Roadha Mihaaru
ކޭމްޕަކަށް ގެންގޮސް ލީމާ ވަޅި ހެރުން ހުއްޓޭނެތަ؟

ކޮލަމް ށަވިޔަނި: ކޭމްޕަކަށް ގެންގޮސް ލީމާ ވަޅި ހެރުން ހުއްޓޭނެތަ؟

18 ޖޫން 2016

މާރާމާރީގެ "މޫސުމެއް" އަންނަ ކޮންމެ ފަހަރަކު ކޮންމެވެސް ކަހަލަ ކުއްލި ފިޔަވަޅެއް އާދެ އެވެ. "ހާއްސަ އޮޕަރޭޝަންތަކު"ގައި ފުލުހުން ނުކުމެ އެއްފަހަރާ އެތައް ބަޔަކު ހައްޔަރުކޮށް ތަންތަން ފާސްކޮށް ގޭންގުތަކުގެ "ޖަގަހަތައް" ރޫޅާލަ އެވެ. ސިފައިން މަގުމައްޗަށް ނެރެ އެވެ. އެއް ދުވަހެއްގައި 14 އަހަރުގެ ދެ ކުއްޖަކު މަރާލީމާ މިހާރު މި އުޅެނީ "އިސްލާހީ ކޭމްޕެއް" ފަށައިގެންނެވެ.

އާސިޔަތު މުހައްމަދު ސައީދު އާސިޔަތު މުހައްމަދު ސައީދު

މާރާމާރީގެ "މޫސުމެއް" އަންނަ ކޮންމެ ފަހަރަކު ކޮންމެވެސް ކަހަލަ ކުއްލި ފިޔަވަޅެއް އާދެ އެވެ. "ހާއްސަ އޮޕަރޭޝަންތަކު"ގައި ފުލުހުން ނުކުމެ އެއްފަހަރާ އެތައް ބަޔަކު ހައްޔަރުކޮށް ތަންތަން ފާސްކޮށް ގޭންގުތަކުގެ "ޖަގަހަތައް" ރޫޅާލަ އެވެ. ސިފައިން މަގުމައްޗަށް ނެރެ އެވެ. އެއް ދުވަހެއްގައި 14 އަހަރުގެ ދެ ކުއްޖަކު މަރާލީމާ މިހާރު މި އުޅެނީ "އިސްލާހީ ކޭމްޕެއް" ފަށައިގެންނެވެ.

ހޯމް މިނިސްޓަރުގެ ޕްލޭނަކީ ކުށުގެ ވެށީގައި އުޅޭ 18 އަހަރުން ދަށުގެ ކުދިން ފަޅުރަށެއްގައި ދެ މަސް ދުވަހު ގެންގުޅެފައި ހަ މަސް ދުވަހުގެ އިންޓާންޝިޕް ޕްރޮގްރާމެއްގައި ބައިވެރިކުރުމެވެ. ސުވާލަކީ އެ ހިސާބުން ހުރިހާ ކަމެއް ހައްލުވީ ހެއްޔެވެ؟

މައްސަލައަކީ މި އެވެ. ގޭންގުތައް ނުކުމެ ވަޅި ހަރައި މީހުން މަރައި ރަށު ތެރެ ނާމާންކޮށްލީމާ ތެޅިފޮޅިގެން ކޮންމެވެސް ކަންތައްގަނޑެއް ހިންގާލަނީ އެވެ. އެކަމުން މައްސަލައަށް ލިބޭ ހަގީގީ ފަރުވާއެއް ނެތެވެ. ކުށްކުރުމެއް ނުހުއްޓެ އެވެ. ކުށުގެ ތެރެއަށް ވަންނަ ކުޑަކުދިންނާއި ޒުވާނުން މަދެއް ވެސް ނުވެ އެވެ. ކަމެއް ހިނގީމާ އަވަސް ފިޔަވަޅެއް އަޅާލާ އުސޫލު ގެންގުޅޭހާ ހިނދަކު އެކަމެއް ނުވެސް ވާނެ އެވެ. މައްސަލައިގެ އަސްލު ސަބަބުތައް ކޮބާ ހެއްޔެވެ؟ އެ ކަންކަމާ އަޅާލާ ސަރުކާރެއް ނެތެވެ.

