ކަންނެލި ބާނަން އެންމެ ގިނަ މަސްވެރިން ހަރަކާތްތެރިވާ ރާއްޖޭގެ އުތުރުގެ ސަރަހައްދުގައި ލޭނު އަޅަން ހުއްދަ ނުދޭނެ ކަމަށް މިނިސްޓްރީން ބުނެފި އެވެ.
20 އޯގަސްޓް 2024
ކަންނެލި ބާނަން އެންމެ ގިނަ މަސްވެރިން ހަރަކާތްތެރިވާ ރާއްޖޭގެ އުތުރުގެ ސަރަހައްދުގައި ލޭނު އަޅަން ހުއްދަ ނުދޭނެ ކަމަށް މިނިސްޓްރީން ބުނެފި އެވެ.
ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ރީނދޫ އުރަހަ ކަންނެލި އަދި ލޯބޮޑު ކަންނެއްޔާއި ހިބަރަށް އަމާޒުކޮށްގެން ލޭނު މަސްވެރިކަން ކުރުމުގެ ފުރުސަތު ހުޅުވާލުމަށް ކެބިނެޓުން ނިންމައި، އެކަމަށް ހާއްސަ ގަވައިދެއް ވަނީ އެކުލަވާލައިފަ އެވެ.
ނަމަވެސް، ލޭނުގެ މަސްވެރިކަމުގެ ހުއްދަ ދޭން ނިންމާފައިވުމުން ތިމާވެއްޓާ ގުޅޭ ގިނަ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި، ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ވެސް ވަނީ ލޭނު އެޅުމާ މެދު ކަންބޮޑުވެފަ އެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު ބުނި ގޮތުގައި ލޭނު އެޅުމުގެ މަސްވެރިކަމަށް ހުއްދަ ދޭން ނިންމާފައިވަނީ ކަންނެލީގެ އަތު ނަނުގެ މަސްވެރިން އާންމުކޮށް ހަރަކާތްތެރިވާ ސަރަހައްދުން ބޭރުގަ އެވެ. ލޭނު އަޅަން ހުއްދަ ދެނީ ރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިން އިން ފެށިގެން 100 މޭލު ބޭރުގެ ސަރަހައްދުގަ އެވެ.
އަދި، ހާއްސަކޮށް އަތު ނަނުގައި ކަންނެލި އެންމެ ގިނައިން ބާނާ އުތުރުގެ އަތޮޅުތަކުގައި ލޭނު އެޅުން ވަނީ މަނާކޮށްފަ އެވެ. އެއީ ބޮޑު ކަންނެލީގެ މަސްވެރިންނަށް ގެއްލުންވުން ހުއްޓުވަން އަޅާފައިވާ ފިޔަވަޅެއް ކަން މިނިސްޓްރީން ފާހަގަކުރި އެވެ.
މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި ލޭނު އަޅަން ހުއްދަ ދޭނީ އައްޑު އަތޮޅުގެ އިރާއި ހުޅަނގުން ފެށިގެން ރ. އަތޮޅުގެ އަލިފުށީގެ ދެކުނާ ހަމައަށެވެ. އަލިފުށީ އުތުރުން އޮންނަ ސަރަހައްދަކީ ކަންނެލީގެ މަސްވެރިކަން އެންމެ ގިނައިން ކުރާ ސަރަހައްދު ކަން މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ކަމަށް ބުންޏެވެ.
އައްޑޫގެ ދެކުނަށް ލޭނު މަސްވެރިކަމުގެ ހުއްދަ ނުދެވޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. އެއީ 100 މޭލުން ބޭރުގެ ސަރަހައްދަކީ މިހާރު ޗާގޯސްގެ ސަރަހައްދެއް ކަމަށް ކަނޑައަޅާފައި އޮތުމުންނެވެ.
މަސްވެރިކަން ކުރަން ލޭނު އަޅާފައި: ލޭނު މަސްވެރިކަމުގެ ސަބަބުން ރާއްޖޭގެ ތިމާވެއްޓަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ޖަމިއްޔާތަކުން ބުނި
މިނިސްޓްރީން ބުނި ގޮތުގައި ރާއްޖޭން ކަނޑުގެ 200 މޭލު ބޭރުން ހައިސީ އަށް ނުކުމެ ލޭނު އެޅުމުގެ ފުރުސަތު އޮންނާނެ އެވެ. އެ ސަރަހައްދަކީ އެކި ގައުމުތަކުގެ އުޅަނދުތައް ވެސް ލޭނު އެޅުމުގެ މަސްވެރިކަން ކުރާ ސަރަހައްދެކެވެ.
