Roadha Mihaaru
ހަމަ އެއްވެސް ފޫހިކަމެއް ނެތި ރޫޅާލަ ރޫޅާލާ

ހަމަ އެއްވެސް ފޫހިކަމެއް ނެތި ރޫޅާލަ ރޫޅާލާ

23 އޯގަސްޓް 2024

މާފަންނު ހުސްނޫވާދީ ގަރާޖުން އޭނާ ފެންނަތާ ވަރަށް ޒަމާން ވެއްޖެ އެވެ. ހުކުރެއް ފިޔަވައި އޭނާ އެ ގަރާޖުން ނުފެންނަ ދުވަހެއް އަދި ވަގުތެއް ފާއިތުވެ ނުދެއޭ ބުނެވިދާނެ އެވެ. އަހަރެންގެ ސައިކަލުގެ ޗޭނު ކަނޑައިގެން ގޮސް މި ހުސްނޫވާދީ ގަރާޖެއްގެ ކުރިމައްޗަށް ހުއްޓުނު ދުވަހު ވެސް ގަރާޖު ތެރޭގައި އޭނާ ނޭވާ ނުލައި އުޅެ އެވެ. ނޭވާއެއް ލާހާ ފަސޭހައިން އެ ޗޭނެއް މަރާމާތުކޮށްދީ ނިންމާލައިފި އެވެ. އެކަމަކު އަނގައެއް ތަޅާލައި، ހާލުބަލައި ޚަބަރު ބަލައިލެވޭ ވަރަށް ވުރެ އޭނާ އަބަދުވެސް ފެންނަނީ މާ އަވަދިނެތިކޮށް އުޅޭ ތަނެވެ.

އަހުމަދު ނަދީމް އަހުމަދު ނަދީމް

މާފަންނު ހުސްނޫވާދީ ގަރާޖުން އޭނާ ފެންނަތާ ވަރަށް ޒަމާން ވެއްޖެ އެވެ. ހުކުރެއް ފިޔަވައި އޭނާ އެ ގަރާޖުން ނުފެންނަ ދުވަހެއް އަދި ވަގުތެއް ފާއިތުވެ ނުދެއޭ ބުނެވިދާނެ އެވެ. އަހަރެންގެ ސައިކަލުގެ ޗޭނު ކަނޑައިގެން ގޮސް މި ހުސްނޫވާދީ ގަރާޖެއްގެ ކުރިމައްޗަށް ހުއްޓުނު ދުވަހު ވެސް ގަރާޖު ތެރޭގައި އޭނާ ނޭވާ ނުލައި އުޅެ އެވެ. ނޭވާއެއް ލާހާ ފަސޭހައިން އެ ޗޭނެއް މަރާމާތުކޮށްދީ ނިންމާލައިފި އެވެ. އެކަމަކު އަނގައެއް ތަޅާލައި، ހާލުބަލައި ޚަބަރު ބަލައިލެވޭ ވަރަށް ވުރެ އޭނާ އަބަދުވެސް ފެންނަނީ މާ އަވަދިނެތިކޮށް އުޅޭ ތަނެވެ.

މިއީ މިހާރު އޭގެ އެތައް އަހަރެއް ފަހެވެ. އަހަރެން ވެސް މުސްކުޅި ވެއްޖެ އެވެ. އެކަމަކު ހުސްނޫވާދީގޭ ސައިކަލު ގަރާޖުން ފެންނަ މީހާ މިއަދު ވެސް އެހެރީ ހަމަ ހުރި ގޮތަށެވެ. އެހެންވީމާ ކަމާ ކަން ހުއްޓާލާފައި ގޮސް މި އިންޓަވިއުއެއް ނަގަން މި ހިސާބުން މަޖުބޫރުވީ އެވެ.

މިއީ ހުސްނޫވާދީ ގަރާޖުން ހަމަ ކޮންމެ ދުވަހަކުހެން ފެންނަ އެންމެންގެ އެކުވެރި މޫނު، އަހުމަދު ނާޒިމްގެ ވާހަކަ އެވެ.

ވަގުވަގު ޖަހަމުން ގޮސް އަހަރެން ގަރާޖަށް ވަންއިރު ރޭގަނޑުގެ ޒުވާންކަން ދިހައަކާ އަރައި ހަމަވެއްޖެ އެވެ. ދުވަހުގެ މަސައްކަތަށް ފަހު އަހުމަދަށް ހަމަނޭވާ ލެވޭ ގަޑިއަކީ މި އެވެ. މިއީ ގަރާޖުގައި މަސައްކަތް ނިމުމަކަށް އައިސް ބަންދުކޮށް ލައްޕާ ގަޑި އެވެ.

