Roadha Mihaaru
ބަންގްލަދޭޝް މީހުން ގެނެވޭނީ މައްސަލަ ހައްލުވީމާ

ބަންގްލަދޭޝް ލޭބަރުން ގެންނަން އާންމުކޮށް ހުޅުވާލާނީ މުޅި މައްސަލަ ހައްލުވީމާ: މިނިސްޓަރު

20 އޯގަސްޓް 2024

ރާއްޖެއަށް އެންމެ ގިނައިން ބިދޭސީން ގެންނަ ބަންގްލަދޭޝް އިން މަސައްކަތްތެރިން ގެންނަން އާންމުކޮށް ދެން ހުޅުވާލަނީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އެއްކޮށް ހައްލުކޮށްފައި ކަމަށް ހޯމް ލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރާއްޖެއަށް އެންމެ ގިނައިން ބިދޭސީން ގެންނަ ބަންގްލަދޭޝް އިން މަސައްކަތްތެރިން ގެންނަން އާންމުކޮށް ދެން ހުޅުވާލަނީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އެއްކޮށް ހައްލުކޮށްފައި ކަމަށް ހޯމް ލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ބަންގްލަދޭޝްގެ މަސައްކަތްތެރިން ރާއްޖެ ގެނައުން މެދުކަނޑާލާފައި އޮންނަތާ ހަތަރު އަހަރު ފަހުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ވަނީ ގިނަ މަޝްރޫއުތަކެއް ކުރިއަށްދާތީ އެ މަޝްރޫއުތަކަށް ބޭނުންވާ މަސައްކަތްތެރިން ހާއްސަ ހުއްދައެއްގެ ދަށުން ގެންނަން މި ސަރުކާރުން ހުއްދަ ދީފަ އެވެ. ނަމަވެސް، އާންމުކޮށް ބަންގްލަދޭޝް މަސައްކަތްތެރިން ގެނައުމުގެ ހުއްދައެއް އަދިވެސް ނުދެ އެވެ.

މިކަމާ ގުޅިގެން ބައެއް ވިޔަފާރިން ކަންބޮޑުވުން ފާޅުކޮށް، އެ ވިޔަފާރިތަކަށް ބޭނުންވާ މަސައްކަތްތެރިން ހޯދަން އުނދަގޫވެފައިވާ ކަމުގެ ޝަކުވާ ބޮޑެވެ.

ބިދޭސީން ރާއްޖެ ގެންނަ ވިޔަފާރިންނާ އެކު މިއަދު ހެނދުނު އިސްކަންދަރު ކޮށީގައި ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި މި ވަގުތު ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަލުން ގަވައިދުގެ ތެރެއަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެކަން ހައްލުނުކޮށް ދެން އިތުރަށް ރާއްޖެއަށް ބިދޭސީ މަސައްކަތްތެރިން އެތެރެކުރަން ހުއްދަ ނުދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ބިދޭސީން ގަވައިދަށް ފެއްތުމަށް މަގުތައް ހޯދި އެ ކަންކަން ރަނގަޅަށް ހިނގައިގަތީމާ ބިދޭސީން ގެންނަން ބޯޑަރު ވެސް ހުޅުވާލާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ވިޔަފާރިވެރިންނާ އެކު މިނިސްޓަރު އިހުސާން މިއަދު ބޭއްވި ބައްދަލުވުމުގެ ބައެއް ބައިވެރިން: ބަންގްލަދޭޝް އން ލޭބަރުން ގެންނަން އާންމުކޮށް ދެން ހުޅުވާލާނީ މުޅި މައްސަލަ ހައްލުވުމުން ކަމަށް ވިދާޅުވި - ފޮޓޯ: ނިޝާން އަލީ / މިހާރު

ވިޔަފާރިވެރިންނާ އެކު މިނިސްޓަރު އިހުސާން މިއަދު ބޭއްވި ބައްދަލުވުމުގެ ބައެއް ބައިވެރިން: ބަންގްލަދޭޝް އން ލޭބަރުން ގެންނަން އާންމުކޮށް ދެން ހުޅުވާލާނީ މުޅި މައްސަލަ ހައްލުވުމުން ކަމަށް ވިދާޅުވި - ފޮޓޯ: ނިޝާން އަލީ / މިހާރު

މިނިސްޓަރު ވިދާޅުވީ ބިދޭސީން ރާއްޖެ ގެނެސް އެ މީހުންނަށް ދައްކަން ޖެހޭ ފައިސާ ދައުލަތަށް ނުދައްކާ ފަރާތްތައް ވަރަށް ގިނަ ކަމަށާއި ފައިސާ ނުދެއްކުމުގެ ސަބަބުން އެ ބިދޭސީ މީހާ ވެގެންދަނީ ގަވައިދާ ހިލާފަށް އުޅޭ މީހަކަށް ކަމަށެވެ. އެހެންވެ މައްސަލައިގެ ފެށުމުގެ ތެރޭގައި ބިދޭސީން ރާއްޖެ ގެންނަ މީހުން ވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.

