Roadha Mihaaru
އިހަވަންދޫގައި ފެންބޮޑުވެ 12 ގެއަކަށް ގެއްލުންވެއްޖެ

އިހަވަންދޫގައި ފެންބޮޑުވެ 12 ގެއަކަށް ގެއްލުންވެއްޖެ

13 އޯގަސްޓް 2024

މުޅި ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރާގައި ހއ. އިހަވަންދު އަށް ބޯކޮށް ވާރޭވެހި 12 ވަރަކަށް ގެއަކަށް ފެން ވަދެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މުޅި ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރާގައި ހއ. އިހަވަންދު އަށް ބޯކޮށް ވާރޭވެހި 12 ވަރަކަށް ގެއަކަށް ފެން ވަދެއްޖެ އެވެ.

އެ ރަށު ކައުންސިލުގެ ނައިބު ރައީސް މުހައްމަދު އަރީބު "މިހާރު" މިއަދު އަށް ވިދާޅުވީ އިއްޔެ ހަވީރުން ފެށިގެން ވަރަށް ބޯކޮށް ވަރަށް ވާރޭ ވެހުނު ކަމަށާއި ކަމަށް ވާރޭ ހުއްޓާލީ މިއަދު ހެނދުގެ 10:00 ހާއިރު ކަމަށެވެ.

ރަށުގެ ގިނަ މަގުތަކުގައި ފެން ބޮޑުވެ، ބައެއް ގެތަކަށް ވެސް ފެން ވަދެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބައެއް ގޭގޭގެ ކޮޓަރިތަކަށް ވެސް ފެން ވަދެފައި ވަނީ. އަޑިން ވެސް ފެން އެބަ އަރާ، ގޭގޭގެ ތަށިމުށިގަނޑު އަޑިން ވެސް އެބަ ފެން އަރަމުންދޭ،" އަރީބު ވިދާޅުވި އެވެ.

އިހަވަންދޫ ގެއެއްގެ ތެރޭގައި ފެންބޮޑުވެފައި.

އިހަވަންދޫ ގެއެއްގެ ތެރޭގައި ފެންބޮޑުވެފައި.

އޭނާ ވިދާޅުވި ގޮތުގައި އެންމެ ބޮޑަށް ފެން ބޮޑުވެފައި ވަނީ ރަށުގެ އިރުމަތީ ފަރާތުގަ އެވެ. އެތަން އޮންނަ ގޮތުން ފެންގަނޑު ޖަމާވަނީ އެ ސަރަހައްދަށް ކަމަށާއި ފެން ވަދެ ގެއްލުންވީ ވެސް އެ ސަރަަހައްދުގެ ގެތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އިހަވަންދޫ ގެއެއްގެ ބަދިގޭގައި ފެންބޮޑުވެފައި.

އިހަވަންދޫ ގެއެއްގެ ބަދިގޭގައި ފެންބޮޑުވެފައި.

ޕަމްޕު ޖަހައިގެން ފެން ހިންދުމުގެ މަސައްކަތް ސިފައިންގެ އެހީގައި އެ ރަށުގައި މިހާރު ކުރަމުން އަންނައިރު އިރުމަތީ ފަރާތުގެ ތިން ސަރަަހައްދަކުން ކާނު ކަނޑައިގެން މޫދަށް ފެންގަނޑު ދޫކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އަރީބު ވިދާޅުވި އެވެ.

"އެމްޓީސީސީގެ އެހީގައި އަޅުގަނޑުމެން މިހާރު ވަނީ ތިން ކާނުގަނޑު ކަނޑައިގެން ފެންގަނޑު މޫދަށް ދޫކުރަން ފަށާފައި. ބައެއް ގެތަކުން ދުރާލައި ވެލި ބަސްތާ ޖެހުމުގެ ސަބަބުން ފެން ވަނުމުން ވަނީ ސަލާމަތް ކުރެވިފައި،" އޭނާ ވިދާޅުވި އެވެ.

ހއ. އިހަވަންދޫގައި ފެންބޮޑުވެ، ފެން ހިންދުމަށް މަގު ކަނޑާފައި.

ހއ. އިހަވަންދޫގައި ފެންބޮޑުވެ، ފެން ހިންދުމަށް މަގު ކަނޑާފައި.

އިހަވަންދޫގެ ހުޅަނގު ފަރާތުން ފެންބޮޑުވީ، އަލަށް ގޯތިތައް ދޫކުރި ސަރަހައްދުގަ އެވެ. އެ ތަނުގައި އަދި މީހުން ދިރިނޫޅުނު ނަމަވެސް ހައްދާފައިވާ ދަނޑުތަކަށް އޭގެ އަސަރުކުރި އެވެ.

ހުޅަނގު މޫސުމުގެ ބާރުގަދަވެ، މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން އިއްޔެ އިރުއޮއްސުނުހާއިރު، މެޓުން ވަނީ ރާއްޖޭގެ އެންމެ އުތުރަށް އޮރެންޖް އެލާޓް ވެސް ނެރެފަ އެވެ. މިހާރު އެ ސަރަހައްދު ޔެލޯ އެލާޓްގައި އޮތްއިރު ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު (އެމްޑީއެމްއޭ) އިން ވެސް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފަ އެވެ.

މި ވިއްސާރާގައި ވަނީ ހއ. އުލިގަމާއި އެ އަތޮޅު ކެލަ އާއި ބާރަށާއި ދިއްދޫ އަދި ހދ. ކުޅުދުފުއްޓާއި ޅ. ނައިފަރާއި އެ އަތޮޅު ކުރެންދޫގެ އިތުރުން ގއ. ދެއްވަދު އާއި ސ. މަރަދު އާއި ސ. ފޭދު އާއި ސ. ހިތަދު އަށް ވެސް ގެއްލުން ލިބިގެން ރިޕޯޓުކޮށްފަ އެވެ.