އެކަމަކު ގޮނޑިއެއް ނަގައިގެން އައިސް އަހުމަދު އޭގައި ޖައްސާލި އެވެ. އޭނާ އަކީ މިޒާޖުގައި ވަރަށް މަޑުމައިތިރި އަދި ބަސް އެހައި މަދު މީހެކެވެ. ނަމަވެސް ގަރާޖުގައި އެލުވާފައި އޮތް ކުޑަ ކޮއްޓެއްގެ ތެރޭގައި މަޑުކޮށްލައިގެން އިން ރޫބީ އިނީ ހަމަ އެއްގޮތަކަށް ވެސް ހިތްހަމަނުޖެހިފަ އެވެ. އެއީ ރުންކުރު އެފްރިކަން ގްރޭ އެކެވެ. އަހަރެމެން މި އިންޓަވިއުއެއް ފަށައިގަތް އިރު ވެސް ރޫބީ އިނީ އިންގޮތަށެވެ. ކަޅި އަޅައިގެން ފިޔަތައް ފުއްޕާލައިގެންނެވެ.

އެކަމަކު މި ވަގުތުގެ ސެލެބްރިޓީ އަކީ ރޫބީއެއް ނޫނެވެ. އުމުރުން 53 އަހަރުގެ މި އަހުމަދެވެ. މިއީ ހަމަ އަސްލަށް ވެސް އާދަޔާ ހިލާފު ޝަހުސިއްޔަތެކެވެ.

އަހުމަދު ގަރާޖު ތެރޭގައި ފޮޓޯއަކަށް ހުއްޓިލައިގެން އަދި އެފްރިކަން ގްރޭ ރޫބީ އޭތީގެ ކޮށީގައި: އޭނާ އަކީ މި ގަރާޖުން ހަމަ ކޮންމެ ދުވަހަކުހެން ފެންނަ އެންމެންގެ އެކުވެރިއެއް. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އަހުމަދު ގަރާޖު ތެރޭގައި ފޮޓޯއަކަށް ހުއްޓިލައިގެން އަދި އެފްރިކަން ގްރޭ ރޫބީ އޭތީގެ ކޮށީގައި: އޭނާ އަކީ މި ގަރާޖުން ހަމަ ކޮންމެ ދުވަހަކުހެން ފެންނަ އެންމެންގެ އެކުވެރިއެއް. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އޭނާގެ ދަތުރު މި ގަރާޖުގައި ފެށީ އުމުރުން ގާތްގަނޑަކަށް ހަތް އަހަރުގަ އެވެ. އެ އަށް ފަހު ދުވަހަކުވެސް މި ގަރާޖު ނޫން އެހެން ތަނެއްގައި އޭނާ މަސައްކަތެއް ނުކުރެ އެވެ. ހުސްނޫވާދީ ގަރާޖު މުސްކުޅި އެ ވަނީ އަހުމަދުގެ ދެ އަތް މައްޗަށެވެ. އެކަމަކު އޭނާގެ މި ދަތުރު ފެށުނީ ކިހިނެތް ހެއްޔެވެ؟ އަދި ހުރި ތަނުގައި ހުރި ގޮތަށް ދެމިހުރީ ކިހިނެތް ހެއްޔެވެ؟

ހުސްނޫވާދީ އަކީ އަހުމަދުގެ އުފަން ގެއެއް ވެސް ނޫނެވެ.

"މިއީ އަޅުގަނޑު އުޅެ ބޮޑުވި ގެ. އަދި އުމުރުން ހަތް އަހަރުން ފެށިގެން އަޅުގަނޑު އުޅެ ބޮޑުވީ މި ގަޖާރުގައޭ ވެސް ބުނެވިދާނެ،" އަހުމަދު އެ ބުނީ ވަރަށް ކުޑައިރު މި ގަރާޖުގައި މަސައްކަތްކުރަން ފަށައިގެން އެ މަސައްކަތް ހިތްޖެހުނު ވަރު ބޮޑުކަމުން އެހެން އެއްވެސް މަސައްކަތެއް ކުރަން ނުގޮސް މިތަނުގައި އުޅެ ފޫހިނުވި ވާހަކަ އެވެ.

