Roadha Mihaaru
"ކެމްޕަސްޓް ކުއެސްޓް" ފެއާ އާދިއްތަ ދުވަހު

ވިލާ ކޮލެޖްގެ "ކެމްޕަސްޓް ކުއެސްޓް" ފެއާ އާދިއްތަ ދުވަހު

16 އޯގަސްޓް 2024

އޯ ލެވެލް ނިމުނު ދަރިވަރުންނާއި އޭލެވެލް ނިމިފައިވާ ދަރިވަރުންނަށް ހާއްސަ ކޮށްގެން "ކެމްޕަސް ކުއެސްޓް"ގެ ނަމުގައި އަންނަ އާދިއްތަ ދުވަހު ފެއާއެއް ބޭއްވުމަށް ވިލާ ކޮލެޖުން ހަމަޖައްސައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އޯ ލެވެލް ނިމުނު ދަރިވަރުންނާއި އޭލެވެލް ނިމިފައިވާ ދަރިވަރުންނަށް ހާއްސަ ކޮށްގެން "ކެމްޕަސް ކުއެސްޓް"ގެ ނަމުގައި އަންނަ އާދިއްތަ ދުވަހު ފެއާއެއް ބޭއްވުމަށް ވިލާ ކޮލެޖުން ހަމަޖައްސައިފި އެވެ.

ވިލާ ކޮލެޖުން ބުނިގޮތުގައި މި ފެއާ ބޭއްވުމަށް ހަމަޖެހިފައި ވަނީ އާދިއްތަ ދުވަހުގެ މެންދުރު 2 އިން ހަވީރު 6 އަށެވެ. މި ފެއާގައި އިންޓަރެކްޓިވް އަދި އިމާސިވް އިލްމީ ގިނަ ހަރަކާތްތަކެއްގައި ބައިވެރިވުމުގެ ފުރުސަތު ބައިވެރިންނަށް ލިބޭނެ އެވެ. މިއީ އާ ހުނަރެއް ދަސްކުރުމުގެ ފުރުސަތު ދީ، އެ ކޮލެޖުގެ ތައުލީމީ މާހައުލު އޮންނަ ގޮތް ތަޖުރިބާ ކުރަން ފުރުސަތު ލިބޭނެ ކަމެއް ކަމަށް އެ ކޮލެޖުން ބުންޏެވެ.

މި ފެއާގައި ވަކި ދާއިރާއެއް މިހާތަނަށް ހިޔާރު ނުކުރާ ނުވަތަ ވަކި ދާއިރާއެއް ހިޔާރުކުރަން ދަތިވެފައި ތިބި ފަރާތްތަކަށް ކެރިއާ ގައިޑެންސް ލިބޭނެ ކަމަށް ވިލާ ކޮލެޖުން ބުންޏެވެ. އަދި މިތަނުގައި ވިލާ ކޮލެޖުގެ "ވީކެއާ"ގެ ފަރާތުން ސައިކޯ ސޯޝަލް ކައުންސެލިން ވެސް ދޭން ވަނީ ހަމަޖެހިފަ އެވެ.

ފެއާގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ ހަރަކާތްތަކަކީ:

- ބިޒް ޕިޗް: މިއީ ޝައުގުވެރިކަން ލިބޭނެ ގޮތަކަށް ވިޔަފާރީގެ ދާއިރާއިން އާ ހިޔާލުތައް ހުށަހަޅަން ދަސްކޮށްދޭ ހަރަކާތެއް

- ސްޕޭސް ޑިޒައިން: މިއީ އިންޓީރިއާ އަދި އާކިޓެކްޗަރިންގެ ޓޫލްތައް ބޭނުންކޮށް ތަނެއް ޑިޒައިން ކުރާނެ ގޮތް ދަސްކޮށްދޭ ހަރަކާތެއް.

- އާޓް އަލައިވް: މިއީ ކްރިއޭޓިވް އާޓްސްގެ ދާއިރާއާ ގުޅޭ އެކިއެކި ފަންނުވެރި ޑިޒައިންތައް ތައްޔާރުކުރާނެ ގޮތްތަކަށް ހާއްސަކޮށްފައިވާ ހަރަކާތެއް.

- ބިލްޑް އިޓް، ބްރޭކް އިޓް: މިއީ އިންޖީނިއަރިންގެ ދާއިރާއިން އަމިއްލައަށް އެއްޗެއް އުފެއްދުން ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބޭނެ ހަރަކާތެއް

- މައިންޑް މިސްޓަރީސް: މިއީ އަމިއްލަ ހަރަކާތްތަކާއި ނިންމުންތައް ނިންމުމުގައި ސިކުނޑި މަސައްކަތް ކުރާގޮތާއި ގުޅޭ އިންޓަރެކްޓިވް ސެޝަނެއް.

- ލޯ އިން އެކްޝަން: މި ހަރަކާތުގެ ބައިވެރިންނަށް ގާނޫނީ ވަކީލުންގެ ގޮތުގައި އާއި ދައުވާ ލިބޭ ފަރާތުގެ ގޮތުން ބައިވެރިވުމުގެ ފުރުސަތު ވިލާ ކޮލެޖުގެ މޫޓު ކޯޓުގައި ލިބޭނެ.

- ނާސިން އެސެންޝަލްސް: މި ހަރަކާތުގައި ނާސިންގެ ދާއިރާގައި ބައެއް އަސާސީ މަސައްކަތްތައް އަމިއްލައަށް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ލިބޭނެ.

- ވީއާރު އެކްސްޕީރިއަންސް: މިއީ ޒަމާނީ ވާޗުއަލް ރިއަލިޓީ ތަޖްރިބާ ކޮށްލަން ލިބޭނެ ފުރުސަތެއް.

ވިލާ ކޮލެޖުން ބުނީ މި ހަރަކާތަކީ އެ ކޮލެޖަށް ވަނުމަށް ބޭނުންވާ ފަރާތްތަކަށް އެ ކޮލެޖުގެ ތަޖުރިބާތައް ކޮށްލުމަށް ލިބޭނެ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ. މި ހަރަކާތް އޮންނާނީ ވިލާ ކޮލެޖުގެ ކިއު އައި ކެމްޕަހުގަ އެވެ.