"ވަޅި ހަރައި މީހުން މަރަން ފެށީމާ ހިންގާލާ ޕްރޮގްރާމަކުން ހަގީގީ ހައްލެއް ނުލިބޭނެ އެވެ. އެއީ ހަމައެކަނި އާއްމުންގެ ލޮލުގައި އަޅުވާލާ އަނދުނެކެވެ. އޭގެ ބަދަލުގައި އޮންނަން ޖެހެނީ ކުށަށް އަރައިގަތުމުގެ ކުރިން އެކަން ހުއްޓުވުމުގެ ސިޔާސަތެކެވެ."

އުމުރުން އެންމެ 10 އަހަރުގެ ކުދިން ގޭންގުތަކާ ގުޅޭނީ ކޮންމެވެސް ކަމެއް ވެގެންނެވެ. ގޭތެރެއިން ލިބެން ޖެހޭ ލޯތްބާއި އަޅާލުމާއި ތަރުބިއްޔަތު ނުލިބިގެންނެ އެވެ؛ ސަރުކާރުން ދޭން ޖެހޭ ރައްކާތެރިކަން ނުދޭތީ އެވެ. ދެން ތިބޭ މީހުންނަށް މިކަންކަން ވަރިހަމަވީމަ އެވެ. މި އަށް ވުރެ ވެސް ފުޅާކޮށް ވިސްނަންޏާ އާއިލާ ރޫޅުމާއި ފަގީރުކަމާއި އެކަށީގެންވާ ބޯހިޔާވަހިކަމެއް ނެތުމާއި ތޮއްޖެހުމުގެ ގޮންޖެހުންތަކެވެ. އަޅާނުލައި ދޫކޮށްލާފައި ހުރި އިޖުތިމާއީ މިފަދަ ބޮޑެތި މައްސަލަތައް މި ގޮތަށް ހުރެގެނެއް ކުށްކުރުމެއް ނުހުއްޓުވޭނެ އެވެ.

ދެން އޮތީ ގޭންގުތަކުގެ ވާހަކަ އެވެ. ގޭންގުތައް މުލުން ލުހެލަން މުޅި ދައުލަތް ނުކުޅެދިފައި އޮންނާކަށް ނުޖެހެ އެވެ. އެހެންވީމާ ގަސްދުގައި އެކަން ނުކުރަނީ އެވެ. އެއީ ފުލުހުންނަށާއި ފަނޑިޔާރުންނަށް ނުކުރެވޭނެ ކަމެއް ނޫނެވެ. ބޮޑުން ނެރެ އަދަބު ދެވޭނެ އެވެ. އެމީހުންގެ ނެޓްވޯކްތަކާއި ކުށުގެ ވިޔަފާރިތައް ފުނޑާލެވޭނެ އެވެ. މިވެނި އެވެނި ގާނޫނެއް ނެތޭ ކިޔާފައި ބަހަނާ ދައްކާކަށް ނުޖެހެ އެވެ. އެކަމަކު ސުވާލަކީ އެކަން ނުކުރަނީ ކީއްވެގެން ހެއްޔެވެ؟ ނައްތާލަން ޖެހެނީ އެ ސަބަބެކެވެ. ނުވަތަ ސަބަބުތަކެކެވެ.

އަމާން ވެއްޓެއް ގާއިމްކުރުމުގެ ވައުދު ރައީސް އަބްދުﷲ ޔާމީންގެ މެނިފެސްޓޯގައި އެބަ އޮތެވެ. އެކަމަކު އެކަން ކުރަނީ ކިހިނެއް ހެއްޔެވެ؟ އެފަދަ ސިޔާސަތެއް ނެތެވެ. ކުށްކުރުން ހުއްޓުވުމުގެ ދުރު ވިސްނުމެއް ނުވަތަ ދިގު ރާސްތާގެ ޕްލޭނެއް ނެތެވެ.

