Roadha Mihaaru
ގާސިމްގެ ރުޅިގަނޑު މިއަދު ވެސް ކޮންޓްރޯލެއް ނުވި!

ބިދޭސީންނާ ގުޅޭ ކަންކަން ހަރުކަށި ކުރަން އުޅުމުން ގާސިމްގެ ރުޅިގަނޑު މިއަދު ވެސް ފަޅައިގެން ހިނގައްޖެ

13 އޯގަސްޓް 2024

ރާއްޖެ އަށް ބިދޭސީ މަސައްކަތްތެރިން ގެނައުމަށް ފަހު، އިހުމާލުވާ މީހުންނާ މެދު އަޅާ ފިޔަވަޅު ހަރުކަށި ކުރަން ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު ފާސްކުރަން ސަރުކާރުގެ މެންބަރުން ތާއީދު ކުރައްވާތީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިއަދު ނުރުހުން ފާޅުކުރައްވައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ރާއްޖެ އަށް ބިދޭސީ މަސައްކަތްތެރިން ގެނައުމަށް ފަހު، އިހުމާލުވާ މީހުންނާ މެދު އަޅާ ފިޔަވަޅު ހަރުކަށި ކުރަން ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު ފާސްކުރަން ސަރުކާރުގެ މެންބަރުން ތާއީދު ކުރައްވާތީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިއަދު ނުރުހުން ފާޅުކުރައްވައިފި އެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުގައިވާ ގޮތުން، ރާއްޖެ އަށް ބިދޭސީ މަސައްކަތްތެރިން ގެނައުމަށް ފަހު، އިހުމާލުވާ ފަރާތްތަކުގެ މައުލޫމާތު އާންމުކޮށް، ކޮންމެ ބިދޭސީއަކަށް 50،000ރ. ގެ މަގުން ވަޒީފާ ދޭ ފަރާތް ޖޫރިމަނާ ކުރެވޭނެ އެވެ.

އެ ބިލް ދިރާސާ ކުރުމުގެ މަސައްކަތް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ކުރަމުން އަންނައިރު، މިއަދުގެ ކޮމިޓީގެ ބައްދަލުވުމުގައި، މި ސަރުކާރަށް ތާއީދު ކުރައްވާ ގާސިމް ވިދާޅުވީ، އެ އިސްލާހުގައި ބަޔާން ކޮށްފައިވާ ހުރިހާ މާއްދާއަކާ އޭނާ ދެކޮޅު ކަމަށާއި މިއީ ރައްޔިތުންނަށް ދޭ ވަރަށް ބޮޑު ނިކަމެތި ކަމެއް ކަމަށެވެ.

މެންބަރަކަށް ހޮވިވަޑައިގެން އަދި މި ތަނަށް އަޔަކަސް ދައުލަތެއް ހިންގުމުގައި ހުރި ވިސްނުމާއި ހިޔާލާތާއި ގައުމެއްގެ ހަމަޖެހުމާއި އިގްތިސޯދު ބިނާކުރުމުގެ ކަންތައްތައް ކިހާ ވަރަކަށްތޯ [މި މެންބަރުންނަށް] އެނގިވަޑައިގަންނަވަނީ؟ މި ކަންތައްތައް އިހުސާސް ނުކުރެވޭ މީހުން މި ތަނަށް އައިސް މެންބަރުންނޭ ކިޔައިގެން ވާހަކަ ދެއްކީމާ މާކަ އަޑު ތާހިރެއް ނުވާނެ،"--- ގާސިމް

ގާސިމް ވިދާޅުވީ މި ގޮތަށް ރައްޔިތުން "އިނދަ ޖައްސާލައި" ގާނޫނުތައް ފާސްކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ.

"ފަންސާސް ހާސް ރުފިޔާ ލިބެނީ ކިތައް މީހުންނަށްތޯ ބައްލަވާލައްވާ. ފަންސާސް ހާސް ރުފިޔާ ހޯދަން މީހަކު ކިހާ މަސައްކަތެއް ކުރަން ޖެހޭތޯ؟" ވަރަށް ބޮޑަށް ކޯފާ އިސްކުރައްވައި ގާސިމް ވިދާޅުވި އެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތައް ދިރާސާ ކުރުމަށް އިއްޔެ ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ވެސް ގާސިމް ވަނީ ހިތްހަމަޖެހިވަޑައިނުގެން ސަރުކާރަށް އަމާޒު ކުރައްވައި ވާހަކަ ދައްކަވައިފަ އެވެ. އޭނާ ވިދާޅުވީ، ރާއްޖެ އަށް ބިދޭސީ މަސައްކަތްތެރިން ގެންނަން ދައްކަން ޖެހޭ ފީތައް ބޮޑުކުރަން ވެސް ދެކޮޅު ކަމަށެވެ.

