25 އޯގަސްޓް 2024
އެކްޓަރު އަދި ޑައިރެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ގެ ފޯނަށް ގުޅައިލުމާ އެކު މިއަދު ފޯނު ނަގައިފި އެވެ. އާންމުކޮށް ވެސް އޭނާ ވަރަށް ފަސޭހައިން ފޯނު ނަގާނެ އެވެ. ވަރަށް ރީއްޗަށް ވާހަކަ ދައްކާނެ އެވެ. އެކަމަކު އިންޓަވިއުއަކަށް އެ ކޯލު ބަދަލުކޮށްލަން އެދޭ ހިސާބުން އާންމުކޮށް ކުރިއަކަށް ނުކަނޑާނެ އެވެ.
އެކްޓަރު އަދި ޑައިރެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ގެ ފޯނަށް ގުޅައިލުމާ އެކު މިއަދު ފޯނު ނަގައިފި އެވެ. އާންމުކޮށް ވެސް އޭނާ ވަރަށް ފަސޭހައިން ފޯނު ނަގާނެ އެވެ. ވަރަށް ރީއްޗަށް ވާހަކަ ދައްކާނެ އެވެ. އެކަމަކު އިންޓަވިއުއަކަށް އެ ކޯލު ބަދަލުކޮށްލަން އެދޭ ހިސާބުން އާންމުކޮށް ކުރިއަކަށް ނުކަނޑާނެ އެވެ.
އެކަމަކު މި ފަހަރު އެހެނެއް ނުވި އެވެ. ޔޫއްޕެ އެކްޓިން ކެރިއަރު ފާހަގަކޮށް، އާޓިކަލްއެއް ލިޔަން އުޅޭ ވާހަކަ ބުނުމާ އެކު، އޭނާ ބާރަކަށް ހޭން ފަށައިގަތެވެ. ހޭން ފެށި ގޮތުން ހީވަނީ އަހަރެން ބުނި ވާހަކަ އޭނާ އަށް ހަމަ އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރެވުނު ހެންނެވެ.
މި ކިޔަން އުޅޭ އެއްޗެއް ނިކަން އަދި އަޑުއަހާބަލާށޭ ބުނެފީމެވެ. އެ ހިސާބުން ހިނިގަނޑު މައިތިރިކޮށް ކަނުލައި އަހަން ފަށައިފި އެވެ.
"ޔޫއްޕެގެ ޖެނެރޭޝަން އަދި އެކުގައި ފިލްމު ކުޅެން ފެށި އެންމެންހެން އެކި ތަންތަނަށް ގޮސް ގެއްލި ހުސްވާއިރު ވެސް ޔޫއްޕެ އަކީ އަދިވެސް ލީޑިން މޭންއެއްގެ ގޮތުގައި އެންމެ ފާހަގަކޮށްލެވޭ އެކަކު. ނުވަތަ ފިލްމީ ތަރިއަކަށް ވާ ވަރުގެ މީހަކަށް މި ދާއިރާގައި ދެމިހުރި ހަމައެކަނި މީހާއޭ ވެސް ބުނެވިދާނެ. ދެގޮތެއް ނުވެ ދެމިހުރުމުގެ މި ކާމިޔާބީގެ ސިއްރާ ބެހޭ ގޮތުންނޭ މި ފަހަރު ލިޔަން މި އުޅެނީ،" އާޓިކަލް ލިޔަން ގަސްދު ކޮށްފައިވާ ގޮތް ވަރަށް ސާފުކޮށް ޔޫއްޕެ އަށް ކިޔައިދީފީމެވެ.
ދެން ވެސް ޔޫއްޕެ ފެށީ ހޭށެވެ. އަހަރެން އޭނާ އަށް ތައުރީފުކޮށް ވާހަކަ ދައްކާނެ ކަމަށް ގަބޫލު ނުކުރެވިގެން ކަމަށް ވެސް ވެދާނެ އެވެ. އެކަމަކު މިއީ ހަމަ ހިތުގެ އަޑިން ގަބޫލުކުރާ ހަގީގަތެކެވެ.