އިންޑިއާ ކަނޑުގައި ލޭނު އަދި ދާ އަޅައިގެން ލޯބޮޑު ކަންނެލި ބާނާ ބައެއް ގައުމުތަކުގެ ތެރޭގައި ފްރާންސް، ޕޯޗުގަލް އަދި ސްޕެއިން ވެސް ހިމެނެ އެވެ.
މިނިސްޓްރީން މިހެން ބުންޏަސް، ލޭނު އަޅަން ހުއްދަ ދޭން ސަރުކާރުން ނިންމާފައިވާތީ ކަންނެލި މަސްވެރިން ވަނީ ކަންބޮޑުވެފަ އެވެ. ލޭނު އެޅުމަށް ހުއްދަ ދިނުމާ ދެކޮޅަށް މަސްވެރިންނާއި ޖަމިއްޔާތަކުން މާދަމާ މުޒާހަރާއަށް ނުކުންނަން ވެސް ވަނީ ތައްޔާރުވެފަ އެވެ. ކަންނެލި މަސްވެރިންގެ ކަންބޮޑުވުން:
- ގަވައިދުގެ ދަށުން ލޭނު މަސްވެރިކަން ކުރަން ހުއްދަ ލިބޭނެ އެއްވެސް މަސްވެރި އުޅަނދެއް ރާއްޖޭގައި ނެތުން.
- ގަވައިދުގެ ދަށުން ލޭނު އެޅުމުގެ ހުއްދަ ލިބެނީ ސަރުކާރުން ހުއްދަ ދޭ ވަކި ކަހަލަ ބޯޓުތަކަކަށްވުން.
- ލޭނު އަޅައިގެން ކަންނެލި ބޭނުމާއި މިޔަރު ބޭނުމުގެ ހުއްދަ ލިބެނީ ދިވެހި މަސްވެރި އުޅަނދު ފަހަރަށް ނުވުން.
ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ގަބޫލުކުރާ ގޮތުގައި، މިއީ ދިވެހި މަސްވެރިންނަށް އެތައް ގެއްލުމެއް ލިބޭނެ ބޮޑު ޖަރީމާއެކެވެ.
ލޭނު މަސްވެރިކަމަށް ސަރުކާރުން ހުއްދަ ދޭން ނިންމާފައިވަނީ ވަކި ޝަރުތަކެއް ފުރިހަމަވާ އުޅަނދުތަކަށެވެ. އަދި އެ އުޅަނދުތަކުގައި ކުރެވޭ މަސްވެރިކަމުގެ ހަރަކާތްތައް ރަނގަޅަށް މޮނީޓާކޮށް ބެލެހެއްޓުމުގެ ގޮތުން އުޅަނދުގައި ވެސެލް ލޮކޭޓިން ޑިވައިންސްއެއް އަދި އިލެކްޓްރޯނިކް މޮނިޓަރިން ސިސްޓަމެއް ހަރުކުރަން ޖެހެ އެވެ.
އަދި މަސް ދަތުރަށް ފުރުމުގެ ކުރިން ޑިޕާޗާ ކްލިއަރެންސް ހުއްދައެއް ހޯދަން ގަވައިދުގައި ލާޒިމްކޮށްފައިވެ އެވެ. ލޭނު މަސްވެރިކަމަށް އުޅަނދުތަކަށް ފުރޭނީ ހަމައެކަނި ހުޅުމާލޭ ބަނދަރުންނެވެ.