ގާސިމް އިއްޔެ ވިދާޅުވި ގޮތުގައި ބިދޭސީ މަސައްކަތްތެރިންގެ ފީތައް ބޮޑު ކުރުމުން ކޮންސްޓްރަކްޝަން ވިޔަފާރިތައް ދެކޮޅު ނުޖެހި އިންފްލޭޝަން ވަރަށް ބޮޑަށް މައްޗަށް ދާނެ އެވެ. އެގޮތަށް ހަރަދުވާ ނަމަ އިގްތިސާދީ ހާލަތު ދާނީ ހައްތަހާ ވެސް ގޯސްކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.

ބިދޭސީ މަސައްކަތްތެރިން ގެނައުމަށް ފަހު، އިހުމާލުވާ މީހުންނާ މެދު އަޅާ ފިޔަވަޅު ހަރުކަށި ކުރަން ހުށަހަޅާފައިވާ އިސްލާހު ފާސްކުރަން ދެކޮޅު ހައްދަވައި ގާސިމް މިއަދު ދެއްކެވި ވާހަކަ އަށް ތާއީދު ކުރެއްވި، ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވީ ކޮންމެ ބިދޭސީއެއްގެ ރޭޓުން 50،000ރ. ގެ ޖޫރިމަނާއެއް ނެގުމަކީ މާ ބޮޑު އަދަބެއް ކަމަށާއި ކަމުގެ ކުޑަބޮޑު މިނަށް ބަލައި ލުއި ގޮތެއް ހަމަޖައްސައިދޭން ޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވީ ކޮންމެ އިހުމާލަކުން އެ އަދަދުން ޖޫރިމަނާ ކުރާ ނަމަ އެ ކަމުގައި ޝާމިލްވާ މީހުން ވަރަށް ދަތި ހާލަތަކަށް ވެއްޓޭނެ ކަމަށެވެ.

ކޮމިޓީގައި ތިއްބަވާ ސަރުކާރުގެ މެންބަރުން ވިދާޅުވީ، ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ މަގުސަދަކީ ވަކި ބަޔަކަށް ދެރައެއް ދިނުން ނޫން ކަމަށެވެ. އެ ބޭފުޅުން ވިދާޅުވި ގޮތުގައި، މައިގަނޑު މަގުސަދަކީ ގައުމަށް ދިމާވެފައިވާ ބިދޭސީންގެ "ބޮޑު މައްސަލަ" ހަރުކަށި ފިޔަވަޅު އަޅައިގެން ވެސް ހައްލު ކުރުން ކަމަށެވެ.

ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ މެންބަރުން ވަނީ ހަރުކަށި އަދަބު ދެވޭ ގޮތަށް، ބިލްގައި ހުރި ހުރިހާ މާއްދާއެއް އޮތް ގޮތަށް ފާސްކުރުމަށް ހުށަހަޅުއްވައިފަ އެވެ.

ސަރުކާރު މެންބަރުންގެ ވާހަކަތަކާ ގުޅިގެން އިތުރަށް ކޯފާ އިސްކުރައްވައި ގާސިމް ވިދާޅުވީ، އެ މެންބަރުން ވާހަކަ ދައްކަވަނީ ޖަޒުބާތުގައި ޖެހިގެން ކަމަށާއި ބިދޭސީން ގެންގުޅުމަކީ ކިހާ ވަރެއްގެ ކަމެއް ކަން އެ މެންބަރުންނަށް އެނގިވަޑައިގަންނަވާތޯ ސުވާލު އުފެދޭ ކަމަށެވެ.

