Roadha Mihaaru
50،000ރ. ނަގަން ފާސްކުރީ ސަލީމްގެ ވޯޓާއެކު!

50،000ރ. ގެ ޖޫރިމަނާއާ މެދު ހިޔާލު ތަފާތުވެ ފާސްކުރަން ޖެހުނީ ސަލީމްގެ ވޯޓާ އެކު!

14 އޯގަސްޓް 2024

ރާއްޖެ އަށް ބިދޭސީ މަސައްކަތްތެރިން ގެނައުމަށް ފަހު، އެ މީހުންނާ މެދު އިހުމާލުވާ ފަރާތްތައް ނުވަތަ ވަޒީފާ ދޭ މީހުންނަށް ހަރުކަށި ފިޔަވަޅު އެޅުމަށްޓަކައި ބޮޑު އަދަދަކުން ޖޫރިމަނާ ކުރުމަށް ގާނޫނަށް ގެންނަން ހުށަހެޅި އިސްލާހާ މެދު ކޮމިޓީގެ މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވުމުން، އެންމެ ފަހުން އެ އިސްލާހު ފާސްކުރަން ޖެހުނީ އެ ކޮމިޓީގެ މުގައްރިރު އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް) ގެ ވޯޓުންނެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ރާއްޖެ އަށް ބިދޭސީ މަސައްކަތްތެރިން ގެނައުމަށް ފަހު، އެ މީހުންނާ މެދު އިހުމާލުވާ ފަރާތްތައް ނުވަތަ ވަޒީފާ ދޭ މީހުންނަށް ހަރުކަށި ފިޔަވަޅު އެޅުމަށްޓަކައި ބޮޑު އަދަދަކުން ޖޫރިމަނާ ކުރުމަށް ގާނޫނަށް ގެންނަން ހުށަހެޅި އިސްލާހާ މެދު ކޮމިޓީގެ މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވުމުން، އެންމެ ފަހުން އެ އިސްލާހު ފާސްކުރަން ޖެހުނީ އެ ކޮމިޓީގެ މުގައްރިރު އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް) ގެ ވޯޓުންނެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ވަޒީފާއާ ބެހޭ ގާނޫނަށް ގެންނަ އިސްލާހުތައް ކޮމިޓީ މަރުހަލާގައި އިއްޔެ ވަނީ ފާސްކޮށްފަ އެވެ. މެމްބަރުންގެ މެދުގައި ކުރި ބަހުސް އެންމެ ބޮޑަށް ހޫނުވެ، ހިޔާލު ތަފާތުވީ ބިދޭސީންނާ މެދު އިހުމާލުވާ މީހުން ނުވަތަ ވަޒީފާ ދޭ ފަރާތްތައް 50،000ރ. އިން ޖޫރިމަނާ ކުރުމަށް ހިމަނާފައިވާ މާއްދާއާ މެދުގަ އެވެ.

އެ މާއްދާ ފާސްކުރަން ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި ނެގި ވޯޓުގައި، އެ މާއްދާ އަށް ބަދަލެއް ނުގެނެސް ފާސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ހަތަރު މެންބަރުންނެވެ. އެއީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދާއި ކާށިދޫ ދާއިރާގެ މެންބަރު މުންތަސިމް އިބްރާހިމާއި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާންގެ އިތުރުން ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ.

ބިދޭސީންނާ މެދު އިހުމާލުވާ މީހުން ނުވަތަ ވަޒީފާ ދޭ ފަރާތްތައް 50،000ރ. އިން ޖޫރިމަނާ ކުރުމަށް ކޮމިޓީ މަރުހަލާގައި ދެކޮޅު ހައްދަވައި ވޯޓު ދެއްވީ މުޅިން ވެސް ވިޔަފާރިވެރިންނެވެ. އެއީ ގިނަ އަަދަދަކަށް ބިދޭސީ މުވައްޒަފުން ގެންގުޅޭ ކުންފުނިތަކުގެ ވެރިންނެވެ.

ޖޫރިމަނާ ބޮޑުކުރުމާ ދެކޮޅަށް ވޯޓު ދެއްވި މެންބަރުން:

- މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް

- މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް

- ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ)

- ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން މޫސާ

ބިދޭސީންނާ މެދު އިހުމާލުވާ މީހުން 50،000ރ. އިން ޖޫރިމަނާ ކުރުމާ ގުޅޭ މާއްދާ ފާސްކުރުމަށް އެހި ވޯޓު އެއްވަރުވުމުން، އެ މާއްދާ އަށް އިސްލާހެއް ނުގެންނަ ފެންނަ ކަމަށް ފާސްކުރަން ޖެހުނީ ކޮމިޓީގެ މުގައްރިރު އަދި މާލޭގައި އެންމެ ފުޅާކޮށް ރީޓެއިލް ވިޔަފާރި ހިންގާ ވިޔަފާރިވެރިންގެ ތެރޭގައި ހިމެނޭ ސަލީމްގެ ވޯޓާއެކުގަ އެވެ. ސަލީމަކީ ވަރަށް ގިނަ ބިދޭސީ މުވައްޒަފުން ވެސް ގެންގުޅުއްވާ ވިޔަފާރިވެރި އެކެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ގެންނަ އިސްލާހު ދިރާސާކުރުމަށް އިއްޔެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ކުރިއަށް ދިޔަ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު ސަލީމް -- ފޮޓޯ: މަޖިލިސް

ވަޒީފާއާ ބެހޭ ގާނޫނަށް ގެންނަ އިސްލާހު ދިރާސާކުރުމަށް އިއްޔެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ކުރިއަށް ދިޔަ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު ސަލީމް -- ފޮޓޯ: މަޖިލިސް

ބިލު ދިރާސާކުރުމުގެ މަރުހަލާގައި ދެކޮޅަށް ވޯޓު ދެއްވި ގާސިމާއި ޣަފޫރު ވަނީ އެ މާއްދާއާމެދު ނުރުހުން ވެވަޑައިގެން ވާހަކަ ދައްކަވައިފަ އެވެ.

