Roadha Mihaaru
މަހަށް ދޭ ފައިސާ ބަރާބަރަށް ލިބޭނެ ގޮތް ހަމަޖެހޭނެ

މަސް ކިރުމުން ފައިސާ ބަރާބަރަށް ލިބޭނެ ދާއިމީ އިންތިޒާމެއް ވަރަށް އަވަހަށް ހަމަޖެހޭނެކަމުގެ ޔަގީންކަން ދީފި

19 ޖެނުއަރީ 2024

މަސް ކިރުމަށްފަހު މަސްވެރިންނަށް ލިބެން ޖެހޭ ފައިސާ ދާއިމީ ގޮތެއްގައި ބަރާބަރަށް ލިބޭނެ އިންތިޒާމު ވަރަށް އަވަހަށް ހަމަޖެހޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މަސް ކިރުމަށްފަހު މަސްވެރިންނަށް ލިބެން ޖެހޭ ފައިސާ ދާއިމީ ގޮތެއްގައި ބަރާބަރަށް ލިބޭނެ އިންތިޒާމު ވަރަށް އަވަހަށް ހަމަޖެހޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

ޝިޔާމް އެގޮތަށް ވިދާޅުވެފައި ވަނީ މަސްވެރިންގެ ރެސްކިއު ޑައިވާ ޕްރޮގްރާމު ފެށުމަށް މަޑަވެލީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެެވެ.

ޝިޔާމް ވިދާޅުވީ މަސްވެރިކަމުގެ ދާއިރާގައި ގިނަ މައްސަލަތަކެއް ހުރި ކަން އެނގިވަޑައިގަންނަވާ ކަމަށާއި އޭގެ ތެރޭގައި ފައިސާ ނުލިބުމުގެ މައްސަލައަކީ މަސްވެރިންގެ މެދުގައި އޮތް ބޮޑު ނުތަނަވަސްކަމެއް ކަމަށެވެ.

އާ ސަރުކާރުން މަސައްކަތްތަކާ ހަވާލުވިއިރު ދައުލަތުގެ މާލީ ހާލަތު ހުރި ގޮތުގެ ސަބަބުން ވަގުތުން ވަގުތަށް މަސްވެރިންނަށް ފައިސާ ދިނުމުގައި މިވަގުތު ދަތިތަކެއް ހުރި ނަމަވެސް އެ ކަންކަން ހައްލުކުރުމުގެ މަސައްކަތް އެބަ ކުރިއަށްދާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"އެކަމަކު އަޅުގަނޑުމެންނަށް އެކަން [ދަތިތައް] އެނގިހުރެ މަސްވެރިންނާ ހަވާލުވީ، ދިވެހި ރައްޔިތުންނާއި ދިވެހި ގައުމާ ރައީސް ހަވާލުވެލެއްވީ. އެ ކަން ހައްލުކުރުމުގެ މަސައްކަތްޕުޅު އެމަނިކުފާނު ރެއާދުވާލު އެބަ ކުރައްވާ. އަޅުގަނޑަށް ޔަގީންކަން އެބަ އޮތް މަސްވެރިން ކިރާފައި ލިބޭ ފައިސާކޮޅު އިރާދަކުރެއްވިއްޔާ މާ ލަސްތަކެއް ނުވެ، ދާއިމަށް ބަރާބަރަށް ފައިސާ ދެވޭނެ ނިޒާމު ރައީސް އެބަ ވަރަށް އަވަހަށް ހަމަޖައްސަވާ،" އޭނާ ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ފެށިއިރު ދައުލަތުން މަސްވެރިންނަށް ދަރާފައި އޮތް ފައިސާގެ ތެރެއިން 136 މިލިއަނަށް ވުރެ ގިނަ ފައިސާ މިހާތަނަށް ވަނީ ޖަމާކޮށްދީފަ އެވެ.

ރެސްކިއު ޑައިވާ ޕްރޮގްރާމު އިފްތިތާހުކުރުމުގެ ޖަލްސާގައި ޝިޔާމް ވިދާޅުވީ އެއީ ރައީސް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން މަސްވެރިންގެ ކަންކަން ހައްލުކުރުމަށް ކުރާ މަސައްކަތުގެ ވަރަށް މުހިއްމު ޕްރޮޖެކްޓެއް ކަމަށެވެ.

އެ ޕްރޮޖެކްޓުގެ މައިގަނޑު މަގްސަދަކީ މަސްވެރިކަން ކުރެވެނީ ރައްކާތެރިކޮށްކަމާއި މަސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމެވެ. މަސްވެރިކަމުގެ ތެރެއިން ދިމާވާ ހިތާމަވެރި ހާދިސާތައް ރާއްޖޭގައި އިތުރުވެފައިވާއިރު އެފަދަ ހާދިސާތައް މަދުކޮށް، ރެސްކިއު ޑައިވާ ތަމްރީނުކުރުމަށް ހަ ޑައިވިން ފެސިލިޓީއަކާ އެކު ސޮއިކޮށްފައިވާ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެ ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގައި މަސްވެރިކަން ކުރާ ކޮންމެ އުޅަނދެއްގައި މަދުވެގެން ރެސްކިއު އެއް ޑައިވަރަކު ބެހެއްޓުމަށް ނިންމާފައިވުމަކީ ރައީސްގެ ހިތްޕުޅުގައި އެ ސިނާއަތަށް އޮތް ޝައުގުވެރިކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.

ޝިޔާމް ވަނީ ރައީސްގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި ޗައިނާއަށް ވަޑައިގެން ވެސް އެ މަނިކުފާނު މަސްވެރިކަމުގެ ސިނާއަތަށް ހާއްސަ ސަމާލުކަމެއް ދެއްވި ކަން ފާހަގަކުރައްވައި، އެ ސިނާއަތަށް ބޭނުންވާ ތަރައްގީ އާއި އެ ސިނާއަތުގައި ހަރަކާތްތެރިވާ މީހުންނަށް ތަމްރީނާއި ތައުލީމު ލިބޭނެ ގޮތްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރެއްވި ކަމަށް ވިދާޅުވެފަ އެވެ.

މަސްވެރިން މޫދަށް ފީނާއިރު ވަރަށް ގިނައިން ހިތާމަވެރި ހާދިސާތައް ހިނގަ އެވެ. ބައެއް ފަހަރު ފުރާނަ އަށް ނުރައްކާވާ ހާލަތު ވެސް ދިމާވެފައިވެ އެވެ. އެހެންވެ މި ކަހަލަ ހިތާމަވެރި ހާދިސާތައް މަދުކުރުމަށް، ޑައިވް ކުރުމުގެ ފުރިހަމަ ތަމްރީނު ލިބިފައިވާ ޑައިވަރުން އުޅަނދުފަހަރުގައި ތިބުން މުހިންމު ކަމަށް މި ކަން އިއުލާނުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރާއްޖޭގެ 42 ވަނަ މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ރައީސް ވިދާޅުވި އެވެ.