Roadha Mihaaru
އިންޑިއާ އިން އެހީވި 28މަޝްރޫއު ނިންމައި ހަވާލުކޮށްފި

އިންޑިއާގެ އެހީގައި 28 ރަށެއްގެ ފެނާއި ނަރުދަމާ ނިންމައި ހަވާލުކޮށްފި

10 އޯގަސްޓް 2024

އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން 28 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމްކުރަން ހިންގި މަޝްރޫއުތައް ނިންމައި، ލިއުން ދިވެހި ސަރުކާރާ މިއަދު ހަވާލުކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން 28 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމްކުރަން ހިންގި މަޝްރޫއުތައް ނިންމައި، ލިއުން ދިވެހި ސަރުކާރާ މިއަދު ހަވާލުކޮށްފި އެވެ.

މި މަޝްރޫއުތައް ހިންގީ ރާއްޖެ އާއި އިންޑިއާގެ އެގްޒިމް ބޭންކާ އެކު ސޮއިކުރި 800 މިލިއަން ޑޮލަރުގެ ކެރެޑިޓް ފެސިލިޓީ އެއްބަސްވުމުގެ ދަށުންނެވެ. މި އެއްބަސްވުމުގައި ސޮއިކުރީ، 2019 ވަނަ އަހަރު އެވެ.

ފެނާއި ނަރުދަމާ ގާއިމްކުރުމުގެ މި މަޝްރޫއުތައް ދިވެހި ސަރުކާރާ ހަވާލުކޮށްދެއްވީ، ރައީސް އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރެވެ.ރާއްޖެއިން އެ މަޝްރޫއުތަކާ ހަވާލުވެވަޑައިގަތީ ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެވެ.

އެ ރަސްމިއްޔާތުގައި، ޖައިޝަންކަރު ވިދާޅުވީ ރާއްޖެ އާއި އިންޑިއާ ދެމެދު އޮންނަނީ ހާއްސަ ގުޅުމެއް ކަމަށެވެ. އެއް ބަޔަކު އަނެއް ބަޔަކަށް ދިމާވާ ކޮންމެ ގޮންޖެހުމެއްގައި ދެގައުމުން ވެސް އެއްބާރުލުމާއި އެހީތެރިކަން ލިބޭ ކަމަށް ވިދާޅުވި އެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ރާއްޖޭގެ 28 ރަށެއްގައި ފެނާއި ނަރުދަމާ ގާއިމްކުރުމަށް ހިންގި މަޝްރޫއުތައް ރާއްޖެ ސަރުކާރާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު  ޖައިޝަންކަރު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ތަރައްގީ އަށް އެހީވުމަށް ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާގެ އެ މަޝްރޫތަކުން 28،000 އަށް ވުރެ ގިނަ މީހުންގެ އާބާދީއަކަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދެވިގެންދާނެ ކަމަށް ޖައިޝަންކަރު ވިދާޅުވި އެވެ.

އެ މަޝްރޫއުގެ ދަށުން، ނަރުދަމާ ނިޒާމް ގާއިމްކުރީ ގޭގެއަށް ނަރުދަމާ ހޮޅި ގުޅުމާއި ޕަންޕް ސްޓޭޝަން އެޅުމާއި މޫދަށް ހޮޅި ބޭރުކުރުން ހިމަނައިގެންނެވެ. ފެނުގެ ނިޒާމުގައި ބޭނުން ކޮށްފައި ވަނީ އެންމެ ފަހުގެ ވަސީލަތްތައް ކަމަށް ވެސް ޖައިޝަންކަރު ވިދާޅުވި އެވެ.

މިއަދު ހަވާލުކުރި މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ 22 ރަށެއްގައި ފެނުގެ ނިޒާމު ތަރައްގީ ކުރުމާއި ދެ ރަށެއްގެ ނަރުދަމާގެ ނިޒާމުގެ އިތުރުން ފެނާއި ނަރުދަމާގެ މަޝްރޫއުތައް އެކީ ކުރިއަށްގެންދިޔަ ހަތަރު ރަށެކެވެ.