މި ފިޔަވަޅުތަކާ އެކު ލޭނު މަސްވެރިކަން ވަރަށް ރަނގަޅަށް މޮނީޓާ ކުރެވޭނެ ކަމުގެ ޔަގީންކަން މިނިސްޓްރީން ދެ އެވެ. މިނިސްޓްރީން ބުނީ ޑިވައިސްތަކުން އުޅަނދުތައް ވަގުތުން ވަގުތަށް މޮނީޓާ ކުރެވެމުންދާނެ ކަމަށާއި އެ އުޅަނދުތައް އޮންނަ ސަރަހައްދާއި ދަތުރުކުރާ ތަންތަން ޓްރެކް ކުރެވެމުންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ލޭނު އެޅުމާ ދެކޮޅަށް އޯޝަން އެލައިންސް އިން ހަދާފައިވާ ޕޯސްޓަރެއް
ތިމާވެއްޓާ ބެހޭ 18 ޖަމިއްޔާއަކުން ނެރުނު ނޫސްބަޔާނުގައި ވެސް ބުނީ ލޭނު އަޅަން ހުއްދަ ދިނުމާ އެކު ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް އިންތިހާއަށް ގެއްލުންވާނެ ކަމަށެވެ. އަދި އޭގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ވެސް ނޭދެވޭ އަސަރު ކުރާނެ ކަން ޖަމިއްޔާތަކުން ފާހަގަކުރި އެވެ.
އެ ޖަމިއްޔާތަކުން ފާހަގަކުރި ގޮތުގައި:
- ރާއްޖޭގައި ލޭނުގެ މަސްވެރިކަން ކުރުމުގެ ސަބަބުން މިހާރުވެސް އިންޑިޔާ ކަނޑުގައި އެކަށީގެންވާ ހައްދަށްވުރެ އިތުރަށް ބޭނޭ ކަންނެލިމަހާއި ހިބަރު މަސްތަކަށް އިތުރަށް ބުރޫއަރާނެ.
- ލޯބޮޑު ކަންނެލި، ރީނދޫއުރަހަ ކަންނެލި، ނޫމަސް ހިބަރު އަދި ގަޅިޖެހި ހިބަރުގެ އާބާދީތަކަކީ އެކަށީގެންވާ ހައްދައްވުރެ އިތުރަށް ބޭނޭ ނުވަތަ އެކަށީގެންވާ ހައްދަށްވުރެ އިތުރަށް ބޭނުމުގެ ނުރައްކާ ކުރިމަތިވެފައިވާ ބާވަތްތައްކަން.
- މިޔަރާއި، ކަންނެއްޔާއި ހިބަރަކީ ކަނޑުގެ މާހައުލުގައި އިސްކޮށް ޝިކާރަކޮށް އުޅޭ މަސްތަކަށް ވުމުން މިއީ ކަނޑުގެ މާހައުލާއި ހިނގުން ދެމެހެއްޓުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ މަސްތަކެއް. ލޭނު މަސްވެރިކަން ކުރުމުގެތެރެއިން ބޮޑެތި ޝިކާރަކުރާ މަސްތައް ގިނަ އަދަދަކަށް ނެގުމުން، ކަނޑުގެ ކާނާގެ ވިއުގަތަކަށް ބަދަލު އައިސް މިކަމުގެ ސަބަބުން މުޅި ވެށީގެ ހަމަހަމަކަމާއި ދުޅަހެޔޮކަމަށް އަސަރުކުރާނެ
- މިބަދަލުތަކުގެ ސަބަބުން ކަނޑުގެ އެހެނިހެން ދިރުންތަކުގެ ދެމެހެއްޓެނިވިކަމަށާއި ދިރޭތަކެތީގެ ބާވަތްތަކުގެ ގިނަގުނަކަމަށް ހީނުކުރާފަދަ ނޭދެވޭ އަސަރުތަކެއް ކުރިމަތިވެދާނެ.
- މިޔަރާއި، ކަންނެއްޔާއި ހިބަރަކީ ކަނޑުގެ މާހައުލުގައި އިސްކޮށް ޝިކާރަކޮށް އުޅޭ މަސްތަކަށް ވުމުން މިއީ ކަނޑުގެ މާހައުލާއި ހިނގުން ދެމެހެއްޓުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ މަސްތަކެއް.