ޔޫއްޕެ އަކީ ދިވެހި ފިލްމީ ދާއިރާގެ ތާރީހުގައި ވެސް އުފެދުނު އެންމެ ކާމިޔާބު ފިލްމީތަރި އެވެ. އޭނާ ވަރުގެ ވަށައިޖެހޭ ފިލްމީތަރިއަކު ރާއްޖޭގައި މި ވަގުތު ވެސް ނެތެވެ. ވަށައިޖެހޭ ފިލްމީ ތަރިއެއްގެ ގޮތުގައި ސިފަ މި ކުރަނީ ޔޫއްޕެ ދިވެހި ފިލްމަކަށް ލައިފި ނަމަ އެ ފިލްމަކަށް ހުރިހާ މޮޅެއް ވެސް ކަށަވަރުވާތީ އެވެ. އެއީ ބެލުންތެރިންގެ މެދުގައި ހިނގާ ވިޔަފާރީގެ ގޮތުން ކަމަށް ވިޔަސް ނުވަތަ ފާޑުކިޔުންތެރިންގެ ތައުރީފުން ކަމަށް ވިޔަސް އަދި އެވޯޑް ހަފުލާތަކުގެ ކާމިޔާބީ އަށް ބެލިޔަސް ކަން އޮތް ގޮތެވެ.
އެހެންވީމާ ޔޫއްޕެގެ ފިލްމީ ހަޔާތް ހުއްޓުމެއް ނެތި، އޭގެ އެންމެ މަތީ ގިޔަރުގައި ގޮސް 25 އަހަރު ފަހަނަޅައި ގޮސްފައިވާއިރު މި ކާމިޔާބީގެ ސިއްރަކީ ކޮބައި ހެއްޔެވެ؟
އެކްޓަރު ޔޫސުފް ޝަފީއު: އޭނާގެ ފިލްމީ ހަޔާތުގެ ކާމިޔާބީ އަކީ ޒުވާން އެކްޓަރުންނަށް ފިލާވަޅުތަކެއް ނަގައިދޭ ދަތުރެއް.
އޭނާގެ ފިލްމީ ހަޔާތް ފެށީ ޑައިރެކްޓަރު އަމްޖަދު އިބްރާހިމް 1999 ވަނަ އަހަރު ގެނެސްދިން ފިލްމު 'ގުރުބާނީ' އިންނެވެ. 'ގުރުބާނީ' އަކީ ހަމައެކަނި ޔޫއްޕެގެ މި ކާމިޔާބު ކެރިއަރު ފަށައިދިން ފިލްމެއް ނޫނެވެ. އެއީ މިއަދު މި ފެންނަ ޔޫއްޕެ އުފެއްދުމަށް 24 އަހަރުގެ ޒުވާން ޔޫސުފް ޝަފީގުވި އެންމެ ބޮޑު ގުރުބާނީ ވެސް މެ އެވެ.
ޔޫއްޕެގެ ސޮއި ފިލްމަށް ހޯދަން އަމްޖަދު ދިޔައިރު އޭނާ އުޅެނީ ޕެރެޑައިސް އައިލެންޑް ރިސޯޓުގެ ފްރަންޓް އޮފީހުގެ ވަޒީފާއެއްގަ އެވެ. އޭރުގެ އެންމެ މަޝްހޫރު އެއް ބަތަލާ ޖަމްޝީދާ އަހުމަދާ އެކު، ކުޅުނު ވީޑިއޯ ލަވަ "ދިރިހުރި ފުރާނަ ދާތީ" އާ އެކު، ލިބުނު މަޝްހޫރުކަން ދޫކޮށްލާފައި ގޮސް އޭނާ އުޅުނީ ޒިންމާދާރު ވަޒީފާއެއްގައި ވަރަށް ބުރަކޮށެވެ.
