Roadha Mihaaru
ފ. އަތޮޅުގެ މަޝްރޫއު ހުއްޓުވާނަން: އެމްޔޫއޯ

ފ. އަތޮޅުގެ މަޝްރޫއު ހުއްޓުވާނަން: އެމްޔޫއޯ

27 ފެބުރުއަރީ 2017

ފ. އަތޮޅު ސައޫދީ އަރަބިއްޔާ އަށް ވިއްކާލައި އެ އަތޮޅުގައި މަޝްރޫއެއް ހިންގާނަމަ އެކަން ހުއްޓުވާނެ ކަމަށް މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) އިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފ. އަތޮޅު ސައޫދީ އަރަބިއްޔާ އަށް ވިއްކާލައި އެ އަތޮޅުގައި މަޝްރޫއެއް ހިންގާނަމަ އެކަން ހުއްޓުވާނެ ކަމަށް މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) އިން މިއަދު ބުނެފި އެވެ.

އިދިކޮޅު އިއްތިހާދުގެ ހިޔަނި ކެބިނެޓުގެ ނުވަ ވަނަ ބައްދަލުވުމަށް ފަހު، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން، އެމްޑީޕީގެ ޗެއާޕާސަން އަދި ހިޔަނި ކެބިނެޓްގެ ސިވިލް ރައިޓްސް މިނިސްޓަރު ހަަސަން ލަތީފު ވިދާޅުވީ، ފ. އަތޮޅު ސައޫދީ އަށް ވިއްކާލަން އުޅޭ ކަމުގެ އަޑުތައް ފެތުރުނު ކަމުގައި ވިޔަސް އެކަމާ ގުޅޭގޮތުން ސަރުކާރުން އަދި އެކަށީގެންވާ ޖަވާބެއް ނުދޭ ކަމަށެވެ. އެކަމަކު އެ އަތޮޅު ވިއްކައި މަޝްރޫއެއް ހިންގާނަމަ އެކަން ހުއްޓުވާނެ ކަމަށް ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހު ބަދަލުކުރަން އެމްޑީޕީގެ ޕާލިމަންޓް ގްރޫޕް (ޕީޖީ) އިން އަންނަނީ މަސައްކަތްް ކުރަމުންނެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވެސް އެކަމާ ދެކޮޅަށް މަސައްކަތް ކުރާނެ ހަސަން ވިދާޅުވި އެވެ.

ހަސަން އެހެން ވިދާޅުވި ނަމަވެސް ބިން މިލްކު ކުރެވޭ އިސްލާހު ގާނޫނުއަސާސީ އަށް ގެނައީ އެމްޑީޕީގެ ބައެއް މެމްބަރުންގެ ވެސް ވޯޓާ އެކުގަ އެވެ. އެ އިސްލާހު 2015 ގައި ގެނެސްފައިވާއިރު، އެކަމުގައި އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ބައެއް މެމްބަރުންގެ ބައިވެރިވުން އޮތް މައްސަލާގައި ބައެއް މީހުން އަންނަނީ ފާޑުކިޔަމުންނެވެ.

އެމްޑީޕީގެ އޮފީހުގައި ބޭއްވި އިދިކޮޅު އިއްތިހާދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ހިޔަނި ކެބިނެޓުގެ ޓޫރިޒަމް އެންޑް ގެސްޓް ހައުސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ، ރާއްޖޭގެ ބިމާއި ރަށްރަށް ވިއްކާލެވޭނީ ރައްޔިތުންގެ ރުހުމާއި ތާއީދު ލިބިގެން ކަމަށެވެ. ނަމަވެސް މީހުން ދިިރިއުޅެމުން އަންނަ އަތޮޅެއް، ސަރުކާރުން ވިއްކާލަން ރާވަމުން ދަނީ އެއްވެސް ރައްޔިތެއްގެ ރުހުމަކާ ނުލައި ކަން އޭނާ ފާހަގަކުރެއްވި އެވެ.

"އެ ރަށާއި އަތޮޅުގެ ރައްޔިތުން ވެސް ތިބީ އެކަމާ ކަންބޮޑުވެފައި. އެފަދަ ކަމެއް ކުރާނަމަ ވެސް ދެފުށް ފެންނަ ގޮތަކަށް ކަންތައް ކުރުމަކީ ސަރުކާރަށް ލާޒިމް ކަމެއް. އަދި ރައްޔިތުންގެ ހިޔާލު ހޯދަން ޖެހޭނެ،" ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ގެންނަން އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއް ބޭފުޅާ އަދި އެ ސަރުކާރުގެ ފުރަތަމަ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރުކަން ކުރެއްވި މަލީހް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބިން މިލްކު ކުރެވޭ އިސްލާހު މަޖިލީހަށް ހުށަހެޅިތާ 24 ގަޑިއިރުގެ ތެރޭގައި، އެ އިސްލާހު ފާސްކުރީ ގާނޫނުއަސާސީއާ ހިލާފަށެވެ. އޭގެ ނަތީޖާ އަކީ ސައުދީ އަށް ފ. އަތޮޅު ވިއްކާލައިފިނަމަ، އެއީ އުފެދުމުގައި ވެސް ބާތިލް އެއްބަސްވުމަކަށް ވުން ކަމަށް މަލީހް ވިދާޅުވި އެވެ.

ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާގެ ބޭފުޅުންނަށް ފ. އަތޮޅު ވިއްކާލަން އުޅޭ ކަމަށް ފަތުރާ މައުލޫމާތުތަކާ ގުޅިގެން ސަރުކާރުގެ ބައެއް ވަޒީރުންނާއި ޕީޕީއެމްގެ ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުން ވިދާޅުވަނީ ބޭރުގެ އެއްވެސް ބަޔަކަށް އެ އަތޮޅު ވިއްކާލަން ނޫޅޭ ކަމަށެވެ. އޭގެ ބަދަލުގައި އެ އަތޮޅުގައި ހިންގަން ރާވާފައި ވަނީ ތަރައްގީގެ ވަރަަށް ބޮޑު މަޝްރޫއުއެއް ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ. ފ. އަތޮޅުގައި ސައޫދީން ކުރިއަށް ގެންދާނީ ތަރައްގީގެ ބޮޑު މަޝްރޫއެއް ކަމަށް މިދިޔަ މަހު އެ އަތޮޅު މަގޫދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ. އެކަމަކު މަޝްރޫއުގެ ތަފްސީލެއް ނުދެއްވަ އެވެ.