Roadha Mihaaru
މިއަހަރުގެ އިންވެސްޓްމަންޓް ފޯރަމް ޑިސެމްބަރު 18 ގައި

ޓޫރިޒަމް ދާއިރާ ހިމަނައިގެން، ޑިސެމްބަރު 18 ގައި އިންވެސްޓްމަންޓް ފޯރަމް ބާއްވަނީ

21 ނޮވެމްބަރ 2017

ކުރީ ފަހަރުތަކާ ޚިލާފަށް، ޓޫރިޒަމް ދާއިރާ ހިމެނޭ ގޮތަށް، ހަތަރު ވަނަ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް އަންނަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ދުބާއީގައި ބާއްވާ ގޮތަށް ސަރުކާރުން ނިންމައިފި އެވެ.

އަހުމަދު އަބުދުﷲ ސައީދު އަހުމަދު އަބުދުﷲ ސައީދު

ކުރީ ފަހަރުތަކާ ޚިލާފަށް، ޓޫރިޒަމް ދާއިރާ ހިމެނޭ ގޮތަށް، ހަތަރު ވަނަ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް އަންނަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ދުބާއީގައި ބާއްވާ ގޮތަށް ސަރުކާރުން ނިންމައިފި އެވެ.

ގަތަރުގައި ބާއްވަން ކުރިން ނިންމި މި ފޯރަމް، މިހާރު ހަމަޖެހިފައި އޮތް ގޮތުން އޮންނާނީ ދުބާއީގެ އިންޓަނޭޝަނަލް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރުގަ އެވެ. މިއީ ރާއްޖޭގައި ހުރި އިންވެސްޓްމަންޓުގެ ފުރުސަތުތައް ބައިނަލްއަގުވާމީ އިންވެސްޓަރުންނަށް ހުށަހަޅައިދީ ތައާރަފް ކޮށްދިނުމަށް ބާއްވާ އެންމެ ބޮޑު ފޯރަމެވެ.

ޓްރޭޑް މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓާ އަބްދުﷲ ސިޔާޒް ވިދާޅުވި ގޮތުގައި މިއީ ރާއްޖޭގެ އިގްތިސާދު ހަރުދަނާ ކުރުމުގެ ގޮތުން، ރާއްޖޭގެ ގާނޫނީ އޮނިގަނޑަށް ގެނައި އިސްލާހީ ބަދަލުތަކުގެ ތެރެއިންނާއި ސްޕެޝަލް އިކޮނޮމިކް ޒޯންގެ ގާނޫނުގެ ދަށުން ފަހިވެފައިވާ އިންވެސްޓްމަންޓްގެ ފުރުސަތުތައް ބޭރުގެ އިންވެސްޓަރުންނަށް ހުޅުވައިލުމަށް ބާއްވާ ފޯރަމެކެވެ. އޭގެ އިތުރުން ވެސް ރާއްޖޭން ލިބެން ހުރި މާލީ އަދި އިގްތިސާދީ ފައިދާތައް ބޭރުގެ އިންވެސްޓަރުންނަށް، މި ފޯރަމްގެ ތެރެއިން ތައާރަފް ކޮށްދާނެ ކަމަށް ސިޔާޒް ވިދާޅުވި އެވެ.

"އިންވެސްޓްމަންޓް ފޯރަމަކީ ރާއްޖޭގެ އިގްތިސާދު ހަރުދަނާ ކުރުމުގެ ގޮތުން، ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓް ކުރެވިދާނެ ދާއިރާތައް ހާމަކޮށްދިނުމުގެ ގޮތުން ރައީސް ޔާމީންގެ އިސްނެންގެވުމަށް ބާއްވަން ފެށި ފޯރަމެއް. ސިންގަޕޫރުގައި 2014 ވަނަ އަހަރު ފެށި މި ސިލްސިލާ ފޯރަމް، 2015 ވަނަ އަހަރު ޗައިނާގެ ބޭޖިންގަ އާއި 2016 ވަނަ އަހަރު އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ވެސް ވަނީ ވަރަށް ކާމިޔާބުކަމާ އެކު ބާއްވާފައި،" ސިޔާޒް ވިދާޅުވި އެވެ.

ރާއްޖެ މީގެ ކުރިން ދެކެފައި ނުވާ ފަދަ އިގްތިސާދީ އައު ބަދަލުތަކެއް ރާއްޖެ އަށް ގެނައުމަކީ، ރައީސް ޔާމީންގެ ވެރިކަމުގެ އެންމެ މުހިންމު އެއް ވައުދު ކަމަށް އޭނާ ވިދާޅުވި އެވެ. މި ފޯރަމަކީ، މިއަދުގެ ބައިނަލްއަގުވާމީ ވިޔަފާރީގެ ކާމިޔާބީތަކާއި ރާއްޖޭގެ ކުރިއަރަމުން އަންނަ އިގްތިސާދު ގުޅި ލާމެހިގެން ދާނޭ ގޮތް ހެދުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތުގެ އެއް ބައެވެ.