މި ހިސާބަށް އަޅުގަނޑު އައިއިރު ފިލްމީ ދާއިރާގެ އެއްވެސް މީހަކާ ޒާތީ މައްސަލައެއް ޖެހިގެން އެފަދަ ހަސަދަވެރިކަމެއް އަޅުގަނޑެއް ނުބާއްވަން. އެކަކު އަނެކަކާ ޖެހިގެން، ޖައްސާލައިގެނެއް ނޫޅޭން. އަދި ފިލްމީ ދާއިރާގެ އެހެން މީހަކު ކޮށްފައި ހުރި އެއްވެސް މަސައްކަތަކަށް އަޅުގަނޑު ނުވާނެ ދުވަހަކު ފާޑެއް ވެސް ކިޔާފައި،"--- ޔޫއްޕެ.
ނަމަވެސް އެ ދާއިރާ ދޫކޮށްލާފައި އެންމެ ފަހުން އޭނާ ބަދަލުވީ ފުލްޓައިމް އެކްޓަރަކަށެވެ. އެ ދުވަހުގެ އެ ގުރުބާނީގެ އަގު ޔޫއްޕެއާ ބައްދަލުކުރީ މެގަ-ހިޓެއްގެ ގޮތުގައި ބެލުންތެރިން ބަލައިގަތް ފިލްމު "ގުރުބާނީ" އިންނެވެ.
އެ ގުރުބާނީ އަށް ފަހު ޔޫއްޕެ ބުނަނީ މިހެންނެވެ. އޭނާ ކިޔައި މި ދެނީ ކާމިޔާބީގެ ސިއްރާއި އެ ކާމިޔާބީގައި ދެގޮތެއް ނުވެ ދެމިހުރެވުމުގެ ސިއްރުތަކެވެ.
"އެންމެ ފުރަތަމަ ކަމަކީ، އަޅުގަނޑު މިއީ ކޮންމެ ކަމެއް ކުރިޔަސް އެކަމަކާ ވަރަށް ގަޔާވެގެން އެ މަސައްކަތެއް ކުރާ މީހެއް. އޭރު އަޅުގަނޑު ފިލްމު ކުޅެން ފެށީ ރިސޯޓެއްގައި ހަމަ ވަރަށް ރަނގަޅު ދާއިރާއެއްގައި ހުރެފައި. އެކަމަކު އެ ވަޒީފާ ދޫކޮށްލީ ފިލްމީ ދާއިރާގެ މަސައްކަތް އެންމެ ރަނގަޅަށް ކުރުމަށް ވަގުތު ހޯދަން ވެގެން،" ޔޫއްޕެ ކިޔައިދިނެވެ.
"ވާގޮތަކީ، ކޮންމެ ކަހަލަ މަސައްކަތެއް ކުރި ކަމުގައި ވިޔަސް އެކަމެއް ވަރަށް ރަނގަޅަށް ކުރަން ބޭނުންވާ މީހެއް އަޅުގަނޑަކީ."
އަނެއްކޮޅުން ޔޫއްޕެ ބުނީ އޭނާގެ ހިތް އަބަދުވެސް އޮތީ ކްރިއޭޓިވް މަސައްކަތްތަކުގެ ތެރޭގައި ކަމަށް ވުމުން ފިލްމީ ދާއިރާ ވެގެން ދިޔައީ ވަރަށް ބޮޑު ޝައުގުވެރިކަމަކަށް ކަމަށެވެ. ދެން އޭނާ ކިޔައިދިނީ އަބަދުވެސް އޭނާގެ މަންމަ އެންމެ ގިނައިން އޭނާ އަށް ދިން ނަސޭހަތެވެ.