އަޅުގަނޑު މިއީ މީހަކާ އިނދެގެން އުޅޭ މީހެއް ނޫން. ޚަރަދުކުރަން ޖެހޭ އަންބެއް ދަރިއަކު ނެތް. އަޅުގަނޑަކީ ބޭކާރު ޚަރަދު ވެސް ކުރާ މީހެއް ނޫން. ސިގިރޭޓެއް ވެސް ނުބޮން. ދުވަހަކުވެސް ސިނގިރޭޓު ބުއި މީހެއް ނޫން އަޅުގަނޑަކީ. ތަންތަނަށް ގޮސް ކޮފީއެއް ނުބޮން. ހޮޓާތަކަށް އަރައި ކާ މީހެއް ވެސް ނޫން އަޅުގަނޑަކީ،"--- އަހުމަދު

އޭނާ ވަރަށް ކުޑައިރު ބައްޕަ ނިޔާވެއްޖެ އެވެ. މަންމަ ނިޔާވިއިރު އަހުމަދުގެ އުމުރުން 15 ވަރަކަށް އަހަރެވެ.

"ބައްޕަގެ ހަނދާނެއް ވެސް ނުހުރޭ އަޅުގަނޑު. ދެން އުމުރުން ހަތް ވަރަކަށް އަހަރުގައި އަޅުގަނޑު ގެނައީ މި ގެއަށް. މި ގޭގެ އަސްލު ވެރިމީހާ، މުހައްމައިދީ އަޅުގަނޑު މި ގެއަށް ގެނައީ. އޭނާ އަކީ އަޅުގަނޑުގެ އާއިލާގެ އެކުވެރިއެއް،" އަހުމަދު ކިޔައިދިނެވެ.

"ދެން މި ގޭގައި އުޅެނިކޮށް މުހައްމައިދީގެ ކުދިންގެ ތެރެއިން އިސްމާއިލް ފެއްޓި މަސައްކަތެއް މި ގަރާޖަކީ. އެންމެ ކުރިން މި ގެއަކީ ދަގަނޑު ވިރުވައި އަޅާ ތަނެއް ހިންގި ގެއެއް. އޭގެ ފަހުން އިސްމާއިލް މި ގަރާޖު ފަށައިގެން އަޅުގަނޑު މިއަދު ވެސް މަސައްކަތް މި ކުރަނީ އޭނައާ އެކުގައި."

ހުސްނޫވާދީ އެންމެންނަށް ވެސް އަހުމަދަކީ އެ މީހުންގެ އާއިލާގެ މެމްބަރެކެވެ. މި ގޭގެ ގަރާޖު ހިންގުމާ ހަވާލުވެގެން އަހުމަދު މިއަދު އެހެރީ މި ގަރާޖު އޭނާގެ އެންމެ ބޮޑު އެކުވެރިޔާ އަށް ހަދައިގެންނެވެ. މި ގަރާޖުގައި މިގޮތަށް ފުލްޓައިމްކޮށް މަސައްކަތްކުރާތާ މިހާރު 40 އަހަރު ވެދާނެ ކަމަށް އޭނާ ބުންޏެވެ. އެންމެ ފުރަތަމަ އުޅުނީ އަތްގާތްކޮށްދޭށެވެ. ނަމަވެސް މަޑުމަޑުން ހުރިހާ ކަމެއް ދަސްކުރަމުން ގޮސް މިއަދު ސައިކަލެއް ރޫޅައި ކުދިކޮށް ރާވައި އާކޮށްލުމަކީ އަހުމަދަކަށް ހަމަ އެއްވެސް ކަމެއް ނޫނެވެ.

އަހުމަދު ބުނީ އާމްދަނީއެއް ހޯދުމަށް އޭނާ މި ނޫން މަސައްކަތެއް ދުވަހަކުވެސް ނުކުރާ ކަމަށެވެ. އޭނާގެ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން މާ ބޮޑު އާމްދަނީއެއް ލިބޭ ކަމެއް ކުރުން މުހިންމު ނޫން ކަމަށް ވެސް ބުންޏެވެ. އެކަމަކު ބޭނުންވަނީ ހިތްޖެހިފައިވާ މަސައްކަތެއްގައި ދެމިހުރުން ކަމަށެވެ.

