Roadha Mihaaru
ޝަންގްރިއްލާގެ މަރާމާތަށް 25މިލިއަން ޑޮލަރު ހޭދަވާނެ

ޝަންގްރިއްލާ މަރާމާތުކުރަން 25 މިލިއަން ޑޮލަރު ބޭނުންވޭ: ފައިސަލް

17 އޯގަސްޓް 2024

ޝަންގްރިއްލާ ރިސޯޓު މަރާމާތުކޮށް އަލުން އޮޕަރޭޝަނަށް ގެންނަން އެކަނި ވެސް 25 މިލިއަން ޑޮލަރު (386 މިލިއަން ރުފިޔާ) ބޭނުންވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ޝަންގްރިއްލާ ރިސޯޓު މަރާމާތުކޮށް އަލުން އޮޕަރޭޝަނަށް ގެންނަން އެކަނި ވެސް 25 މިލިއަން ޑޮލަރު (386 މިލިއަން ރުފިޔާ) ބޭނުންވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.

އައްޑޫގައި މިއަދު ބޭއްވި ޑެސްޓިނޭޝަން އައްޑޫ ސަމިޓުގައި ފައިސަލް ވިދާޅުވީ، އައްޑޫގައި ޓޫރިޒަމް ޕްރޮމޯޓުކޮށް ފުޅާކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއްދޭ އިރު އެންމެ ބޮޑު އިސްކަމެއް މިހާރު ދެނީ ބަންދުކޮށްފައިވާ ޝަންގްރިއްލާ ވިލިނގިލި ރިސޯޓު ހުޅުވުމުގެ މަސައްކަތް ފެށުމަށް ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން އެންމެ ފަހުން ބޭއްވި ބައްދަވުމުގައި ވެސް އެކަން ކުރެވެން އޮތް ގޮތްތަކާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އައްޑުއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީސް މެންބަރުންނާއި ޝަންގްރިއްލާގެ މެނޭޖްމެންޓާއި އެކު ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުން ވެސް އެތަން ހުޅުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަން ހުރިކަން އެނގިވަޑައިގަތެވެ.

"އެ ބައްދަލުވުމުގައި އަޅުގަނޑުމެން ވާނީ ކިހިނެއްތޯ ޝަންގްރިއްލާ އޮޕަރޭޝަނަށް ގެނެވޭނީ ބަލާފައި. ބެލިއިރުގައި ގަބޫލު ކުރެވުނީ ވަރަށް ބޮޑަށް ރިނޮވޭޝަން މަސައްކަތްތަކެއް ކުރެވިގެންނޭ، ވަރަށް ޓައިމް ވެސް ނަގާނެ ކަންކަމޭ، އަދި 25 މިލިއަނެއްހާ ޑޮލަރު ހޭދަވާނެ ކަމެއް އެއީ. އެކަން ކުރުމަށް ޝަންގްރިއްލާގެ އޯނަރުންނާ ހަމައަށް ދިއުމަށް ނިންމައި، މީޓިން އަށް ދައުވަތު ދީފައިވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ، ޝަންގްރިއްލާގެ މައްސަލަ ހައްލު ކުރުމަށްޓަކައި، އެތަނުގެ އޯނަރުން ތިބި ތަނަކަށް ގޮސް އެކަމާ ގުޅޭ ގޮތުން ނިންމުންތައް ނިންމަވަން ބޭނުންވާ ކަމަށެވެ.

"ޝަންގްރިއްލާ ހުއްޓިފައި އޮތީމަ، އައްޑޫ ރައްޔިތުންނަށް 500އެއްހާ ވަޒީފާގެ ފުރުސަތު އޮތީ ގެއްލިފައި. އެއީ ވަރަށް މުހިއްމު ކަމެއް. ޝަންގްރިއްލާ އޮޕަރޭޝަނަށް ގެނެވުނީމަ އައްޑޫގެ އިގްތިސާދުގަައި ދައުރުވާ ފައިސާ އިތުރުވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.

ހޮންގްކޮންގްގައި ހޮޓާ ވިޔަފާރީގެ އެންމެ ބޮޑު އެއް ކުންފުނި، ޝަންގްރިއްލާއާ ގުޅިގެން ސ. ވިލިނގިލި ތަރައްގީކޮށް ހުޅުވީ 2005 ގަ އެވެ. ނަމަވެސް ކޮވިޑަށް ފަހު އެ ތަނުގެ ހިދުމަތް ވަނީ ހުއްޓާލައިފަ އެވެ. އެކަމުގެ ތެރޭގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ އެ ރިސޯޓުގައި އޮތް ސަރުކާރުގެ 30 ޕަސެންޓު ވެސް ދޫކޮށްލުމުގެ އެއްބަސްވުމެއްގައި މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް އޮގަސްޓް މަހު ސޮއިކޮށްފަ އެވެ.

ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ އަކީ ގަން އިންޓަނެޝަނަލް އެއާޕޯޓުން ސްޕީޑް ލޯންޗެއްގައި ގާތްގަނޑަކަށް ފަސް ވަރަކަށް މިނިޓުން ދެވޭހާ ކައިރީގައި އޮންނަ ރިސޯޓެކެވެ. އެ ތަން އޭރު މަޝްހޫރުވީ މުއްސަނދި ޓޫރިސްޓުން ޒިޔާރަތްކުރާ ތަނެއްގެ ގޮތުގަ އެވެ. ޝަންގްރިއްލާ ހިންގި ދުވަސްވަރު އައްޑޫގެ ވިޔަފާރި ވެސް ރަނގަޅުވެ، ވަރަށް ގިނަ ޕްރައިވެޓް ޖެޓްތައް ވެސް އައްޑު އަށް ދަތުރުކުރި އެވެ.