"ކާމިޔާބީގެ ވާހަކަ ދައްކާއިރު އެންމެ ފުރަތަމަ ކަމަކީ އަޅުގަނޑުގެ މަންމަ އަޅުގަނޑަށް ދިން ނަސޭހަތް. ކޮންމެ ކަމެއް ކުރިޔަސް އަބަދުވެސް ތެދުވެރިކަމާއި އިހުލާސްތެރިކަމާ އެކު ކޮށް ދެއްޗޭ އެ ކުރާ މަސައްކަތެއް. މި ނަސޭހަތުގައި ހިފައިގެން ކުރިއަށް ދިއުމޭ އަޅުގަނޑުގެ މި ކާމިޔާބީގެ ފުރަތަމަ ފިޔަވަޅަކީ،" ޔޫއްޕެ ބުންޏެވެ.
"އެހެންވީމާ މިއަދާ ހަމަ އަށް ވެސް އަޅުގަނޑު މަސައްކަތްކުރީ މަންމަ އެ ދިން ނަސޭހަތުގައި ބުނި ގޮތަށް."
އެކްޓަރު ޔޫސުފް ޝަފީއު: ފިލްމީ ދާއިރާ އިން ކުރިއަށް ދިއުމަށް ޔޫއްޕެ މި ދަތުރު ފެށީ މީގެ 25 އަހަރު ކުރިން.
ޔޫއްޕެ ބުނީ ފުލްޓައިމް ވަޒީފާއެއްގެ ގޮތުގައި ފިލްމީ ދާއިރާ އަށް ނުކުންނަން ނިންމުމަކީ ވެސް އޭނާގެ ކާމިޔާބީގެ ފަހަތުގައިވާ މުހިންމު ސިފައެއް ކަމަށެވެ. އެއީ ހަމައެކަނި ލިބޭ ހުސްވަގުތެއްގައި ކޮށްލާ ކަމަކަށް ވުރެ ބޮޑަށް ޔޫއްޕެ ބެލީ ފިލްމީ ދާއިރާ އޭނާގެ އާމްދަނީ ވެސް ހޯދާ ޖުމްލަ މަސައްކަތަށެވެ.
"ހަމައެކަނި ޕެޝަންއެއްގެ ގޮތުގައި ކުރާ ކަމެއް ވެސް ނޫން މިއީ. އޭގެ ބަދަލުގައި ދިރިއުޅުމަށް އަދި އާމްދަނީއެއް ހޯދުމަށް ވެސް ކުރާ ރަސްމީ މަސައްކަތަކީ މިއީ. އެހެންވީމާ އާމްދަނީއެއް ހޯދުމަށް ކުރާ މަސައްކަތުގައި އިހުލާސްތެރި ވެގެން ދޯ ރަނގަޅު ގޮތެއް ވާނީ ވެސް،" ޔޫއްޕެ ބުންޏެވެ.
"އެހެންވީމާ އެ އިހުލާސްތެރިކަމާ އެކު އަބަދުވެސް އަޅުގަނޑު މަސައްކަތްކުރީ."
ދެން އޭނާ ފާހަގަކުރީ ވަރަށް މުހިންމު ސިފަ އެކެވެ. ޔޫއްޕެ ކިޔައިދިނީ މިހެންނެވެ.
"އަޅުގަނޑުގެ ފިލްމީ ހަޔާތް ފެށިގެން މި ހިސާބަށް އައިއިރު ފާޑުފާޑުގެ ވާހަކަތައް ވެސް މީހުން ދައްކާފައި އެބަހުރި. އެ ހުރިހާ ވާހަކަތަކަކަށް ބީރު ކަންފަތެއް ދީގެން އަޅުގަނޑު ކުރިއަށް ދިޔައީ. ރައްދެއް ނުދެން ދުވަހަކު ވެސް އެއްވެސް މީހަކަށް. އެއްވެސް މީޑިއާއެއްގައި ވެސް،" ޔޫއްޕެ ބުންޏެވެ.