ގާސިމް ވިދާޅުވީ މި ގޮތަށް ރައްޔިތުން "އިނދަ ޖައްސާލައި" ގާނޫނުތައް ފާސްކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. އެ ވާހަކައަށް ތާއީދު ކުރައްވައި، ޣަފޫރު ވިދާޅުވީ ކޮންމެ ބިދޭސީއެއްގެ ރޭޓުން 50،000ރ. ގެ ޖޫރިމަނާއެއް ނެގުމަކީ މާ ބޮޑު އަދަބެއް ކަމަށާއި ކަމުގެ ކުޑަބޮޑު މިނަށް ބަލައި ލުއި ގޮތެއް ހަމަޖައްސައިދޭން ޖެހޭ ކަމަށެވެ.

ދެކޮޅު ހެއްދެވި މެންބަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އިހުމާލުވާ ކޮންމެ ބިދޭސީއަކަށް އެ އަދަދުގެ ޖޫރިމަނާއެއް ދައްކަން ޖެހުމެވެ.

ޣަފޫރު ވިދާޅުވީ ކޮންމެ އިހުމާލަކުން އެ އަދަދުން ޖޫރިމަނާ ކުރާ ނަމަ އެ ކަމުގައި ޝާމިލްވާ މީހުން ވަރަށް ދަތި ހާލަތަކަށް ވެއްޓޭނެ ކަމަށެވެ.

ދެކޮޅަށް ވޯޓު ދެއްވި ހަންނާން ވެސް ވަނީ މި ގޮތަށް އޮތުމުން ގެއްލުން ވެދާނެ ކަމަށާއި އިހުމާލުގެ ކުޑަބޮޑުމިނަށް ބަލައި ޖޫރިމަނާގެ ރޭންޖެއް އޮންނަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ގެންނަ އިސްލާހު ދިރާސާކުރުމަށް އިއްޔެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ކުރިއަށް ދިޔަ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: މަޖިލިސް

ވަޒީފާއާ ބެހޭ ގާނޫނަށް ގެންނަ އިސްލާހު ދިރާސާކުރުމަށް އިއްޔެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ކުރިއަށް ދިޔަ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: މަޖިލިސް

ކޮމިޓީގައި ތިއްބަވާ ސަރުކާރުގެ މެންބަރުން ވިދާޅުވީ، ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ މަގުސަދަކީ ވަކި ބަޔަކަށް ދެރައެއް ދިނުން ނޫން ކަމަށެވެ. އެ ބޭފުޅުން ވިދާޅުވި ގޮތުގައި، މައިގަނޑު މަގުސަދަކީ ގައުމަށް ދިމާވެފައިވާ ބިދޭސީންގެ "ބޮޑު މައްސަލަ" ހަރުކަށި ފިޔަވަޅު އަޅައިގެން ވެސް ހައްލު ކުރުން ކަމަށެވެ.

މާއްދާގައި ބަޔާންކުރާ ގޮތް:

ކޮމިޓީން ފާސްކުރި އިސްލާހުގައިވާ ގޮތުން ބިދޭސީ މަސައްކަތްތެރިންނާ މެދު އިހުމާލުވެއްޖެކަން ސާބިތުވެއްޖެ ނަމަ ވަޒީފާ ދިން ފަރާތް، ކޮންމެ ބިދޭސީއެއްގެ ބޮލަށް 50،000ރ. ގެ ރޭޓުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އެ ފަރާތްތަކުގެ މައުލޫމާތު އާންމުކޮށް ފެންނާނެހެން އިއުލާނު ކުރަން ޖެހެ އެވެ.

އިހުމާލުގެ އަމަލުތައް ތަކުރާރުވާ ނަމަ ޖޫރިމަނާގެ އިތުރުން ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ ގޮތުން ވަޒީފާ ދޭ ފަރާތުން ދޭ ހިދުމަތްތައް ވަކި މުއްދަތަކަށް މެދުކަނޑާލެވޭނެ ކަމަށް ވެސް މާއްދާގައި ވެ އެވެ.

ބިލުގައިވާ ގޮތުން އިހުމާލުގެ އަމަލެއްގެ ގޮތުގައި މުސާރަ ނުދިނުމާއި އަސާސީ ކަންކަން ފުރިހަމަ ކޮށް ނުދިނުމާއި ބިދޭސީން ލައްވާ ގާނޫނާ ހިލާފު އަމަލުތައް ހިންގުވުމުގެ އިތުރުން ބިދޭސީ މީހާ ގެންނަ ވަޒީފާ ނޫން އިތުރު ވަޒީފާއެއް އަދާކުރުވުން ހިމެނެ އެވެ.

އެ އިސްލާހާ މެދު އެންމެ ފަހުގެ ގޮތް ނިންމާނީ މަޖިލިހުގެ ތަޅުމުންނެވެ. އަދި އެ މައްސަލަ މަޖިލިހަށް އެޖެންޑާއެއް ނުކުރެ އެވެ.