Roadha Mihaaru
ޝަންގްރިއްލާ ނުހުޅުވި އޮތީ ސަރުކާރުގެ ފަރުވާކުޑަކަމުން

ޝަންގްރިއްލާ ރިސޯޓް އަލުން ނުހުޅުވި އޮތީ ސަރުކާރުގެ ފަރުވާކުޑަކަމުން: ސައީދު

29 ސެޕްޓެމްބަރ 2021

ރާއްޖޭގެ އެންމެ މަތީ ފަންތީގެ ރިސޯޓްތަކުގެ ތެރެއިން އައްޑޫގައި ހިންގާ ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ ނުހުޅުވި އޮތީ ސަރުކާރުގެ ފަރުވާކުޑަކަމުން ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރާއްޖޭގެ އެންމެ މަތީ ފަންތީގެ ރިސޯޓްތަކުގެ ތެރެއިން އައްޑޫގައި ހިންގާ ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ ނުހުޅުވި އޮތީ ސަރުކާރުގެ ފަރުވާކުޑަކަމުން ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މާވަށު ދާއިރާ ތަމްސީލު ކުރައްވާ، ކުރީގެ އިކޮނޮމިކް މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސަރުކާރުގެ ފަރުވާކުޑަކަމުން މިހާރު ވެސް އެތައް ކަމެއް ހައްލު ނުކުރެވި އެބަހުރި ކަމަށެވެ.

"ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ދެވަނަ ރަންވޭ އާއި ވީއައިޕީ ޓާމިނަލާއި ސީޕްލޭން ޓާމިނަލް ފަދަ މުހިއްމު އެތައް ތަނެއްގެ މަސައްކަތް [ރައީސް އަބްދުﷲ ޔާމީންގެ ސަަރުކާރުން] ނިންމާފައި ރިބަން ކަނޑާލަން ދިނީމާ އެކަން ވެސް ނުވި،" ޔާމީންގެ ފަސް އަހަރުގެ ވެރިކަމުގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި އިސްކޮށް ހުންނެވި ވަޒީރުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ސައީދު ވިދާޅުވި އެވެ.

އައްޑޫގެ އެންމެ ބޮޑު ރިސޯޓް ކޮވިޑާ ހެދި މިދިޔަ އަހަރު ބަންދުކުރި ގޮތަށް ނުޙުޅުވި ދިގުލައިގެންދާތީ އެކަމާ ސައީދު ކަންބޮޑުވުން ފާޅުރެއްވި އިރު، ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިދިޔަ އާދީއްތަ ދުވަހު "މިހާރު" ދެއްވި އިންޓަވިއުއެއްގައި ވެސް ވިދާޅުވީ ޝަންގްރިއްލާގެ އިތުރުން އައްޑޫގެ ކެނަރީފް ރިސޯޓް (ކުރީގެ ހެރެތަރަ) ވެސް އަލުން ހުޅުވޭނެ އިރެއް ވިދާޅުވާން ދަތި ކަމަށެވެ. އެކަމަކު ދެ ރިސޯޓް ވީހާ ވެސް އަަވަހަކަށް އަލުން ހުުޅުވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި 2009 ގައި ހުޅުވި ޝަންގްރިއްލާ ރިސޯޓް އަލުން ހުޅުވުމުގެ ކުރިން އެތަނުގައި ބޮޑެތި މަރާމާތުތަކެއް ކުރަން ހުރުމާ އެކު އެކަން ފަށަން މެނޭޖްމަންޓުން ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. އަދި މަރާމާތަށް ހައެއްކަ މަސް ނަގާނެ ކަމަށް މައުސޫމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އައްޑޫގެ ބޮޑު ދެ ރިސޯޓް ނުހުޅުވި ލަސްވުމަކީ ސަރުކާރުން ވެސް ވަރަށް ކަންބޮޑުވާ ކަމެކެވެ. އެކަމަކު އެތަންތަން ނުޙުޅުވި ދިގުލައިގެންދާތީ އެކަން ހައްލުކުރަން ކުރެވޭނެ އިތުރު ގޮތްތަކަކާ ދޭތެރޭ ވިސްނަން ޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ޝަންގްރިއްލާ އާއި ކެނަރީފް ބަންދުކުރުމާ ގުޅިގެން އެތައް ބައެއްގެ ވަޒީފާ ގެއްލި، އައްޑޫގެ އިގުތިސާދަށް އެކަމުގެ ނޭދެވޭ އަސަރު ކޮށްފައި ވެ އެވެ. އަދި ދެ ރިސޯޓް ނުހުޅުވި ލަސްވާތީ އާއި ހުޅުވޭނެ އިރެއް ވެސް ނޭނގޭތީ އައްޑޫގެ ވަރަށް ގިނަ ބައެއްގެ ތެރޭގައި ކަންބޮޑުވުން އުފެދިފައިވެ އެވެ.