- ލޭނު މަސްވެރިކަން ކުރުމުގެތެރެއިން ބޮޑެތި ޝިކާރަކުރާ މަސްތައް ގިނަ އަދަދަކަށް ނެގުމުން، ކަނޑުގެ ކާނާގެ ވިއުގަތަކަށް ބަދަލު އައިސް މިކަމުގެ ސަބަބުން މުޅި ވެށީގެ ހަމަހަމަކަމާއި ދުޅަހެޔޮކަމަށް އަސަރުކުރާނެ
- މި ބަދަލުތަކުގެ ސަބަބުން ކަނޑުގެ އެހެނިހެން ދިރުންތަކުގެ ދެމެހެއްޓެނިވިކަމަށާއި ދިރޭތަކެތީގެ ބާވަތްތަކުގެ ގިނަގުނަކަމަށް ހީނުކުރާފަދަ ނޭދެވޭ އަސަރުތަކެއް ކުރިމަތިވެދާނެ.
ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ރީނދޫއުރަހަ ކަންނެލި ބޭނޭ މިންވަރު ނުވަތަ ކޯޓާގެ ގޮތުގައި ރާއްޖެއަށް އިންޑިއަން އޯޝަން ޓޫނާ ކޮމިޝަނުން ދީފައިވަނީ އަހަރަކަށް 47000 ޓަނެވެ. ނަމަވެސް މިދިޔަ 10 އަހަރު ވެސް ރާއްޖޭގެ އުޅަނދުތަކުން ރީނދޫއުރަހަ ކަންނެލި ބާނާފައިވަނީ ގާތްގަނޑަކަށް 30000 ޓެނެވެ. ލޯބޮޑު ކަންނެއްޔަށް އަހަރަކަށް ދީފައިވަނީ 2000 ޓަނުގެ ކޯޓާއެކެވެ.
މިނިސްޓްރީން ބުނީ ރާއްޖެއަށް ދީފައިވާ ކޯޓާއާ އެއްވަރަށް ރީނދޫއުރަހަ ކަންނެލި ނުބާނާ ނަމަ، އެ ކޯޓާ ކުޑަ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެފަދަ ވާހަކަތައް ވެސް ދެކެވޭ ކަމަށެވެ. އިންޑިއަން އޯޝަން ޓޫނާ ކޮމިޝަނުން ކޯޓާތައް ކަނޑައަޅާފައިވަނީ ކަނޑުގެ ދިރުންތަކަށް ބަލައި، ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރެވޭނެ ގޮތަށް ކަމަށާއި އެހެންކަމުން ކޯޓާއާ އެއް މިންވަރަށް މަސްވެރިކަން ކުރުމުން ނޭދެވޭ އަސަރެއް ނުކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގައި ލޭނު އަޅައިގެން ރީނދޫއުރަހަ ކަންނެލި ބާނަން ކޯޓާ ދޫކުރާނީ ވެސް 17000 ޓަނަށް އެކަނި ކަމަށް މިނިސްޓްރީން މައުލޫމާތު ދިނެވެ. އަދި އެ ކޯޓާތައް އުޅަނދުފަހަރުން ޖެހޭނީ ގަންނަން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މިފްކޯއަށް އެންމެ ގިނައިން މަސް ކިރުވީ ޖެނުއަރީގައި
ލޭނު އަޅައިގެން ބޮޑު އާމްދަނީއެއް ހޯދޭނެ: މިނިސްޓަރު
މިޔަރުގެ ވަގު ވިޔަފާރިއަށް ފުރުސަތެއް ނެތް: މިނިސްޓްރީ
18 ޖަމިއްޔާއެއްގެ ބޮޑެތި ކަންބޮޑުވުމާއި އިންޒާރު!
ފައިސާ ދޭން ފެށުމުން މަސްވެރިން މުޒާހަރާ ހުއްޓާލައިފި
ފައިސާ ނުލިބޭތީ ހުޅުމީދޫގައި މަސްވެރިން މުޒާހަރާ ކުރަނީ
56 ފަޅުވެރިއަކު ރެސްކިއު ޑައިވް ކޯސް ފުރިހަމަކޮށްފި
މަސްވެރިންނަށް އަދިވެސް 190 މިލިއަން ދޭންޖެހޭ:ޝިޔާމް
މަހަށް ދޭ ފައިސާ ބަރާބަރަށް ލިބޭނެ ގޮތް ހަމަޖެހޭނެ
އިންޑިއާ ބޯޓު ދޫކޮށްލީ މައުލޫމާތު ނަގާފައި: ފުލުހުން