Roadha Mihaaru
ފ. ގެ މައްސަލާގައި ބިރުދެއްކުން ހުއްޓާލަން ގޮވާލައިފި

ފ. އަތޮޅު ވިއްކާލަން ދެކޮޅު ހަދާ މީހުންނަށް ބިރު ދެއްކުން ހުއްޓާލަން އެމްޑީޕީން ގޮވާލައިފި

12 މާޗް 2017

ސައޫދީ އަރަބިއްޔާގެ ޝާހީ އާއިލާގެ އިސްބޭފުޅުންތަކަކަށް ފ. އަތޮޅު ވިއްކާލަން އުޅޭތީ، އެކަމާ ދެކޮޅު ހަދާ އެންމެންނަށް ބިރުދައްކައި، ފުރައްސާރަ ކުރަމުންދާ ކަމަށް ބުނެ އެކަން ހުއްޓާލަން އިދިކޮޅު އެމްޑީޕީން ސަރުކާރުގެ މުއައްސަސާތަކަށް މިއަދު ގޮވާލައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސައޫދީ އަރަބިއްޔާގެ ޝާހީ އާއިލާގެ އިސްބޭފުޅުންތަކަކަށް ފ. އަތޮޅު ވިއްކާލަން އުޅޭތީ، އެކަމާ ދެކޮޅު ހަދާ އެންމެންނަށް ބިރުދައްކައި، ފުރައްސާރަ ކުރަމުންދާ ކަމަށް ބުނެ އެކަން ހުއްޓާލަން އިދިކޮޅު އެމްޑީޕީން ސަރުކާރުގެ މުއައްސަސާތަކަށް މިއަދު ގޮވާލައިފި އެވެ.

އެންމެ ބޮޑު އިދިކޮޅު ޕާޓީން ނެރުނުު ނޫސްބަޔާނެއްގައި ބުނީ ފ. އަތޮޅާ ގުޅޭގޮތުން މައުލޫމާތު ހާމަކުރަމުންދާ މީޑިއާތަކާއި ނޫސްވެރިންނާއި ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ މީހުންނަށް ވެސް ސަރުކާރުން ފުރައްސާރަ ކުރަމުންދާ ކަމަށެވެ. ފ. އަތޮޅާ ގުޅޭ ވާހަކަފުޅެއް ރައީސް އަބްދުﷲ ޔާމީން ހާމަކުރައްވައި، ސަރުކާރުގެ އެކިއެކި ފަރާތްތަކުން އެ ވާހަކަ ދައްކަމުންދާއިރު ވެސް، އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ފ. އަތޮޅުގެ ރައްޔިތުންނަށް ހިއްސާކޮށްފައި ނުވާ ކަމަށް ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ފާހަގަކުރި ގޮތުގައި ފ. އަތޮޅު ވިއްކާލަން ދެކޮޅު ހެދުމުން، ރާއްޖެ ޓީވީގެ ނޫސްވެރިން ޕޮލިހަށް ހާޒިރުކޮށް، ކުއްލި ގޮތަކަށް އެ ސްޓޭޝަން ޖޫރިމަނާކޮށް، ސޯޝަލް މީޑީއާގައި ހަރަކާތްތެރިވާ ޝައްމޫން ޖަލީލް (ލޫކަސް) އާއި ތޮއްޔިބް ޝަހީމް ޕޮލިހަށް ހާޒިރުކޮށް ތިން މަސް ދުވަހަށް ފޯނު ވަނީ ހިފަހައްޓައިފަ އެވެ. އަދި ށ. ބިލެތްފަހީގައި، އެމްޑީޕީ އަށް ނިސްބަތްވާ މީހުން ޕޮލިހަށް ހާޒިރުކޮށް، ފ. އަތޮޅާ ބެހޭ ވާހަކަ ނުދައްކަން ސޮއިކުރުވުމާއި ހއ. ދިއްދޫގެ އެމްޑީޕީގެ އިސްވެރިން ހާޒިރުކޮށް ފ. އަތޮޅުގެ ވާހަކަ ދައްކައި ލިޔުންތައް ޝާއިއުކޮށްގެން ނުވާނެ ކަމަށް އިންޒާރު ދިނުމަކީ ރައްޔިތުންނަށް ލިބިދޭ ހިޔާލުފާޅުކުރުމުގެ ހައްގަށް ފާޅުކަންބޮޑު ގޮތެއްގައި އަރައިގަތުން ކަމަށް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީން ބުނީ ފ. އަތޮޅުގައި ހިންގަން އުޅޭ ކަންކަމުގެ ވާހަކަ ރައްޔިތުން އިންތިހާބުކޮށްފައިވާ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްގެ އިތުރުން ރައްޔިތުންގެ މަޖިލީހަށް ވެސް ހާމަނުކޮށް، ސިއްރިއްޔާތުގައި ކުރަމުންދާތީ ރައްޔިތުންގެ ކަންބޮޑުވުން އިތުރުވަމުންދާ ކަމަށެވެ.

"މިފަދަ ގޮތަކަށް މިކަން ހިންގަމުން އަންނައިރު ގާނޫނުއަސާސީން ލިބިދޭ ބާރުގެ ބޭނުންކޮށް ރައްޔިތުން އެކަމާ މެދު ކަންބޮޑުވުން ފާޅުކުރުމުން އެ ފަރާތްތައް ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާންތައް ނަގައި ހެދުމަކީ މޯލްޑިވްސް ޕޮލިސް ސާވިސް އިން ހިންގާ ގާނޫނާ ހިލާފު ޖަރީމާއެކެވެ. އަދި ފުލުހުންގެ މުއައްސަސާގެ މިނިވަންކަން ގެއްލިފައިވާ ކަމުގެ ހެއްކެކެވެ،" އެމްޑީޕީން ބުންޏެވެ.

އެ ޕާޓީން ބުނިގޮތުގައި ފ. އަތޮޅާ ބެހޭ ގޮތުން ސަރުކާރުން ދައްކާ ވާހަކަ ސާފުވާން ޖެހެ އެވެ. އެ އަތޮޅާ ގުޅޭގޮތުން ރައްޔިތުންގެ ނުތަނަވަސްކަން އިންތިހާ އަށް އިތުރުވެފައިވާއިރު، ސަރުކާރުން ޖަވާބުދާރީވާން ޖެހޭ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.

ހަމައެއާއެކު، ރައްޔިތުންގެ ހިޔާލުފާޅުކުރުންތަކަށް އިހްތިރާމްކޮށް، ސުލްހަވެރި ސިޔާސީ ހަރަކާތްތަކަށް ޖާގަ ދިނުމަށް ދައުލަތުގެ މުއައްސަސާތަކަށް އެމްޑީޕީން ވަނީ އިލްތިމާސްކޮށްފަ އެވެ.