Roadha Mihaaru
ޒޯން ބަދަލުކުރާ ވެހިކަލްތައް ބަހައްޓާ ބިން ހަވާލުކޮށްފި

ޒޯން ބަދަލުކުރާ ވެހިކަލްތައް ވަގުތީ ގޮތުން ޕާކުކުރަން ބިން ހަވާލުކޮށްފި

21 އޯގަސްޓް 2024

އެހެން ޒޯންތަކަށް ރަޖިސްޓްރީކުރުމަށް ފަހު މާލެ ސަރަހައްދުގައި ދުއްވާ ވެހިކަލްތަކުގެ ރަޖިސްޓްރީ ބަދަލުކުރެވެންދެން، ހުޅުމާލޭގައި ވަގުތީ ގޮތުން ޕާކުކުރާނެ ބިމެއް ޓްރާންސްޕޯޓް މިނިސްޓްރީއާ މިއަދު ހަވާލުކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އެހެން ޒޯންތަކަށް ރަޖިސްޓްރީކުރުމަށް ފަހު މާލެ ސަރަހައްދުގައި ދުއްވާ ވެހިކަލްތަކުގެ ރަޖިސްޓްރީ ބަދަލުކުރެވެންދެން، ހުޅުމާލޭގައި ވަގުތީ ގޮތުން ޕާކުކުރާނެ ބިމެއް ޓްރާންސްޕޯޓް މިނިސްޓްރީއާ މިއަދު ހަވާލުކޮށްފި އެވެ.

އުޅަނދުތައް ބަދަލުކުރުމަށް ދީފައި ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ އެމްއޭސީއެލް ފްލެޓްތައް ކުރިމަތީގައި އޮންނަ 40،000 އަކަފޫޓުގެ ހުސް ބިމެކެވެ.

ޓްރާންސްޕޯޓް މިނިސްޓަރު މުުހައްމަދު އަމީނާ އެ ބިމުގެ ލިއުން ހަވާލުކޮށްދެއްވީ، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ފަޒުލް ރަޝީދެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ބުނި ގޮތުގައި މިއަދު ބިން ހަވާލުކުރީ މާލެ ސަރަހައްދުގައި ރަޖިސްޓްރީ ނުކޮށް، މަގުމަތީގައި ބަހައްޓާފައި ހުރި އުޅަނދުތަކާއި ހުޅުމާލޭގެ މަގުތަކުގައި ހުރި އޭ ޒޯން ފިޔަވައި، އެހެން ޒޯނުތަކަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތައް ވަގުތީ ގޮތުން ބެހެއްޓުމަށް ކަމަށެވެ.

ޓްރާންސްޕޯޓު މިނިސްޓަރު އަމީން ކުރިން ވިދާޅުވެފައިވާ ގޮތުގައި މާލެ ސަރަހައްދުގައި ދުއްވާ އެފަދަ އުޅަނދުތައް އެ ބިމަށް ގެންދަން ޖެހެނީ އަމިއްލަ އަށެވެ. އަދި އެތަނުގައި ބާއްވައިގެން ރަޖިސްޓަރީ ބަދަލުކުރަން ހަ މަސްދުވަހުގެ މުއްދަތެއް ދޭން ނިންމާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެހެން ޒޯންތަކަށް ނިސްބަތްވާ ގިނަ އަދަދެއްގެ އުޅަނދާއި ރަޖިސްޓްރީ ފުރިހަމަ ނުކުރާ އުޅަނދުތައް މާލެ ސަރަހައްދުގައި ގިނަ އަދަދަކަށް އެތެރެކޮށްފައިވާއިރު މަގުތަކުން އެ ވެހިކަލްތައް އެ ސަރަހައްދަށް ގެންދިއުމަށް 40 ދުވަސް ދޭނެ އެވެ. އެ މުއްދަތުގައި އުޅަނދުތައް އެތަނަށް ނުގެންދާ ނަމަ، ޓޯކުރާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.