އަހުމަދު ގަރާޖުގައި މަސައްކަތްކުރަނީ: މި ގަރާޖުގައި އޭނާ ފުލްޓައިމްކޮށް މަސައްކަތްކުރާތާ 40 އަހަރުވެއްޖެ. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އަހުމަދު ގަރާޖުގައި މަސައްކަތްކުރަނީ: މި ގަރާޖުގައި އޭނާ ފުލްޓައިމްކޮށް މަސައްކަތްކުރާތާ 40 އަހަރުވެއްޖެ. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"އަޅުގަނޑު މިއީ މީހަކާ އިނދެގެން އުޅޭ މީހެއް ނޫން. ޚަރަދު ކުރަން ޖެހޭ އަންބެއް ދަރިއަކު ނެތް. އަޅުގަނޑަކީ ބޭކާރު ޚަރަދު ވެސް ކުރާ މީހެއް ނޫން. ސިގިރޭޓެއް ވެސް ނުބޮން. ދުވަހަކު ވެސް ސިނގިރޭޓު ބުއި މީހެއް ނޫން އަޅުގަނޑަކީ. ތަންތަނަށް ގޮސް ކޮފީއެއް ނުބޮން. ހޮޓާތަކަށް އަރައި ކާ މީހެއް ވެސް ނޫން އަޅުގަނޑަކީ،" އަހުމަދުގެ ސާދާ ދިރިއުޅުމުގެ ތަރުތީބުތައް އޭނާ ކިޔައިދިނެވެ.

"މީހަކު ހޮޓަލަށް ދާން ބުނެލައިފިއްޔާމު ވަރަށް މަދުފަހަރެއްގައި އެ ގޮތަށް ހޮޓަލަކަށް އަރާފާނަން. އެކަނި ގޮސް ހޮޓަލަކުން ކާނެ މީހެއް ނޫން އަޅުގަނޑަކީ. އަޅުގަނޑު ހުރިހާ ވަގުތަކު ވެސް އާންމުކޮށް ކާނީ ގެއިން."

އަހުމަދުގެ މަސައްކަތް ގަރާޖުގައި ފަށަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10 ޖަހާއިރު އެވެ. އެ ފަށާ ގޮތަށް ނަމާދު ވަގުތަށް އެ ނަގާ ބްރޭކެއް ފިޔަވައި ރޭގަނޑު 10 ޖަހަން ދެން އޭނާ އުޅޭނީ އަބަދުވެސް ގަރާޖުގައި ކޮންމެވެސް މަސައްކަތެއް ކޮށްލަކޮށްލަ އެވެ. ކޮންމެވެސް އެއްޗެއް ރޫޅާލަ ރޫޅާލަ އެވެ. ނުވަތަ ކަސްޓަމަރެއްގެ އިންތިޒާރުގައި މަޑުކޮށްލައިގެން ވަގުތު ގުނާލަ ގުނާލަ އެވެ. ހަމަ އެއްވެސް ފޫހިކަމެއް ނެތި އެވެ.

"ގޭގައި އޮވެ ފޫހިވެއްޖެ ނަމަ ސައިކަލުގައި އަޅުގަނޑު ނުކުމެލާނީ ދުއްވާލަން. އަޅުގަނޑު ދުއްވާލަން ވެސް ދާނީ އެކަނި. އެކަނި ގޮސް އެގޮތަށް ބުރެއް ޖަހާލީމާ އެ ލިބޭ ހިތްހަމަޖެހުން މާ ބޮޑު އަޅުގަނޑަށް. ރައްޓެހިންނާ އެކު ގްރޫޕު ހަދާލައިގެން އުޅޭ މީހެއް ވެސް ނޫން އަޅުގަނޑަކީ،" އަހުމަދު ބުންޏެވެ.

"މާލެއިން ބޭރަށް، އެހެން ރަށަކަށް ދިޔަ ހަނދާނެއް ނުވޭ މިއިން ދުވަހަކު. އެކަމަކު މިހެން އުޅެލާފައި ހުޅުމާލެ އަށް ދަން. އެއީ އަޅުގަނޑުގެ ކޮއްކޮ ދިރިއުޅޭނީ ހުޅުމާލޭގައި ވީމާ އޭނައާ ބައްދަލުކޮށްލަން ދަނީ އާންމުކޮށް."

ގަރާޖުގެ މަސައްކަތް ނިންމާލުމަށް ފަހު އަހުމަދުގެ އެންމެ ގިނަ ވަގުތު ދެން އޭނާ ހޭދަކުރަނީ ގޭގަ އެވެ.

