Roadha Mihaaru
އަމިއްލަ ފުށީގެ ބައެއް ވިލާތައް ވިއްކާލަނީ

އަމިއްލަ ފުށީގެ ބައެއް ވިލާތައް ވިއްކާލަނީ

01 ޖޫން 2020

ބ. އަތޮޅުގައި ތަރައްގީ ކޮށްފައިވާ ފަތީ ފެންވަރުގެ އަމިއްލަ ފުށި ރިސޯޓުގެ ބައެއް ވިލާތައް ގަނެ އެއިން މަންފާ ހޯދުމުގެ ފުރުސަތު ބޭރުގެ އިންވެސްޓަރުންނަށް އެ ރިސޯޓުން ހުޅުވާލައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ބ. އަތޮޅުގައި ތަރައްގީ ކޮށްފައިވާ ފަތީ ފެންވަރުގެ އަމިއްލަ ފުށި ރިސޯޓުގެ ބައެއް ވިލާތައް ގަނެ އެއިން މަންފާ ހޯދުމުގެ ފުރުސަތު ބޭރުގެ އިންވެސްޓަރުންނަށް އެ ރިސޯޓުން ހުޅުވާލައިފި އެވެ.

އެ ރިސޯޓުގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި އިންވެސްޓަރުން ގަންނަ ކޮންމެ ވިލާއެއް އެމީހަކަށް ފުރަތަމަ ލިބޭނީ ލީސް އެގްރީމަންޓުގެ ދަށުން ގިނަވެގެން 50 އަހަރާ ހަމައަށެވެ. އެއަށް ފަހު އިތުރު 50 އަހަރާ ހަމައަށް އެ އެގްރީމަންޓްގެ މުއްދަތު އިތުރު ކުރުމުގެ ފުރުސަތު އޮވެ އެވެ.

މީގެ ކުރިން ވެސް ބޭރުގެ ބައެއް މަހުޖަނުންނަށް ސޮނެވާފުށި ކަހަލަ މަތީ ފެންވަރުގެ ބައެއް ރިސޯޓްތަކުން ވިލާ ގަނެފައި އެބަ ހުއްޓެވެ. އެ ތަންތަނުގައި އެމީހުން ޗުއްޓީ ހޭދަނުކުރާ ދުވަސްވަރު، އެހެން މީހުންނަށް ކުއްޔަށް ދެ އެވެ. އަދި ލިބޭ ފައިދާ، ވިލާ ގަތް މަހުޖަނުންނާ ރިސޯޓުން ހިއްސާކުރެ އެވެ.

އަމިއްލަފުށީގައި ވެސް ހަދަނީ އެހެންނެވެ. ލީޒްގެ މުއްދަތުގައި އެ ވިލާތައް މެނޭޖްކޮށް ހިންގާނީ ރިސޯޓުގެ މެނޭޖްމަންޓުންނެވެ. ނަމަވެސް ވިލާގެ ވެރިފަރާތް ނުވަތަ އާއިލާގެ މީހަކު އެ ވިލާގައި ޗުއްޓީ ހޭދަކުރަން ބޭނުންވާ ނަމަ އެ ފުރުސަތު ލިބޭނެ އެވެ.

އަމިއްލަ ފުށިން ވިއްކާ ވިލާއެއްގެ ޕޫލް އޭރިއާ-- ފޮޓޯ: އަމިއްލަ ފުށި

އަމިއްލަ ފުށިން ވިއްކާ ވިލާއެއްގެ ޕޫލް އޭރިއާ-- ފޮޓޯ: އަމިއްލަ ފުށި

ވިލާ ހިންގުމުގެ ހަރަދުގެ ގޮތުގައި އެ ވިލާއަށް ލިބޭ އާމްދަނީގެ 10 ޕަސެންޓު ރިސޯޓުން ނަގާނެ އެވެ. އަދި ބާކީ އާމްދަނީ ވެރިފަރާތަށާއި ރިސޯޓަށް ހަމަހަމައަށް ބަހާނެ އެވެ. އެއީ މަތީ ފަންތީގެ ޓޫރިސްޓުން ދާ ރިސޯޓަކަށް ވާތީ ކޮންމެ ވިލާއަކަށް ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ވެސް ރިސޯޓުން ލަފާކުރެ އެވެ.

އަމިއްލަ ފުށީގެ ވިލާއެއްގެ އެތެރެ: ހުރިހާ ވިލާއެއް ވެސް ފުރިހަމަ-- ފޮޓޯ: އަމިއްލަ ފުށި

އަމިއްލަ ފުށީގެ ވިލާއެއްގެ އެތެރެ: ހުރިހާ ވިލާއެއް ވެސް ފުރިހަމަ-- ފޮޓޯ: އަމިއްލަ ފުށި

އަމިއްލަ ފުށި ރިސޯޓަކީ ދުނިޔޭގެ މަޝްހޫރު ފިލްމީ ތަރިންނާއި ޓީވީ ޕާސަނާލިިޓީތަކާއި ކުޅިވަރުގެ މަޝްހޫރު ފަންނާނުންގެ މަގުބޫލުކަން އޮތް ރިސޯޓެކެވެ. މި ރިސޯޓުގެ ވިލާތައް ހަދާފައި ހުންނަނީ ވެސް އެފަދަ މީހުންގެ ބޭނުންތަކަށް ބަލައިގެންނެވެ.

އަމިއްލަ ފުށިން ވިއްކާ ވިލާއެއްގެ ޕޫލް އޭރިއާ-- ފޮޓޯ: އަމިއްލަ ފުށި

އަމިއްލަ ފުށިން ވިއްކާ ވިލާއެއްގެ ޕޫލް އޭރިއާ-- ފޮޓޯ: އަމިއްލަ ފުށި

އަމިއްލަފުށިން ވިއްކަން ހަމަޖެހިފައިވާ ވިލާތަކުގެ ތެރޭގައި ހަތަރު ކޮޓަރީގެ ހަ ވިލާ އާއި ހަ ކޮޓަރީގެ ވިލާއަކާއި އަށް ކޮޓަރީގެ ވިލާއެއް ހިމެނެ އެވެ. މި ހުންނަނީ ނިސްބަތުން ބަލާ ނަމަ އެންމެ ފުރިހަމަ ބޮޑެތި ގެތަކެވެ.