ބޭނުންވަނީ އާއިލާތަކާއި ސްކޫލްތަކާއި މުޖުތަމައުގެ އެކި ފަރާތްތަކާއި މީޑިއާއާ ގުޅިގެން މަސައްކަތްކުރާ ވަށައިޖެހޭ ވިސްނުމެކެވެ. ސަރުކާރުން ހިންގާ މަޝްރޫއުތަކާއި ޕްރޮގްރާމްތަކުގައި އިޖުތިމާއީ މައްސަލަތައް ހައްލުކުރުމަށް އަމާޒު ހިފުމެވެ. ނަމެއްގައި ހިންގާލާ ކުޑަކުޑަ ޕްރޮގްރާމެއް ނޫނެވެ. ގައުމީ ފެންވަރުގައި ކުރިއަށް ގެންދާ ދެމެހެއްޓެނިވި، ހަރުދަނާ މަސައްކަތެކެވެ. އެކަމަކު އެ ހިސާބަށް ދިޔުމުގެ ކުރިން ސިސްޓަމް ތެރޭގައި ހުރި އެތައް ބައިވަރު މައްސަލަތަކެއް ހައްލުކުރަން އެބަޖެހެ އެވެ.

މިސާލެއް ދައްކަންޏާ، އަޚުލާގީ މައްސަލަތައް ހުންނަ ކުދިން ތައުލީމުން މަހުރޫމްވެގެން ދާ ގޮތް ފުދެ އެވެ. ސަރުކާރުގެ ސިޔާސަތަކީ އެއްވެސް ކުއްޖަކު ބާކީ ނުކުރުން ކަމަށް ބުނާ އިރު، މައްސަލަތައް ދިމާވާ ދަރިވަރުންނާ މެދު ބައެއް ސްކޫލްތަކުން އަޅާ އެއް ފިޔަވަޅަކީ ސަސްޕެންޑްކޮށްލުމެވެ. މައްސަލައަކީ ފިޔަވަޅު އެޅުމެއް ނޫނެވެ. އެއާ އެކު ތައުލީމުގެ ފުރުސަތު ގެއްލިގެން ދިޔުމެވެ. އެހެން ނުވާނެ ގޮތަކަށް ވެސް ދަރިވަރުން ޒިންމާދާރުކުރެވިދާނެ އެވެ.

ޓްރެފިކާ ގުޅޭ ގޮތުން ހޭލުންތެރިކުމަށް ފުލުހަކު ދަރިވަރުންނަށް ކިޔަވާދެނީ.-- ފޮޓޯ: ޕޮލިސް

ޓްރެފިކާ ގުޅޭ ގޮތުން ހޭލުންތެރިކުމަށް ފުލުހަކު ދަރިވަރުންނަށް ކިޔަވާދެނީ.-- ފޮޓޯ: ޕޮލިސް

އަޚުލާގު ގޯސް ކުދިންނަށް ވެސް ތައުލީމީ ނިޒާމުގެ ތެރެއިން ފުރުސަތު ލިބެން ޖެހެ އެވެ. ސަސްޕެންޑްކުރީމާ އަމިއްލަ އަށް ކިޔެވުން ހުއްޓާލާ ކުދިން ވެސް އިސްލާހު ވެގެން އެނބުރި އަންނަން ހިތްވަރުދީ ބާރު އަޅަން ވެސް ޖެހޭނެ އެވެ. އެ ނިޒާމް އަބަދުވެސް އޮންނަން ޖެހޭނީ ހިނގަހިނގަ އެވެ. ކުދިން ކުށާ ދުރުކޮށް ބޭނުންތެރި ބަޔަކަށް ހެދުމުގެ އެންމެ މުހިއްމު އެއް ބަޔަކީ އުނގަންނައިދިނުމެވެ.

