Roadha Mihaaru
ފެން ވައިރުކުރުމުގެ މިންގަނޑެއް އެކުލަވައިލަނީ

ފެން ވައިރުކުރުމުގެ މިންގަނޑެއް އެކުލަވައިލަނީ

19 މާޗް 2019

އެމްޑަބްލިޔުއެސްސީން ދޫކުރާ ފެނަކީ ބޯން ރައްކާތެރި ފެނަކަށް ވިޔަސް، ގޭގޭގައި ފެން ވައިރުކޮށްފައި ހުންނަ ގޮތުން ފެން ތަޣައްޔަރުވާ ކަމަށާއި އެހެންވެ ފެން ވައިރުކުރުމުގެ ގައުމީ މިންގަނޑެއް އެކުލަވާލުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

މިިނިސްޓަރު މިހެން ވިދާޅުވީ ބޯފެނަށް ކުރަންޖެހޭ ހަރަދާއި ޕްލާސްޓިކް ފުޅި މަދުކުކުރަން މި ސަރުކާރުން ވެފައިވާ ވައުދާ ބެހޭ ގޮތުން އެންވަޔަރަމެންޓް މިނިސްޓްރީގައި ބޭއްވި އިވެންޓެއްގަ އެވެ.

"އަޅުގަނޑުމެންނަށް އެބަ ފާހަގަކުރެވޭ [ބައެއް ގޭގޭގައި] ރަނގަޅަށް [ފެން] ވައިރުކޮށްފައި ނުހުންނަކަން. އޭގެ ސަބަބުން ކޮންމެ ވެސް ކަހަލަ ކޮންޓަމިނޭޝަންތަކެއް، އެ ގޭތެރޭގައި ފެން ބޭނުންކުރާ ގޮތުން [ކޮންޓަމިނޭޝަން] އުފެދޭކަން ބައެއް ފަހަރު ޓެކްނިކަލް މީހުން ވެސް ފާހަގަކޮށްފައި އެބަހުރި،" މިނިސްޓަރު ވިދާޅުވި އެވެ.

ކަރަންޓު ވައިރުކުރުމުގައި އަމަލުކުރަންޖެހޭ ގައުމީ މިންގަނޑެއް އޮންނަ ފަދައިން ފެން ވައިރުކުރުމުގައި ވެސް ގައުމީ މިންގަނޑެއް އޮންނަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ތަޣައްޔަރުވެފައިވާ ފެން ބޭނުންކުރުމުން ސިއްހީ މައްސަލަތައް ދިމާވުން އެކަށީގެންވާތީ، ފެން ވައިރުކުރުމުގައި ވަކި މިންގަނޑެއް ބެހެއްޓުން މުހިއްމު ކަމަށެވެ.

ފެނުގެ ކޮލިޓީއާ ގޮތުން މީޑިއާ އަށް މައުލޫމާތު ދިން ޓެކްނިކަލް ޓީމް -- ފޮޓޯ: އެންވަޔަރަމެންޓް މިނިސްޓްރީ

ފެނުގެ ކޮލިޓީއާ ގޮތުން މީޑިއާ އަށް މައުލޫމާތު ދިން ޓެކްނިކަލް ޓީމް -- ފޮޓޯ: އެންވަޔަރަމެންޓް މިނިސްޓްރީ

"އެހެންނޫނިީ ސިއްހީ ގޮތުން ނުރައްކާތެރިކަން ކުރިމަތިވޭ، އަމަލުތައް ބައެއް ފަހަރު ކުރާ ގޮތުން. ފެން ވައިރުކުރުމަކީ ވެސް ވަކި ފެންވަރެއްގައި ކުރަންޖެހޭ ކަމަކަށް ވުމުން އަޅުގަނޑުމެން ޖެހޭ އެކަންތައް ވެސް ޔަގީންކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖޭގެ 153 ރަށެއްގައި މިހާރު ވެސް އެކަށީގެންވާ ފެނުގެ ނިޒާމެއް ގާއިމްކޮށްފައި ނުވާކަން ފާހަގަކޮށް، އެ މައްސަލައަށް ހައްލެއް ގެންނަން މަސައްކަތުކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި 20-25 މިލިއަން ރުފިޔާ ހޭދަކޮށްގެން އެ ރަށްރަށުގައި ފެނުގެ ނިޒާމެއް ގާއިމްކުރާއިރު، އެއީ ބޯން ބޭނުންކުރަން އެކަށީގެންވާ ފެނަށް ވުން މުހިއްމު ކަމަށް ވިދާޅުވި އެވެ.

އެމްޑަބްލިޔުއެސްސީން ދޫކުރާ ފެނަކީ ތިން މަރުހަލާއަކުން ސާފުކޮށްފައިވާ ފެން ކަމަށާއި، އެ ފެނުގައި އެއްވެސް ޖަރާސީމެއް ނެތް ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާއި އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އަދި އެމްޑަބްލިޔުއެސްސީ އިން މިއަދު ކަށަވަރުކޮށްދިނެވެ.