Roadha Mihaaru
ހުއްޓުމެއް ނެތި ވާރޭ ވެހި އުލިގަން ފެނު އަޑީގައި!

ހުއްޓުމެއް ނެތި އުލިގަމަށް ވާރޭ ވެހޭތާ 24 ގަޑިއިރު، ކައުންސިލުން ބުނީ ފެން ހިންދޭނެ ގޮތެއް ނެތް ކަމަށް

13 އޯގަސްޓް 2024

ހއ. އުލިގަމަށް އިއްޔެ މެންދުރުން ފެށިގެން ހުއްޓުމެއް ނެތި ވާރޭ ވެހި މުޅި ރަށުގައި ފެންބޮޑުވެފައިވާ އިރު، ރަށުގައި ފެން ހިންދޭނެ ގޮތެއް ނެތް ކަމަށް ކައުންސިލުން މިއަދު ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހއ. އުލިގަމަށް އިއްޔެ މެންދުރުން ފެށިގެން ހުއްޓުމެއް ނެތި ވާރޭ ވެހި މުޅި ރަށުގައި ފެންބޮޑުވެފައިވާ އިރު، ރަށުގައި ފެން ހިންދޭނެ ގޮތެއް ނެތް ކަމަށް ކައުންސިލުން މިއަދު ބުނެފި އެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަައިގައި އުތުރުގެ ގިނަ ރަށްތަކެއްގައި ފެންބޮޑުވެ، ބޮޑެތި ގެއްލުންތައް ލިބިފައިވެ އެވެ.

އުލިގަމު ކައުންސިލްގެ ރައީސް އަހުމަދު މުއާޒު މުހައްމަދު، "މިހާރު" އަށް ވިދާޅުވި ގޮތުގައި އިއްޔެ މެންދުރުން ފެށިގެން އަދިވެސް އެރަށަށް ދަނީ ހުއްޓާނުލައި ބޯކޮށް ވާރޭވެހެމުންނެވެ.

"އަޅުގަނޑުމެން ފެން ހިންދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު ވެސް ދަނީ ބޯކޮށް ވެހެމުން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އާބާދީ ކުޑަޔަސް އުލިގަމަކީ ބޮޑު ރަށަކަށްވާއިރު ރަށުގެ ހުރިހާ މަގެއްގައި ހެން އޮތީ ފެންބޮޑުވެފަ އެވެ. ރަށުގެ މެޖިސްޓްރޭޓް ކޯޓު ސަރަހައްދުގައި ވެސް ފެންބޮޑުވެ، އޮފީސް ތެރެއަށް ވެސް އޮތީ ފެންވަދެފަ އެވެ.

ހއ. އުލިގަމަށް ބޯކޮށް ވާރޭވެހި މަގެއްގައި ފެންބޮޑުވެފައި.

ހއ. އުލިގަމަށް ބޯކޮށް ވާރޭވެހި މަގެއްގައި ފެންބޮޑުވެފައި.

މުއާޒު ވިދާޅުވި ގޮތުގައި މިހާތަނަށް ފަސް ގެއަކަށް ފެން ވަދެގެން ރިޕޯޓްކޮށްފައިވެ އެވެ. އޭގެ ތެރޭގައި ބައެއް ގެތަކުގެ ބަދިގޭގައި ފެން ހެދި، ކެއްކޭނެ ގޮތެއް ނެތިގެން ވެސް ރިޕޯޓުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކައުންސިލްގެ ފޭސްބުކް ޕޭޖުގައި ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ވެސް ބައެއް މަގުތަކުގައި މީހުންގެ ކަކުލާ ހަމައަށް ފެން ބޮޑުވެފައި އެބަ ހުއްޓެވެ.

"މިގޮތަށް ހުއްޓާނުލައި ވެހެމުންދަންޏާ އަޅުގަނޑުމެންނަށް ކޮންޓްރޯލުކުރަން ދަތިވާނެ،" އޭނާ ވިދާޅުވި އެވެ.

މުއާޒު ވިދާޅުވީ ބައެއް ގެތަކުގެ ފެންވަޅު ފުރިގެން ފެންގަނޑު ގޭތެރޭގައި ވެސް ބޮޑުވަމުންދާއިރު މިހާރު މަސައްކަތް ކުރަނީ ބައެއް މަގުތަކުން ކަނޑައި، މޫދަށް ގުޅުވައިގެން ފެން ހިންދުމަށެވެ.

ހއ. އުލިގަމުގެ މަގުތަކުގައި ފެންބޮޑުވެ، ފެން ހިންދޭނެ ގޮތެއް ނެތިގެން، އެކްސްކަވޭޓަރަކުން މަގެއް ކަނޑައި މޫދާ ގުޅުވަނީ.