ހަގީގަތަކީ ކުށުގެ ވެއްޓަށް ހުށަހެޅުމުގެ ފުރުސަތު ބޮޑު ކުދިންނަށް މާ ބޮޑު އަޅާލުމެއް ވެސް ނުދެވޭ ކަމެވެ. އެއީ އަނިޔާ އާއި އިހުމާލުގެ ސަބަބުން ހައްގުތަކުން މަހުރޫމްވެފައިވާ ކުދިންނެވެ. އެކަމަކު ކުޑަކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭ މުއައްސަސާތައް އެއަށް ވުރެ މާ ބަލިކައްޓެވެ. ކަމާ ބެހޭ މިނިސްޓްރީ އާއި ޑިޕާޓްމެންޓްތައް އެއް އިރެއްގައި ވެސް ސަރުކާރުގެ "އެންމެ އިސް" ލިސްޓަކަށް ނާރަ އެވެ. އެފަދަ ތަންތަނުން ޕްރޮގްރާމްތައް ހިންގަން ބޭނުންވާ ވަރަކަށް ބަޖެޓެއް ނުދެ އެވެ. ރަނގަޅު ރޭވުންތެރިކަމެއް، ހިންގުންތެރިކަމެއް ފަހިކޮށެއް ނުދެ އެވެ.

ކުށްކުރުން މަދުކުރެވޭނީ އެތައް ބައިވަރު މައްސަލަތަކަކަށް އެއްފަހަރާ ކަޅި ހިންގައިގެންނެވެ. ވަޅި ހަރައި މީހުން މަރަން ފެށީމާ ހިންގާލާ ޕްރޮގްރާމަކުން ހަގީގީ ހައްލެއް ނުލިބޭނެ އެވެ. އެއީ ހަމައެކަނި އާއްމުންގެ ލޮލުގައި އަޅުވާލާ އަނދުނެކެވެ. އޭގެ ބަދަލުގައި އޮންނަން ޖެހެނީ ކުށަށް އަރައިގަތުމުގެ ކުރިން އެކަން ހުއްޓުވުމުގެ ސިޔާސަތެކެވެ. އޭގެ ފެށުމަކީ ކުޑަކުދިންނަށް ދޭން ޖެހޭ އަޅާލުމާއި ރައްކާތެރިކަމެވެ. އާއިލާތަކަށް ހަމަޖެހިލައިގެން ދިރިއުޅެވޭނެ މާހައުލެކެވެ. އެ ގާބިލްކަމެވެ. ފުދުންތެރިކަމެވެ.

ކޭމްޕުތަކަށް ކުދިން ގެންގޮސްގެން އެތައް ފިލާވަޅެއް ނަގައިދެވިދާނެ އެވެ. އުޅެންވީ ގޮތް ދަސްކޮށްދެވިދާނެ އެވެ. އެކަމަކު އެކުދިން އަނބުރާ އަންނަ އިރު ހާލަތު ބަދަލު ނުވަންޏާ އިސްލާހުވުމުގެ ފުރުސަތެއް ލިބޭނެ ހެއްޔެވެ؟ އަނެއްކާވެސް ކުށްކުރުމުގެ ވަށްބުރު ތަކުރާރުވާނީ އެވެ.

މިކަހަލަ ޕްރޮގްރާމްތަކާއި ކުއްލި ހާއްސަ އޮޕަރޭޝަންތަކުގެ މަތިން މީހުން މިހާރު ފޫހިވެއްޖެ އެވެ. ނަތީޖާއެއް ނުފެންނާތީ އެވެ. އިޚްލާސްތެރިކަމެއް އޮތިއްޔާ ދައްކަންވީ ވަށައިޖެހޭ ދުރު ވިސްނުމަކުން ކުށް މަދުކުރަން ފިޔަވަޅު އަޅާ ތަނެވެ.