"މި ދަތުރުގައި ވަރަށް ބައިވަރު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު. ދާއިރާގެ މީހުންނާއި ނޫސްތަކުގައި ވެސް ވަރަށް ފާޑުކިޔާފައި ހުރޭ. އެކަމަކު އެއީ މައްސަލައެއް ނޫނޭ ދުވަހަކު ވެސް އަޅުގަނޑަކަށް. މީހުން އަދި ކޮންމެ ކަހަލަ ހިޔާލުތަކެއް ފާޅުކުރިޔަސް އަޅުގަނޑު އަބަދުވެސް މަސައްކަތްކުރީ އަޅުގަނޑުގެ މަސައްކަތް ކުރެވުނު އެންމެ ރަނގަޅަކަށް ގެނެސްދޭން."
އެ ވިސްނުމާއި ޖޯޝުގައި މަސައްކަތްކުރި ބައެއް ފަހަރަށް ކާމިޔާބީއާ އެއްވަރުގެ ބޮޑެތި ނާކާމިޔާބީތަކާ ކުރިމަތިލާން ޖެހިފައިވާކަން ވެސް އޭނާ ފާހަގަކުރި އެވެ. އެކަމަކު ނާކާމިޔާބީގައި ވެސް ދެގޮތެއް ނުވެ އަބަދުވެސް ކުރިއަށް ދާން މަސައްކަތްކުރުން ވަރަށް މުހިންމު ކަމަށް ޔޫއްޕެ ދެކެ އެވެ. ވަކިން ހާއްސަކޮށް ނާކާމިޔާބުވިޔަސް އެއްވެސް ބަޔަކާ ޖެހިނުގަނެ އަމިއްލަ މަސައްކަތަށް ފޯކަސް ބެހެއްޓުމުގެ މުހިންމުކަން ވެސް އޭނާ ކިޔައިދިނެވެ.
ޔޫއްޕެ ބުނިގޮތުގައި އެއްވެސް މީހަކާ އެއްވެސް ކަހަލަ ޒާތީ ހަސަދަވެރިކަމެއް އޭނާގެ ހިތުގައި ނެތުމަކީ ވެސް ކާމިޔާބީގެ ސިއްރެކެވެ.
އެކްޓަރު ޔޫސުފް ޝަފީއު: އޭނާ އަކީ މަސައްކަތުގެ އަހުލާގުގައި ވަރަށް ބޮޑަށް ފާހަގަކުރެވޭ ފަރާތެއް.
"މި ހިސާބަށް އަޅުގަނޑު އައިއިރު ފިލްމީ ދާއިރާގެ އެއްވެސް މީހަކާ ޒާތީ މައްސަލައެއް ޖެހިގެން އެފަދަ ހަސަދަވެރިކަމެއް އަޅުގަނޑެއް ނުބާއްވަން. އެކަކު އަނެކަކާ ޖެހިގެން، ޖައްސާލައިގެނެއް ނޫޅޭން. އަދި ފިލްމީ ދާއިރާގެ އެހެން މީހަކު ކޮށްފައި ހުރި އެއްވެސް މަސައްކަތަކަށް އަޅުގަނޑު ނުވާނެ ދުވަހަކު ފާޑެއް ވެސް ކިޔާފައި،" ޔޫއްޕެ ބުންޏެވެ.
"ޒާތީ ހަސަދަވެރިކަން އޮވެއްޖެ ނަމަ، ތިމާއަކަށް ނުކުރެވޭނެ އަސްލު މަސައްކަތެއް. މި ދާއިރާގައި އަޅުގަނޑަށް މިހާ ގިނަ ދުވަސްވަންދެން އުޅެވުނީ އަޅުގަނޑަށް ހީވަނީ އެއްވެސް މީހަކާ އަދި އެއްވެސް ބަޔަކާ ޒާތީގޮތުން ޖައްސާނުލައި އެންމެނާ ގުޅިގެން އުޅެން ދަސްކުރީމަހެން."
