Roadha Mihaaru
އިންޓީރިއާ އާކިޓެކްޗާ އެގްޒިބިޝަން ބާއްވައިފި

ވިލާ ކޮލެޖުގެ ފުރަތަމަ އިންޓީރިއާ އާކިޓެކްޗާ އެގްޒިބިޝަން ބާއްވައިފި

28 އޯގަސްޓް 2024

ވިލާ ކޮލެޖުގައި ހިންގާ ބެޗެލާސް އޮފް އިންޓީރިއާ އާކިޓެކްޗާ ދަރިވަރުންގެ މަސައްކަތްތައް ދައްކާލުމުގެ ގޮތުން އެ ކޮލެޖްގައި އިންޓީރިއާ އާކިޓެކްޗާ އެގްޒިބިޝަނެއް ބާއްވައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ވިލާ ކޮލެޖުގައި ހިންގާ ބެޗެލާސް އޮފް އިންޓީރިއާ އާކިޓެކްޗާ ދަރިވަރުންގެ މަސައްކަތްތައް ދައްކާލުމުގެ ގޮތުން އެ ކޮލެޖްގައި އިންޓީރިއާ އާކިޓެކްޗާ އެގްޒިބިޝަނެއް ބާއްވައިފި އެވެ.

މި އެގްޒިބިޝަނުގައި 30 ޕްރޮޖެކްޓެއްގެ މަސައްކަތްތައް ވަނީ ދައްކާލައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ރެޒިޑަންސީ ޕްރޮޖެކްޓުތަކާއި އޮފީސް މާހައުލުގެ އިންޓީރިއާ އާއި ހިތް ފަސޭހަކޮށްލުމަށް ހަދާ ތަންތަނުގެ ޑިޒައިންތައް ފަދަ އެކި ކޮންސެޕްޓުތަކެވެ. އެ ޕްރޮޖެކްޓުތަކުގައި ދަރިވަރުން ތައްޔާރުކޮށްފައިވާ ކުރެހުންތަކަކީ ރާއްޖޭގެ މާހައުލަށް ފެތޭ ގޮތަށް މިހާރު ވެސް ތަންތަނުގެ ޖާގަތަކަށް ބަލައިގެން ތައްޔާރުކޮށްފައިވާ ކުރެހުންތަކެކެވެ.

މި އެގްޒިބިޝަނުގައި އެންމެ މޮޅު ޕްރޮޖެކްޓުތައް ހުށަހެޅި ދަރިވަރުންނަށް ވަނީ އެވޯޑު ދީފަ އެވެ. މި އެގްޒިބިޝަނުގައި އެވޯޑު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު އާއި އިންޓީރިއާ އާކިޓެކްޓިން ދާއިރާގެ އިސް ފަރާތްތައް ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވީ އެ އެގްޒިބިޝަނުގައި ހުރި ކޮންމެ ކޮންސެޕްޓަކީ ވެސް އެ ކުންފުނީގެ މަސައްކަތްތަކުގައި ބޭނުން ކުރެވޭނެ ކޮންސެޕްޓުތަކެއް ކަމަށެވެ. އަދި އިންޓީރިއާ ޑިޒައިންގެ ދާއިރާއަކީ މުހިންމު ދާއިރާއެއް ކަމަށް ވިދާޅުވެ، ހުޅުމާލެ ފަދަ ސިޓީތައް ތަރައްގީކުރުމުގައި އެ ދާއިރާގެ އިލްމު ހުރި ފަރާތްތައް ބޭނުންވާނެ ކަމަށް ވިދާޅުވި އެވެ.

"އާއިލާތަކަށް ހިތްފަސޭހަކަމާއި ހިތްހަމަޖެހުން ގެނުވައި ދޭނީ އެ ތަނެއްގެ ޑިޒައިނު ހަދާ ގޮތަކުން. އާއިލާތަކަށް ތަނަވަސްކަމާއި ހިތްހަމަޖެހުން ގެނައުމުގައި އިންޓީރިއާ އާކިޓެކްޗަރުން ވަރަށް މުހިންމު." އޭނާ ވިދާޅުވި އެވެ.

ފަޒުލް ވަނީ ދަރިވަރުންނަށް މަސައްކަތުގެ މައިދާނުގައި ކޮލިޓީ ގެއްލުވާނުލާ މަސައްކަތްތައް ބައްޓަން ކުރުމަށް ނަސޭހަތްތެރިވެފަ އެވެ. އަދި މި ދާއިރާއިން އެ ކުންފުނިން ދެވެން ހުރި ފުރުސަތުތައް ވިލާ ކޮލެޖުގެ ދަރިވަރުންނަށް ދޭނެ ކަމަށް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ސްކޫލް އޮފް ކޮމްޕިއުޓާ ސައިންސްގެ ހެޑް އޮފް ސްކޫލް އުދުމާ އަބްދުއްލަތީފް ވިދާޅުވީ އެ އެގްޒިބިޝަނުގައި ރާއްޖޭގެ އިންޓީރިއާ ލޭންޑްސްކޭޕް ބަދަލުކުރާނެ ގިނަ ހިޔާލުތަކެއް ހުރި ކަމަށެވެ. އަދި އީޖާދީ ހިޔާލުތަކަކާއި ދަރިވަރުންގެ ހުނަރު މި އެގްޒިބިޝަނުން ފުރިހަމައަށް ފެންނަން ހުރި ކަމަށް ވިދާޅުވި އެވެ.

އުދުމާ ވިދާޅުވީ މި ޕްރޮޖެކްޓުތަކަކީ ދިރިއުޅުމަށް ފަސޭހަގޮތްތަކެއް ހޯދާދޭނެ ކޮންސެޕްޓުތަކެއް ކަމަށެވެ. އަދި މި މަސައްކަތްތަކުން މުޖުތަމައަށް އިންޓީރިއާ ޑިޒައިން މެދުވެރިކޮށް ހެޔޮ ބަދަލުތަކެއް ގެނެވިދާނެކަން ހާމަވާ ކަމަށް ވިދާޅުވި އެވެ.

މިއަދު ހަވީރު ފެށި މި އެގްޒިބިޝަން ކުރިއަށް ދިޔައީ މިރޭ 8 އާ ހަމައަށެވެ. ވިލާ ކޮލެޖަކީ އިންޓީރިއާ އާކިޓެކްޓިން ރާއްޖޭގައި ކިޔަވައިދޭ ހަމައެކަނި ކޮލެޖެވެ.