އެ މަޝްރޫއުގެ މަސައްކަތްތަކުގެ ތެރެއިން ރަށްރަށުގައި ރިވާސް އޯސްމޯސިސް (އާރުއޯ) ޕްލާންޓްތައް ގާއިމުކުރުމާއި ފެން ރައްކާކުރާ ތާނގީތައް ބެހެއްޓުމާއި ފެންފޯރުކޮށްދިނުމަށް ހޮޅިއެޅުމާއި ފެން މީޓަރު ހަރުކުރުމާއި އޮފީސް އިމާރާތް ބިނާކުރުމާއި ލޮނުފެން ބޭރުކުރުމަށް މޫދަށް ހޮޅި ބޭރުކުރުން ހިމެނެ އެވެ.

އޮފީސް އިމާރާތުގެ ފުރާޅުގައި އިރުގެ އަވިން ހަކަތަ އުފައްދާ ނިޒާމު ގާއިމުކޮށް އާރުއޯ ޕްލާންޓްތައް ހިންގުމަށް ހޭދަކުރާ ހަކަތައިން ބައެއް، އިއާދަކުރުވަނިވި ހަކަތައިން ފޯރުކޮށްދިނުމުގެ ނިޒާމު ވެސް އެ މަޝްރޫއުގައި ގާއިމުކޮށްފައި ވެ އެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ރާއްޖޭގެ 28 ރަށެއްގައި ފެނާއި ނަރުދަމާ ގާއިމްކުރުމަށް ހިންގި މަޝްރޫއުތައް ރާއްޖެ ސަރުކާރާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމަނިއަމް ޖައިޝަންކަރު، ފޮރިން މިނިސްޓަރު މޫސާ ޒަމީރާ ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް

އިންޑިއާގެ އެހީގައި ކުރިއަށް ގެންދިޔަ މަޝްރޫއުތައް

ހއ. ކެލާގައި ފެނުގެ ނިޒާމް ގާއިމް ކުރުން

ށ. ފުނަދޫގައި ފެނުގެ ނިޒާމް ގާއިމްކުރުން

ނ. މަނަދޫގައި ފެނުގެ ނިޒާމް ގާއިމްކުރުން

އއ. ތޮއްޑޫގައި ނަރުދަމާގެ ނިޒާމް ގާއިމްކުރުން

އދ. ދަނގެތީގައި ނަރުދަމާ ނިޒާމް ގާއިމްކުރުން

ކ. ކާށިދޫގައި ފެނުގެ ނިޒާމް ގާއިމްކުރުން

ޅ. ކުރެންދޫގައި ފެނުގެ ނިޒާމް ގާއިމްކުރުން

ވ. ފެލިދޫގައި ފެނުގެ ނިޒާމް ގާއިމްކުރުން

ވ. ފުލިދޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުން

ވ. ތިނަދޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުން

ދ. ބަނޑިދޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުން

ދ. މީދޫގައި ފެނުގެ ނިޒާމް ގާއިމްކުރުން

ފ. ދަރަނބޫދޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުން

ފ. ބިލެއްދޫގައި ފެނުގެ ނިޒާމް ގާއިމްކުރުން

ލ. މާބައިދޫގައި ފެނުގެ ނިޒާމް ގާއިމްކުރުން

ލ. އިސްދޫ-ކަލައިދޫގައި ފެނުގެ ނިޒާމް ގާއިމްކުރުން

ލ. މާމެންދޫގައި ފެނުގެ ނިޒާމް ގާއިމްކުރުން

ލ. ގަމުގައި ފެނުގެ ނިޒާމް ގާއިމްކުރުން

މ. ކޮޅުފުށީގައި ފެނުގެ ނިޒާމް ގާއިމްކުރުން

މ. މުލީގައި ފެނުގެ ނިޒާމް ގާއިމްކުރުން

މ. މަޑުއްވަރީގައި ފެނުގެ ނިޒާމް ގާއިމްކުރުން

ތ. ހިރިލަންދޫގައި ފެނުގެ ނިޒާމް ގާއިމްކުރުން

ގއ. މާމެންދޫގައި ފެނުގެ ނިޒާމް ގާއިމްކުރުން

ގއ. ދާންދޫގައި ފެނުގެ ނިޒާމް ގާއިމްކުރުން

ގއ. ގެމަނަފުށީގައި ފެނުގެ ނިޒާމް ގާއިމްކުރުން

ގދ. ފަރެސްމާތޮޑާގައި ފެނުގެ ނިޒާމް ގާއިމްކުރުން

ގދ. ހޯނޑެއްދޫގައި ފެނުގެ ނިޒާމް ގާއިމްކުރުން

ގދ. މަޑަވެލީގައި ފެނުގެ ނިޒާމް ގާއިމްކުރުން