަށަން ނިންމައިފި އެވެ.

ވިނަރެސް ފްލެޓުގެ އެކްސެސް ކޮންޓްރޯލަށް ލިބުނު ގެއްލުން މަރާމާތުކުރުމަށް ފަހު، އަންނަ ހަފުތާގައި އެ ބޭނުންކުރަން ފަށަން ނިންމައިފި އެވެ.

އެޗްޑީސީން ބުނީ އެކްސެސް ކޮންޓްރޯލް ސިސްޓަމާއި ދޮރަށް ލިބިފައިވާ ގެއްލުންތައް މަރާމާތުކުރުމަށް ފަހު، އަންނަ އާދިއްތަ ދުވަހުން ފެށިގެން އަލުން ބޭނުންކުރަން ފަށާނެ ކަމަށެވެ. އެހެންވެ، ވީހާ ވެސް އަވަހަކަށް ވިނަރެސް 10 ގެ މެނޭޖްމަންޓް އޮފީހުން އެކްސެސް ޓެގް ނެގުމަށް ވަނީ އެދިފަ އެވެ.

އެކްސެސް ކޮންޓްރޯލް ސިސްޓަމަކީ އިމާރާތުގައި ދިރިއުޅޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަން ގާއިމު ކޮށްފައިވާ އެއްޗަކަށް ވާތީ، އެ ތަކެއްޗަށް ގެއްލުން ދިނުމަކީ އެޗްޑީސީން ބުނިގޮތުގައި، އެ ހިދުމަތް ބޭނުންކުރާ އެންމެންގެ ހައްގަށް އުނިކަން ލިބޭނެ ކަމެކެވެ.

އެހެންވެ، އެ ތަކެއްޗަށް ގެއްލުންދޭ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

ވިނަރެސް ޓަވަރުތަކުގެ ތިރީ ދޮރުތަކުގައި އެކްސެސް ކޮންޓްރޯލް ސިސްޓަމް ހަރުކޮށް، ޓެގު ޖަހައިގެން ވަދެވޭ ގޮތް ހެދީ މިދިޔަ ޖޫން ފަހުކޮޅުގަ އެވެ. އެކަމަކު، ތިން ދުވަސް ފަހުން އެ ސިސްޓަމަށް ގެއްލުން ދިނުމުން ވަގުތީ ގޮތުން ހިދުމަތް ވަނީ މެދުކެނޑިފަ އެވެ.

ވިނަރެސްގެ ސެކިއުރިޓީ އިތުރަށް ހަރުދަނާ ކުރުމަށް އެޅި މި ފިޔަވަޅުގެ ދަށުން ކޮންމެ ފްލެޓަކަށް ވެސް ދޫކޮށްފައިވަނީ ފަސް އަންލޮކް ޓެގެވެ.