Roadha Mihaaru
ފައިސާ ނުލިބޭތީ ހުޅުމީދޫގައި މަސްވެރިން މުޒާހަރާ ކުރަނީ

ފައިސާ ނުލިބޭތީ ހުޅުމީދޫގައި މަސްވެރިން މުޒާހަރާ ކުރަނީ

22 ޖޫން 2024

އައްޑޫ ހުޅުމީދޫ މިފްކޯ ބަނދަރުގައި 80 ވަރަކަށް މަސްވެރިން، ފައިސާ ނުލިބޭ މައްސަލައިގައި މުޒާހަރާކުރަން ފަށައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އައްޑޫ ހުޅުމީދޫ މިފްކޯ ބަނދަރުގައި 80 ވަރަކަށް މަސްވެރިން، ފައިސާ ނުލިބޭ މައްސަލައިގައި މުޒާހަރާކުރަން ފަށައިފި އެވެ.

ފުލުހުން ބުނީ މަސްވެރިންގެ އެ މުޒާހަރާ މިއަދު 12 ޖަހަންދެން ކުރިއަށް ދާނެ ކަމަށް އެމީހުން ބުނެފައިވާ ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި މުޒާހަރާއާ ގުޅިގެން އެކަށީގެންވާ ޖަވާބެއް ނުލިބިއްޖެ ނަމަ، މަސް ފެކްޓަރީގެ ހުރިހާ ސީނިއާ މުވައްޒަފުން ފެކްޓްރީން ބޭރުކޮށް މަސް ކެއްކުމަށް ހުރަސް އަޅާނެ ކަަމަށް މަސްވެރިން ބުނެފައިވެ އެވެ.

މަސްވެރިން ބާނާ މަހަށް ފައިސާ ނުލިބިގެން އިއްޔެ ހަވީރު ވެސް އެތަނުގައި މަސްވެރިން މުޒާހަރާކުރި އެވެ.

މިދިޔަ ދޮޅު މަސްތެރޭގައި މިފްކޯއަށް ކިރުވި މަހަށް މަސްވެރިންނަަށް ފައިސާ ނުލިބި އޮތް މައްސަލާގައި މަސްވެރިން ކަންބޮޑުވުން ފާޅުކުރަމުންދާއިރު އެ މުއްދަތުގެ ތެރޭގައި މަސްވެރިންނަށް 80 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެ އެވެ.

އެ ފައިސާ އިން މިދިޔަ ހަފްތާގެ ތެރޭގައި 46 މިލިއަން ރުފިޔާ ދައްކާނެ ކަމަށް މިފްކޯ އިން ބުނެފައިވެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެ ވަޑައިގެންފައި ވަނީ މަސްވެރިން ކިރާ މަހަށް އެންމެ ގިނަ ވެގެން ދެ ދުވަސް ތެރޭގައި ފައިސާ ޖަމާ ކުރުމަށެވެ. އެކަމަކު ދައުލަތުގެ މާލީ ހާލަތު ހުރި ގޮތުންނާއި މިފްކޯގެ މާލީ ހާލަތު ރަނގަޅު ނުކޮށް އެފަދަ ވައުދުތައް ފުއްދަން އުނދަގޫ ވާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވަނީ ވިދާޅުވެފަ އެވެ.

ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު 250 މިލިއަނަށް ވުރެ ގިނަ ރުފިޔާ އޮތީ މަސްވެރިންނަށް ނުދީ އެވެ. ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި މަސްވެރިންނަށް 850 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް ކުރިން މިނިސްޓަރު ވިދާޅުވި އެވެ.