ހއ. އުލިގަމުގެ މަގުތަކުގައި ފެންބޮޑުވެ، ފެން ހިންދޭނެ ގޮތެއް ނެތިގެން، އެކްސްކަވޭޓަރަކުން މަގެއް ކަނޑައި މޫދާ ގުޅުވަނީ.

"މިކޮޅުގައި [އުލިގަމު] ތިބެނީ ވަރަށް މަދު ސިފައިންގެ އޮފިސަރުން. އެ މީހުން ވެސް އެބަ އުޅޭ، އަދި ރަށު ރައްޔިތުންނާއި ކައުންސިލުން ވެސް މިދަނީ ގޭގޭގައި ވެލި ބަސްތާ ޖަހަމުން. އެމްޓީސީސީން މިހާރު ފަޅުގެ މަސައްކަތް ކުރަން އޮތް އެކްސްކަވޭޓަރެއް ބޭނުންކޮށްގެން މިދަނީ މަގުތައް ކަނޑައި މޫދަށް ފެންދާނެ ގޮތަށް މަގުތަކެއް ވެސް ހަދަމުން،" ރަށުގައި ފެން ހިންދާނެ ނިޒާމެއް ނެތްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވި އެވެ.

މެޓްގެ ވެދާ ސްޓޭޝަނެއް އެ ރަށުގައި ނުހުންނާތީ އެ ރަށަށް މިދިޔަ 24 ގަޑިއިރު ވުހުނު ވާރޭގެ މިންވަރު މެޓުން އާއްމެއް ނުކުރެ އެވެ. އެކަމަކު އެ ރަށުގެ އަމިއްލަ މީހަކު ގެންގުޅޭ ވެދާ ސްޓޭޝަނަކުން ދައްކާ ގޮތުގައި މިދިޔަ 37 ގަޑިއިރުގެ ތެރޭގައި 305 މިލިމީޓަރުގެ ވާރޭ އެރަށަށް ވެހުނެވެ. އޭގެ ތެރެއިން 163 މިލި މީޓަރުގެ ވާރޭއަކީ ރޭ 12:00 ގެ ފަހުން ވެހުނު ވަރެވެ.

މެޓުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެންމެ ގަދައަށް މިދިޔަ 24 ގަޑިއިރު ވާރޭވެހުނީ ހއ. ކެލައަށެވެ. އެއީ 231.5 މިލިމީޓަރުގެ ވާރޭ އެވެ. ބޯކޮށް ވާރޭވެހި އެ ރަށަށް ވެސް ވަރަށް ބޮޑަށް ގެއްލުންވި އެވެ.

ހއ. ކެލާއަށް ކުރި ވިއްސާރަައިގައި އެރަށުގައި ފެންބޮޑުވެ، ގެއްލުންވެފައި.

ހއ. ކެލާއަށް ކުރި ވިއްސާރަައިގައި އެރަށުގައި ފެންބޮޑުވެ، ގެއްލުންވެފައި.

ކެލާގެ އިތުރުން، ހދ. ކުޅުދުފުއްޓަށް ވެސް ވަރަށް ބޮޑަށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވި އެވެ.

ހދ. ކުޅުދުއްފުށީ މަގެއްގައި ފެންބޮޑުވެ، އެ ރަށުން ފެން ހިންދުމުގެ މަސައްކަތް ކުރަނީ.

ހދ. ކުޅުދުއްފުށީ މަގެއްގައި ފެންބޮޑުވެ، އެ ރަށުން ފެން ހިންދުމުގެ މަސައްކަތް ކުރަނީ.

އުތުރަށް ވަރަށް ބޮޑަށް މޫސުން ގޯސްވެފައިވާއިރު އިއްޔެ މެޓުން ވަނީ ހއ. އަތޮޅުން ށ. އަތޮޅަށް އޮރެންޖް އެލާޓް ވެސް ނެރެފަ އެވެ. އޮރެންޖު އެލާޓް ނެރެނީ ގަޑިއިރެއްގެ ތެރޭގައި 90 މިލިމީޓަރުގެ ވާރޭވެހި، ގަޑިއަކު 63 މޭލަށް ވައިގަދަވުމުންނެވެ.

އެ އެލާޓް މިހާރު ޔެލޯ އެލާޓަކަށް ބަދަލުކުރިޔަސް މެޓުން ބުނީ ވިލާގަނޑުގައި 50 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށްފަ އެވެ.

އެހެންވެ، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވެސް ވަނީ ފެންބޮޑުވާނެ ކަމަށް ލަފާކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފަ އެވެ.