ސިޔާޒް ވިދާޅުވި ގޮތުގައި މި ފޯރަމްގައި ބައިވެރިވެ މި ސަރަހައްދުގެ އިގްތިސޯދުގެ އެންމެ މުހިންމު ބައިވެރިންނާ ސީދާ ބައްދަލުކޮށް މި ފޯރަމްގެ ފައިދާ ހޯދުމުގެ ފުރުސަތު ރާއްޖޭގެ އިންވެސްޓަރުންނަށާއި ބޭރުގެ އިންވެސްޓަރުންގެ އިތުރުން ދައުލަތުގެ މުއައްސަސާތަކަށާއި ވަކިވަކި ވިޔަފާރިތަކަށާއި ވިޔަފާރީގެ ކޮންސަލްޓަންޓުންނަށް ވެސް އޮންނާނެ އެވެ.

"މި ފޯރަމްގައި ޓޫރިޒަމް ޕްރޮމޯޝަންގެ ބައެއް ހިމެނުނަސް އެއީ، ޓޫރިޒަމްގެ އެހެން ފެއާތަކުގައި އޮންނަ ގޮތަށް އެރައިވަލްސް އިތުރު ކުރުމަށް ކުރާ ކަމެއް ނޫން. މި ފޯރަމްގައި އޮންނާނީ ޓޫރިޒަމް ސެކްޓާގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތައް އިންވެސްޓަރުންނަށް ތައާރަފްކޮށްދިނުން،" ސިޔާޒް ވިދާޅުވި އެވެ.

ދުނިޔޭގެ ވިޔަފާރި އާއި އިންވެސްޓްމަންޓް ދާއިރާގައި ވެސް ފާހަގަ ކޮށްލެވޭ ސަހަރެއް ކަމަށްވާ ދުބާއީގައި މި ފޯރަމް ކުރިއަށް ދާއިރު، އިގްތިސާދާއި އިންވެސްޓްމަންޓްގެ ދާއިރާ އިން އެމިރޭޓްސްގެ އެންމެ ބޮޑެތި ވިޔަފާރިތަކާއި އެމިރޭޓްސް ސަރުކާރުގެ މަންދޫބުންނާއި ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންނާއި ސަރުކާރުގެ ބޮޑެތި ކުންފުނިތަކާއި އަމިއްލަ ކުންފުނިތައް އަދި އޭގެ އިތުރުން ބައިނަލްއަގުވާމީ ވިޔަފާރިތަކާއި ގާނޫނީ ތަޖުރިބާކާރުން އެއް ތަނަކުން ބައްދަލުވެ މަޝްވަރާ ކުރުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ.

މިއަހަރުގެ ފޯރަމްގައި ރާއްޖޭން މިހާތަނަށް ބައިވެރިވެފައިވާ ކުންފުނިތަކުގެ ތެރޭގައި މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީސީޑީ)، އެމްޑަބްލިޔުއެސްސީ، ޓްރީޓޮޕް އިންވެސްޓްމަންޓް، އެމްޓީސީސީ، އެމްޕީއެލް، ބޭންކް އޮފް މޯލްޑިވްސް، ހޮޓެލް އެންޑް ރިސޯޓްސް ކޮންސްޓްރަކްޝަންސް (އެޗްއާރްސީ)، އެޗްޑީސީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްޕީއެލް) އަދި އެސްޓީއޯ ހިމެނެ އެވެ.

މި ފޯރަމްގައި ރާއްޖެ އާއި އެމިރޭޓްސްގެ ކަމާ ގުޅޭ ދާއިރާތަކުގެ ވަޒީރުންނާއި މަޝްހޫރު ވިޔަފާރިވެރިން ބައިވެރިވެ ރާއްޖޭގައި އިންވެސްޓް ކުރުމާ ބެހޭ ގޮތުން އެ ބޭފުޅުން ގެންގުޅުއްވާ ތަސައްވުރު، ފޯރަމްގެ ބައިވެރިންނާ ހިއްސާ ކުރައްވާނެ އެވެ.

އޭގެ އިތުރުން، އިންވެސްޓްމަންޓްތަކަށް ރާއްޖޭގައި މިހާރު ތައްޔާރުވެފައިވާ މަޝްރޫއުތައް، ފޯރަމްގެ ބައިވެރިންނަށް ތައާރަފް ކޮށްދިނުމުގެ ގޮތުން ރާއްޖޭގައި އިންވެސްޓްމަންޓްގެ މާހައުލު އޮތް ގޮތުގެ ޕްރެޒެންޓޭޝަންތައް ދެއްކުން އޮންނާނެ އެވެ.