އެއީ ތެދެކެވެ. ޔޫއްޕެ އަކީ ހަގީގަތުގައި ވެސް ހާދަ ހަމްބްލް މީހެކެވެ. މިސާލަކަށް އެކްޓަރެއްގެ ގޮތުގައި، ޑައިރެކްޓަރެއްގެ ގޮތުގައި ވެސް އޭނާ އަށް ނުލިބެނީ ބަލަ ކޮން ކާމިޔާބީއެއް ހެއްޔެވެ؟ ގައުމީ ފިލްމު އެވޯޑްސް އިން ފަށައިގެން ގޮސް ހިތްވަރު ދިނުމުގެ ގައުމީ އެވޯޑް ވެސް ހާސިލު ކޮށްފައިވާއިރު އުމުރުން 48 ގައި އޭނާ އަކީ އަދިވެސް ފިލްމީ ދާއިރާގައި ހުރި އެންމެ 'ބެންކަބްލް ފިލްމު ސްޓާ' އެވެ.
ފިލްމީ ހަޔާތް އުމުރުން 24 އަހަރުގައި ފެށިއިރު އޭނާ އަށް އޮތް ތާއީދު އަދިވެސް ދިވެހި ފިލްމު ބަލާ މީހުންގެ މެދުގައި އެބައޮތެވެ. އެހެންވީމާ ކާމިޔާބީގެ ވާހަކަ ނިންމާލާފައި ޔޫއްޕެ ބުނެބަލާށެވެ.
މި ދާއިރާ އިން ދެން ހާސިލުކުރަން ބޭނުންވަނީ ކޮން ކަމެއް ހެއްޔެވެ؟
"މި ދާއިރާގައި މިހާރު އަޅުގަނޑުގެ އަމިއްލަ ނަފުސު ބޭނުންވާ ހަމަ އެއްވެސް ކަމެއް ނެތް. އަޅުގަނޑު މިހާތަނަށް ކުރި ހުރިހާ މަސައްކަތަކުން ވެސް ކާމިޔާބު މިންވަރު ކުރައްވައިފި. އަޅުގަނޑު އެކަމަށް ޝުކުރުވެރި ވެސް ވަން،" އޭނާ ބުނީ މިހެންނެވެ.
"މިއަދު އަޅުގަނޑު ފިލްމީ ދާއިރާގައި މި އުޅެނީ ކޮންމެހެން އަޅުގަނޑުގެ އަމިއްލަ ފައިދާއަކަށް ނޫން. އަޅުގަނޑު މި އުޅެނީ ނުވަތަ މަސައްކަތެއް މި ކުރަނީ ދާއިރާގެ މުސްތަގުބަލައްޓަކައި. ފިލްމީ ދާއިރާ އަދިވެސް އޮތީ ވަރަށް ހާލުގައި. އެހެންވީމާ މި ދާއިރާ އަށް މޮޅެއް ހޯދައިދިނުމަށް އަދި އަލަށް ނުކުންނަ ކުދިންނަށް ވެސް ވެވުނު އެހީތެރިކަމެއް ފޯރުކޮށްދޭން އަޅުގަނޑު މަސައްކަތްކުރަނީ."
ފިލްމު ސާޔާގެ ޕްރިމިއާ ނައިޓުގައި ޔޫއްޕެ ވާހަކަ ދައްކަނީ: ކުރިއަށް އޮތީ ވެސް އޭނާ ލީޑް ރޯލު ކުޅެފައިވާ ފިލްމެއް.
ޔޫއްޕެ ބުނީ އޭނާގެ މި އުމުރުގައި ފިލްމުތަކުގައި ލީޑިން ރޯލު ކުޅުމަކީ ވެސް އެހާ ބޭނުންވާ ކަމެއް ނޫން ކަމަށެވެ. ނަމަވެސް ފިލްމީ ދާއިރާގައި ޔޫއްޕެ ވަރުގެ ލީޑިން ސްޓާރަކު އަދިވެސް ހަމަ ނެތީ އެވެ.
