Roadha Mihaaru
ގެއްލުންވި ގެތަކުން 23 މީހަކު ވަގުތީ ހިޔާއަށް

ދިރިނޫޅެވޭވަރަށް ގެއްލުންވި ގެތަކުން 23 މީހަކު ވަގުތީ ހިޔާއަށް

14 އޯގަސްޓް 2024

މާލެއަށް އާދަޔާހިލާފަށް އިއްޔެ ވާރޭ ވެހި، ގެތަކަށް ފެން ވަދެ ލިބުނު ގެއްލުންތަކާ ގުޅިގެން 23 މީހަކު ވަގުތީ ހިޔާއަށް ބަދަލުކޮށްފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މާލެއަށް އާދަޔާހިލާފަށް އިއްޔެ ވާރޭ ވެހި، ގެތަކަށް ފެން ވަދެ ލިބުނު ގެއްލުންތަކާ ގުޅިގެން 23 މީހަކު ވަގުތީ ހިޔާއަށް ބަދަލުކޮށްފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.

ހުޅަނގު މޫސުމުގެ ބާރުގަދަވެ ކުރި ވިއްސާރާގައި އިއްޔެ ރާއްޖެއިން އެންމެ ބޯކޮށް ވާރޭވެހުނީ މާލެއަށެވެ. މާލެ އަށް 89.4 މިލިމީޓަރުގެ ވާރޭވެހުނު ކަމަށް މެޓް އޮފީހުގެ ހިސާބުތަކުން ދައްކަ އެވެ.

ބޯ ވިއްސާރައިގައި މާލޭގެ މަގުތަކުގައި ވަރަށް ބޮޑަށް ފެން ބޮޑުވެ، އެކި ކަހަލަ އެހީތެރިކަން ބޭނުންވެގެން 256 ފަރާތަކުން ރިޕޯޓްކުރި ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ. އަދި ދިރިނޫޅެވޭ ވަރުވެފައިވާތީ ފަސް އާއިލާއެއް ވަގުތީ ހިޔާއަށް ބަދަލުކޮށްފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ. އެއީ 23 މީހެކެވެ.

ފެން ބޮޑުވެ، ނަރުދަމާގެ މައްސަލަތައް ދިމާވެގެން 12 ގެއަކުން ވެސް ރިޕޯޓުކުރި އެވެ.

ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ގެއްލުން ލިބޭ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވަނީ ހާއްސަ ޓާސްކްފޯހެއް ވެސް އުފައްދަވައިފަ އެވެ.

މިއަދަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ހަމަޖެއްސެވީ ވަރަށް ގިނަ ރަށްތަކަށް ބޯކޮށް ވާރޭވެހި، މޫސުން ގޯސްވާނެ ކަމަށް މެޓުން ލަފާކޮށްފައިވާތީ ކިޔަވާ ކުދިންނާއި ވަޒީފާ އަދާކުރާ ފަރާތްތަކަށް ވެސް ދަތުރުފަތުރުކުރުމާއި ހިނގާބިނގާވެ އުޅެން ދަތިވާނެތީ ލުޔެއް ހޯދައިދެއްވުމަށެވެ.

މެޓުން މިހާރު ވެސް ވަނީ ހއ. އަތޮޅުން ފެށިގެން އދ. އަށް ޔެލޯ އެލާޓް ނެރެފަ އެވެ. އެ ސަރަހައްދުގެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށާއި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެ އެވެ.