އަހުމަދު ގަރާޖުގައި ސައިކަލެއް މަރާމާތުކުރަނީ: އެއްވެސް ފޫހިކަމެއް ނެތި މި މަސައްކަތުގައި އުމުރު ދުވަހު ދެމިހުރުމުގެ އެއްވެސް ސިއްރެއް ނެތް ކަމަށް ބުނި. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އަހުމަދު ގަރާޖުގައި ސައިކަލެއް މަރާމާތުކުރަނީ: އެއްވެސް ފޫހިކަމެއް ނެތި މި މަސައްކަތުގައި އުމުރު ދުވަހު ދެމިހުރުމުގެ އެއްވެސް ސިއްރެއް ނެތް ކަމަށް ބުނި. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"ހުކުރެއް ނަމަ ބައެއް ފަހަރު ރައްޓެހިންނާ އެކު ފުޓްބޯޅަ ކުޅެލަން ދަން. އެހެން ނޫން މިގޮތަށް މަސައްކަތް ނިންމާލާފައި ރޭގަނޑު 10 ޖަހާއިރު ދެން ދާނީ ކާން. ފެންވަރާލައިގެން ކައިގެން ގޮސް ޓީވީއިން ފިލްމެއް ނުވަތަ ޚަބަރު ބަލަން އޮތްވައި ދެން ނިދޭނީ،" އަހުމަދު ކިޔައިދިނެވެ.

އޭނާ އެންމެ ކިޔާ ހިތްވަނީ ދުވަހު ނޫސްތަކުން ޚަބަރެވެ. ކިތަންމެ ބިޒީކޮށް ގަރާޖުގައި އުޅުނަސް އަދި ރަށު ތެރޭގެ ހަލަބޮލިކަމާ ބީރައްޓެހި ދިރިއުޅުމެއްގެ ތެރޭގައި ފިލައިގެން އުޅުނަސް ގައުމު ހިނގާ ގޮތް ބަލަން ވަރަށް ޝައުގުވެރިވާ ކަމަށް ބުންޏެވެ.

އެހެންވީމާ އަހުމަދު ގައުމާ މެދު ދެކޭ ގޮތް ވެސް ބަލާލީމެވެ. ކުރު ހިނިގަނޑެއް ޖަހާލާފައި އޭނާ ބުނެލީ މިހެންނެވެ.

"ގައުމު މިހާރު މިދާ ގޮތް ރަނގަޅެއް ނޫން. އަޅުގަނޑަށް ފާހަގަވާ އެންމެ ބޮޑު މައްސަލަ އަކީ ސިޔާސީ މަގާމުތައް ގައުމުގައި މާ ގިނަވުން. އެކަމަކު ވަކި ބަޔަކު ވެރިކަމަށް އައިސްގެން ދިމާވާ ކަމެއް ވެސް ނޫން މިއީ. ކޮންމެ ބަޔަކު އަޔަސް ހަމަ އެއްތާކު މި ޖެހެނީ މިހާރު."

އަހުމަދު އެހެން ބުނެލުމުން ރޫބީގެ ގާތަށް އައީ ނުބައި ޒާތެއްގެ ހިންޏެކެވެ. އޭރު ގަޑިން ދިހަ ގަޑި ބައި ވަނީ އެވެ. ނުނިދިގެން އުޅޭ ފާޑަކަށް އިނދެ ރޫބީ މާ ވައްތަރު ޖައްސަން ފެށުމުން އަހަރެމެން ނިންމީ ދެން މި އިންޓަވިއު ކުރުކޮށްލާށެވެ.

އަހުމަދު ގަރާޖުގައި ސައިކަލެއް މަރާމާތުކުރަނީ. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އަހުމަދު ގަރާޖުގައި ސައިކަލެއް މަރާމާތުކުރަނީ. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އިންޓަވިއު ނިންމާލާފައި ގޮސް ރޫބީ އަށް ވަރަށް ލޯބިން ގޮވާލައިފީމެވެ. އެކަމަކު ދެން ވެސް ތުން ދަމާލައިގެން އެ އިން ގޮތަށް އިނީ އެވެ. ކަޅި އަރައި ރުޅިގަދަވާން ފެށުމުން އަހަރެން އެންމެ ފަހުން ނައްޓާލީ އެވެ. ހެމުންހެމުން ގޮސް އަހުމަދު އެތެރެއަށް ވަދެ ގެއްލިއްޖެ އެވެ.

އެކަމަކު އަދި މަޑުކޮށްބަލާށެވެ. ހުސްނޫވާދީ ގަރާޖުގެ ބޮޑުމީހާގެ ވާހަކަ ކުރިއަށް އޮތީ އެވެ. ކުޅަދާނަ ލޮކްސްމިތުގެ އެ ވާހަކަ އަންނަ ހަފުތާގަ އެވެ. އަހުމަދާއި ރޫބީގެ ވާހަކަ ނިމުނީ އެވެ.