އެކަން ހައްލު ކުރުމުގެ ގޮތުން ބިދޭސީންނަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ ކުންފުނިތަކުގެ ލިސްޓެއް ހާމަކުރި އެވެ. މިނިސްޓަރު ވިދާޅުވީ އެ ލިސްޓް އާންމުކުރި ފަހުން ވަރަށް ގިނަ ކުންފުނިތަކުން ފައިސާ ދައްކަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ނަމަވެސް، އަދަދުން ބަލާއިރު އެއްކޮށް މިހާތަނަށް ފައިސާ ދައްކާފައިވަނީ 15 ވަރަކަށް ކުންފުންޏަކުން ކަމަށާއި ވަރަށް ބޮޑު އަދަދުން ފައިސާ ނުދައްކާ ކުންފުނިތައް ގިނަ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ބިދޭސީންގެ މުޅި މައްސަލައަށް ތިން އަހަރުގެ ތެރޭގައި ދާއިމީ ހައްލެއް ގެނެވޭނެ ކަމަށް އުއްމީދު ކުރެވޭ ކަމަށާއި މުޅި މައްސަލަ ހައްލުކުރަން ފުރަތަމަ އަހަރު ތެރޭ ކުރާ މަސައްްކަތަކީ ހުރިހާ ބިދޭސީން އައިޑެންޓިފައި ކުރުން ކަމަށެވެ. އެކަމަށް ހާއްސަ އޮޕަރޭޝަނެއް ހޯމް މިނިސްޓްރީން ވަނީ ފަށައިފަ އެވެ.

ވިޔަފާރިވެރިންނާ އެކު މިނިސްޓަރު އިހުސާން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން: ބަންގްލަދޭޝުން ލޭބަރުން ގެންނަން އާންމުކޮށް ދެން ހުޅުވާލާނީ މުޅި މައްސަލަ ހައްލުވީމަ ކަމަށް ވިދާޅުވި - ފޮޓޯ: ނިޝާން އަލީ / މިހާރު

ވިޔަފާރިވެރިންނާ އެކު މިނިސްޓަރު އިހުސާން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން: ބަންގްލަދޭޝުން ލޭބަރުން ގެންނަން އާންމުކޮށް ދެން ހުޅުވާލާނީ މުޅި މައްސަލަ ހައްލުވީމަ ކަމަށް ވިދާޅުވި - ފޮޓޯ: ނިޝާން އަލީ / މިހާރު

ދެވަނަ ކަމެއްގެ ގޮތުގައި ކުރާނެ ކަމަކީ އައިޑެންޓިފައި ކުރެވޭ ބިދޭސީންގެ ތެރެއިން ގަވައިދާ ހިލާފަށް އުޅޭ މީހުން އަލުން ގަވައިދުގެ ތެރެއަށް ފެއްތުމުގެ މަސައްކަތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ކޮންމެ ބިދޭސީއަކީ ވެސް ފިންގަޕްރިންޓް ނަގައި، އައިޑެންޓްވިފައި އަދި އެކައުންޓް ކޮށްފައިވާ މީހެއްކަން ކަށަވަރު ކުރާނެ ކަމަށް ވިދާޅުވި އެވެ. އަދި ވޮލަންޓިއާކޮށް ރާއްޖެ ދޫކޮށް ދާން ބޭނުންވެފައި ތިބި ބިދޭސީންނަށް އެ ފުރުސަތު ވެސް ހުޅުވާލާނެ ކަމަށް ވިދާޅުވި އެވެ.

އިމިގްރޭޝަންގެ ބޯޑަ ކޮންޓްރޯލް ސިސްޓަމުން ދައްކާ ގޮތުން ރާއްޖޭގައި މި ވަގުތު ބަންގްލަދޭޝްގެ 90،624 ބިދޭސީން އެބަތިއްބެވެ. ބިދޭސީންނަށް 139،000 އެކްޓިވް ވޯކްޕާމިޓު ދޫކޮށްފައިވާކަން ބިދޭސީންގެ އެކްސްޕެޓް ސިސްޓަމުން ދައްކާ ކަމަށާއި އޭގެ ތެރެއިން ފާއިތުވި އެއް އަހަރުގެ ތެރޭގައި ބަރާބަރަށް ފައިސާ ދައްކާފައިވަނީ އެންމެ 36 ޕަސެންޓް މީހުން ކަމަށް ހޯމް މިނިސްޓްރީން ބުނެފައިވެ އެވެ.

ރާއްޖޭގައި މި ވަގުތު 90،624 ބިދޭސީން ތިބި ކަމަށް އާ ސަރުކާރުން ބުންޏަސް، އޭގެ ތެރެއިން ގާނޫނާ ހިލާފަށް ތިބި މީހުންގެ އަދަދެއް ސާފެއް ނުވެ އެވެ.