Roadha Mihaaru
ރާއްޖޭގަ އިތުރަށް އިންވެސްޓްކުރަން ބޭނުން: ޖޯން ކީލްސް

ރާއްޖޭގެ ޓޫރިޒަމްގައި އިތުރަށް އިންވެސްޓްކުރަން ބޭނުން: ޖޯން ކީލްސް

04 ޑިސެމްބަރ 2016

ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި އިތުރު އިންވެސްޓްމަންޓްތައް ކުރުމަށް ބޭނުންވާ ކަމަށް ސްރީ ލަންކާގެ އެންމެ ބޮޑު ހޮޓެލް ޗެއިން ކަމަށްވާ ޖޯން ކީލްސް އިން ބުނެފި އެވެ.

މަރިޔަމް ސާލިޔާ މަރިޔަމް ސާލިޔާ

ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި އިތުރު އިންވެސްޓްމަންޓްތައް ކުރުމަށް ބޭނުންވާ ކަމަށް ސްރީ ލަންކާގެ އެންމެ ބޮޑު ހޮޓެލް ޗެއިން ކަމަށްވާ ޖޯން ކީލްސް އިން ބުނެފި އެވެ.

ޓޫރިސްޓް ހޮޓާ އަދި ރިސޯޓް ހިންގުމުގެ އިތުރުން ވެސް ވިޔަފާރީގެ އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ ޖޯން ކީލްސްގެ އެގްޒެކްޓިވް ވައިސް ޕްރެޒިޑެންޓް ސުނިމާލް ސެނަޔަކަ މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވި ގޮތުގައި ލަންކާ އަށް ފަހު ޓޫރިޒަމް ދާއިރާގައި އިންވެސްޓްކުރުމަށް އެންމެ ރަނގަޅީ ރާއްޖެ އެވެ. އެގޮތުން، މިދިޔަ ދިހަ ވަރަކަށް އަހަރުގެ ތެރޭގައި ރާއްޖޭގެ ޓޫރިޒަމް ކުރި އަރާ މިންވަރު އެއްވަރެއްގައި ހިފެހެއްޓިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު މިިދިޔަ ދެ އަހަރު އެއްވަރެއްގައި ހިފެހެއްޓިފަައި ހުރުމަށް ފަހު، އަނެއްކާ ވެސް އިތުރުވާން ފަށާފައިވާ ކަމަށް ސުނިމާލް ވިދާޅުވި އެވެ. އެގޮތުން، އެ ކުންފުނިން ރާއްޖޭގައި ހިންގާ ރިސޯޓްތަކުގެ އޮކިއުޕެންސީ ރޭޓް ވެސް މިދިޔަ ދެ މަހުގެ ތެރޭގައި މައްޗަށް ގޮސްފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

"ރާއްޖެ އަކީ ވަރަށް ތަފާތު، އެފަދަ ދެވަނަ އެއް ނެތް މަންޒިލެއް. އެއީ އަދިވެސް އެންމެ ރަނގަޅު އެއް މާކެޓް އަދި އިތުރު އިންވެސްޓްމަންޓްތައް ކުރުމަށް ވެސް ރާއްޖެ ވަރަށް ކަމުދޭ،" ލަންކާގައި ބޭއްވި އޭޝިއާ ހޮޓެލް އެންޑް ޓޫރިޒަމް އިންވެސްޓްމަންޓް ކޮންފަރެންސްގައި ވާހަކަދައްކަވަމުން ސުނިމާލް ވިދާޅުވި އެވެ.

ޖޯން ކީލްސް އިން ރާއްޖޭގައި ތިން ރިސޯޓެއް ހިންގަ އެވެ. އެއީ އެއްލައިދޫ މޯލްޑިވްސް ބައި ސިނަމަން، ސިނަމަން ހަކުރާ ހުރާ މޯލްޑިވްސް އަދި ސިނަމަން ދޮންވެލި މޯލްޑިވްސް އެވެ. ރާއްޖޭގައި ހިންގާ ރިސޯޓުތަކުން ލިބޭ ފައިދާ ކޮންމެވެސް ވަރަކަށް ދަށްވެފައިވާ ކަމަށް ޖޯން ކީލްސް އިން އެންމެ ފަހުން އާންމުކުރި މާލީ ހިސާބުތަކުގައި ބުނެފައިވެ އެވެ.

ޖޯން ކީލްސްގެ އިތުރުން، ލަންކާގެ އެއިޓްކެން ސްޕެންސް އިން ވެސް ރާއްޖޭގައި ގިނަ އަދަދެއްގެ ރިސޯޓުތައް ހިންގަ އެވެ. އެއީ އަދާރަން ބްރޭންޑުގެ ދަށުން ހިންގާ އަދާރަން ޕްރެސްޓީޖް ވާދޫ، އަދާރަން ޕްރެސްޓީޖް އޯޝަން ވިލާސް، އަދާރަން ޕްރެސްޓީޖް ވޯޓާ ވިލާސް، އަދާރަން ސިލެކްޓް މީދުއްޕަރު، އަދާރަން ސިލެކްޓް ހުދުރަންފުށި އަދި އަދާރަން ކްލަބް ރަންނާޅި އެވެ.

ރާއްޖޭގައި ގިނަ އަދަދެއްގެ އާ ރިސޯޓުތައް އަންނަނީ ހުޅުވަމުންނެވެ. އެގޮތުން، މި އަހަރުގެ މިހާތަނަށް 10 އަށް ވުރެ ގިނަ ރިސޯޓް ހުޅުވާފައިވާ އިރު، މި މަހުގެ ތެރޭގައި ވެސް އިތުރު ރިސޯޓުތަކެއް ހުޅުވުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އަދި އަންނަ އަހަރު 20 އާ ރިސޯޓް ހުޅުވާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.