"މެންބަރަކަށް ހޮވިވަޑައިގެން އަދި މި ތަނަށް އަޔަކަސް ދައުލަތެއް ހިންގުމުގައި ހުރި ވިސްނުމާއި ހިޔާލާތާއި ގައުމެއްގެ ހަމަޖެހުމާއި އިގްތިސޯދު ބިނާކުރުމުގެ ކަންތައްތައް ކިހާ ވަރަކަށްތޯ [މި މެންބަރުންނަށް] އެނގިވަޑައިގަންނަވަނީ؟ މި ކަންތައްތައް އިހުސާސް ނުކުރެވޭ މީހުން މި ތަނަށް އައިސް މެންބަރުންނޭ ކިޔައިގެން ވާހަކަ ދެއްކީމާ މާކަ އަޑު ތާހިރެއް ނުވާނެ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް: ބިދޭސީންނަށް އިހުމާލުވާ މީހުންނަށް ކުރާ ޖޫރިމަނާ ބޮޑުވުމުން ގާސިމް ވަނީ ނުރުހުން ފާޅުކުރައްވާފައި --- ފޮޓޯ/މިހާރު

ގާސިމް: ބިދޭސީންނަށް އިހުމާލުވާ މީހުންނަށް ކުރާ ޖޫރިމަނާ ބޮޑުވުމުން ގާސިމް ވަނީ ނުރުހުން ފާޅުކުރައްވާފައި --- ފޮޓޯ/މިހާރު

ގާސިމް ވިދާޅުވީ މި ފަދަ ވާހަކަތައް ދައްކައި ގާނޫނު މިގޮތަށް އިސްލާހު ކުރަން މަސައްކަތް ކުރާއިރު "އަނގައިން ނުބުނެ" ނުތިބޭނެ ކަމަށެވެ.

އެކަމަކު، ރައްޔިތުންގެ މަޖިލިހުގައި މިއަދު މެޖޯރިޓީގެ ބާރު އޮތުމުން ފާސްކުރެވިދާނެ ކަމަށާއި ނަމަވެސް "އަމިއްލަ އަށް ފޭހޭ އިލޮށިގަނޑު އަމިއްލަ ލޮލަށް ހެރޭ ތަން" އަދި ފެންނާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެންމެ ފަހުން ވެރިކަން ކުރެއްވި ރައީސް އަބްދުﷲ ޔާމީނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެސް ފެނުނީ އެ މަންޒަރު ކަމަށާއި މިހާރުގެ ސަރުކާރަށް ވެސް ވާނީ ހަމަ އެ ގޮތް ކަމަށެވެ.

"ހައްގު ބަސް އަދި ތެދު ބަސް ބުނީމާ އެ އަށް ޖަދަލު ކުރަން އުޅުނަސް އަޅުގަނޑަށް އެ އަށް ފަރުވާލެއް ނެތް. އަޅުގަނޑު ބުނާނަން ބުނަން ބޭނުންވާ އެއްޗެއް،" ގާސިމް ވިދާޅުވި އެވެ.

ބިލް އޮތް ގޮތަށް ފާސްކުރަން ސަރުކާރު މެންބަރުން ބާރު އަޅުއްވާތީ ގާސިމް ވަނީ މިއަދު ވެސް ވަރަށް ނުރުހުން ފާޅުކުރައްވައިފަ އެވެ. ގާސިމް ވަނީ އެގޮތަށް އެކަން ކުރާ ނަމަ ބިލް ކޮމިޓީ އަށް ފޮނުވައިގެން ދިރާސާކުރުމުގެ ބޭނުމަކީ ކޮބައިތޯ ސުވާލު އުފައްދައި ވާހަކަ ދެއްކެވި އެވެ.

މި ބިލު އިސްލާހު ކުރުމުގެ ދިރާސާކުރުމަށް އިއްުޔެ ބޭއްވި ކޮމިޓީގައި ވެސް ގާސިމް ވަނީ ސަރުކާރަށް ގޮންޖައްސަވައި އެ ބަދަލު ގެންނަން ތަކުރާރުކޮށް، ދެކޮޅު ހައްދަވައިފަ އެވެ.

ކޮމިޓީން މިއަދު ވަނީ ގެނެސްފައިވާ އިސްލާހުތަކާ އެކު ބިލު ފާސްކޮށްފަ އެވެ. ބިލް ފާސްކުރީ ހަރުކަށި ފިޔަވަޅު އަޅަން ކަނޑައަޅާފައި ހުރި މާއްދާތަކަށް އެއްވެސް ބަދަލެއް ނުގެނެސް އެވެ.