Roadha Mihaaru
އިންވެސްޓަރުންނަށް ރާއްޖެ ވަރަށް މަގުބޫލު: ޖޭއެލްއެލް

އިންވެސްޓަރުން ބޮޑު މަގުބޫލުކަމެއް ރާއްޖެއަށް އެބައޮތް: ޖޭއެލްއެލް

20 އޯގަސްޓް 2024

ދުނިޔޭގެ ހުރިހާ ބޮޑެތި ބްރޭންޑުތަކެއް ވެސް ރާއްޖެއަށް އަންނަން ބޭނުންވާ ކަމަށާއި ރާއްޖެއަށް އިންވެސްޓަރުންގެ ވަރަށް ބޮޑު ޝައުގުވެރިކަމެއް އެބަ އޮތް ކަމަށް ޖޭއެލްއެލްގެ އޭޝިއާ ޕެސިފިކް ރީޖަންގެ ސީއީއޯ ނިހާތު އާކެން ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދުނިޔޭގެ ހުރިހާ ބޮޑެތި ބްރޭންޑުތަކެއް ވެސް ރާއްޖެއަށް އަންނަން ބޭނުންވާ ކަމަށާއި ރާއްޖެއަށް އިންވެސްޓަރުންގެ ވަރަށް ބޮޑު ޝައުގުވެރިކަމެއް އެބަ އޮތް ކަމަށް ޖޭއެލްއެލްގެ އޭޝިއާ ޕެސިފިކް ރީޖަންގެ ސީއީއޯ ނިހާތު އާކެން ވިދާޅުވެއްޖެ އެވެ.

މިމަހުގެ ކުރީ ކޮޅު ކްރޮސްރޯޑްސްގައި ބޭއްވި އޮސްޓްރޭލިއަން ހޮޓެލް އިންޑަސްޓްރީ ކޮންފަރެންސް އެންޑް އެގްޒިބިޝަން (އަހައިސް) އިން އިންތިޒާމްކޮށްގެން ބާއްވާ "އަހައިސް މޯލްޑިވްސް ހޮޓެލް އިންވެސްޓްމެންޓް ސަމިޓު" ގައި "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުގައި ނިހާތު ވިދާޅުވީ، މި ސަރަހައްދުގެ އެންމެ ފަސޭހައިން އާދެވޭ އެއް ގައުމަކީ ރާއްޖެ ކަމަށާއި ޓޫރިސްޓުން ރާއްޖެއަށް އައުމަށް އެހާ ބޮޑު ޝައުގުވެރިކަމެއް އޮތުމުން އިންވެސްޓަރުންގެ ވެސް ރާއްޖެއަށް އަންނަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖޭއެލްއެލް ރިސޯޓުތައް ވިއްކުމުގައި ހަރަކާތްތެރިވާ އިރު ރާއްޖެއަށް އޮންނަ ޑިމާންޑު ބޮޑުވަމުން އަންނަކަން ފާހަގަކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފުރަތަމަ ފެށުނީ ވަރަށް މަދު ރިސޯޓުތަކުން. އެކަމަކު މިހާރު ކޮންމެ އަހަރަކު ވެސް ގިނަ އަދަދެއްގެ ރިސޯޓު ގަންނަން ޝައުގުވެރިކަން ވަރަށް ބޮޑު. ދެ ބިލިއަން ޑޮލަރާ ގާތްކުރާ އަދަދެއްގެ މުއާމަލާތްތައް ރާއްޖޭގައި ހިންގައިފި،" އޭނާ ވިދާޅުވި އެވެ.

ނިހާތު ވިދާޅުވީ، ރާއްޖެއަށް ޔޫރަޕުންނާއި މެދުއިރުމަތީގެ އިންވެސްޓަރުންގެ ޝައުގުވެރިކަން ވެސް ވަރަށް ބޮޑު ކަމަށެވެ. ކުރިން ރާއްޖެއަށް އިންވެސްޓްކުރުމުގެ ޝައުގުވެރިކަން އޮތީ ރިސޯޓު ހަދާ ފަރާތްތަކަށް ކަމަށާއި އެކަމަކު މިހާރު ތަފާތު ދާއިރާތަކުގެ އިންވެސްޓަރުން ވެސް ރާއްޖެއަށް އަންނަން ބޭނުންވާ ކަން ފާހަގަކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރިސޯޓުތައް ދޫކުރާ މުއްދަތު 99 އަހަރަށް އިތުރު ކުރުމުން ވެސް އިންވެސްޓަރުންގެ ޑިމާންޑު ވަރަށް ބޮޑު. ދިގު މުއްދަތުގެ ބޮޑެތި އިންވެސްޓްމެންޓްތަކަށް ފުރުސަތު މިވަނީ ހުޅުވާލެވިފައި،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ޓޫރިޒަމްގެ ދުރު މުސްތަގްބަލު އިންވެސްޓަރުންނަށް އިތުރަށް ސާފުވެއްޖެ ނަމަ، އަންނަ އިންވެސްޓަރުން އިތުރު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އިންވެސްޓަރުން ތިބި ނަމަވެސް، ރާއްޖެއިން އެ އިންވެސްޓްމެންޓްތަކަށް ބޭނުންވާ ފައިސާ ހޯދުމުގެ ފުރުސަތުތައް ވަރަށް މަދު ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، އެއީ ވެސް މިވަގުތު ފުޅާ ކުރެވިދާނެ ދާއިރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ރިސޯޓު އޮޕަރޭޓް ކުރާ ވަރު 2009 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރަށް ކޮންމެ އަހަރު އެވްރެޖުކޮށް 9 ޕަސެންޓު ވަނީ އިތުރުވެފަ އެވެ.

ޖޭއެލްއެލް އިން 2012 ވަނަ އަހަރުން ފެށިގެން 15 ރިސޯޓަށް ވުރެ ގިނަ ރިސޯޓު ވިއްކުމުގައި ބްރޯކަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވެ އެވެ. އަދި މިހާރު ވެސް އިތުރު ރިސޯޓުތައް ވިއްކުމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.