"ފިލްމު ކުޅެން އަސްލު އަޅުގަނޑު ބޭނުމެއް ވެސް ނުވޭ. އެހެން ނަމަވެސް އަދިވެސް އެބަ އުޅޭ އަޅުގަނޑު އެކްޓަރެއްގެ ގޮތުގައި ފިލްމުތަކަށް ލާން ބޭނުންވާ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން،" ޔޫއްޕެ ކިޔައިދިނެވެ.
"އަޅުގަނޑު ފިލްމު ކުޅުން ހުއްޓާލައިގެން އުޅުނިން ދެ އަހަރެއްހާ ދުވަސް ވަންދެން ވެސް. އޭރު ވެސް ދެން ފެނުނީ ފިލްމީ ދާއިރާގައި މަސައްކަތަށް ކަމޭހިތާ އެކްޓަރުން މަދުކަމުން ފިލްމީ މަސައްކަތްތައް ހުއްޓިގެން ދިޔަތަން. އެހެންވީމާ މިއަދު އަޅުގަނޑު ފިލްމީ ދާއިރާގައި މި އުޅެނީ ކޮންމެހެން އަޅުގަނޑުގެ އަމިއްލަ ފައިދާއަކަށް ނޫން. އަޅުގަނޑު މި އުޅެނީ ނުވަތަ މަސައްކަތެއް މި ކުރަނީ ދާއިރާގެ މުސްތަގުބަލައްޓަކައި."
ތެދެކެވެ. ޔޫއްޕެ އަކީ ދިވެހިން ދުށް އެންމެ ބޮޑެތި ފިލްމު ސްޓާރުންގެ ތަރި އޮއްސި މި ފިލްމީ ދާއިރާގައި މިއަދު ދެމިހުރި ހަމައެކަނި ހަގީގީ ސްޓާރެވެ. އެންމެ ފަހަށް ހުރި ދިވެހިންގެ އޮރިޖިނަލް ފިލްމު ސްޓާރެވެ. މިއީ ދެބަސް ވެވެން ނެތް ހަގީގަތެކެވެ.
އޮލިމްޕަހުގައި އަޅުވައި އެ ނިމުނީ ވެސް އޭނާގެ ފިލްމެކެވެ. ދެން އަޅުވަން ރަތް ދޫލައިގެ ތައްޔާރީތައް ވަމުން އެ ދަނީ ވެސް އޭނާ ލީޑު ރޯލު ކުޅެފައިވާ ފިލްމެކެވެ.
ގެއްލިގެން ހޯދާ މީހެއް ނޫން، ގެއްލުނީމަ ހޯދައިދޭ މީހާ
އަލީމުއްދީނު ގަދަ؛ ކޮންމެ ކަމަކަށް ވެސް މެޝިނެއް!
އެންމެންގެ ލޯ، މިހާރު ޒޯލޯ އަށް
ކުރަން ނުކެރުނު ސުވާލު:މަޖީދު ކިތައް ވަރި ކައިވެނިތޯ؟
ކުރު ވާހަކަ: އަނބިންގެ ފިރިންނަށް ޝައްކު
މުންޔާގެ އަގުބޮޑު ދެ ކުރެހުމުގައި ވަނީ ކޮން ބާރެއް؟
މި ލޮކުސްމިތަކީ ތިޖޫރީގައި ނެތް ޚަޒާނާ
މަޓޭ ޕެޓްރޯލް ބަހާ ވާހަކަ އަކީ ކޮމެޑީއެއް ނޫން
ލޯބިވަނީ މީ ކީއްވެހޭ؟ ހިތުން ނުފިލަނީ ކީއްވެހޭ؟
ހަމަ އެއްވެސް ފޫހިކަމެއް ނެތި ރޫޅާލަ ރޫޅާލާ