Roadha Mihaaru
އެންމެންގެ ލޯ، މިހާރު ޒޯލޯ އަށް

އެންމެންގެ ލޯ، މިހާރު ޒޯލޯ އަށް

12 ސެޕްޓެމްބަރ 2024

ސްކޫލްގެ ކިޔެވުން އޭރު ނިމިއްޖެ އެވެ. މާކެޓިންގެ ދާއިރާ އިން ކިޔަވަމުން ދިޔަ ނަމަވެސް އުމުރުން 17 އަހަރުގެ އަހުމަދު ހުމާމުގެ ހިތް އޭރު ވެސް އޮތީ މިއުޒިކާއި ލަވައިގެ ދުނިޔެ އަށް ގެނބި ގެއްލިފަ އެވެ. އޭނާ ހުރީ ލަވަކިޔުންތެރިޔަކަށް ވުމަށް ނިޔަތް ގަނެގެންނެވެ. އޭނާ ކެތްމަދުވެފައި ހުރީ ރަނުގެ ފުރުސަތަކަށެވެ. ކޮންމެ ދުވަހަކުވެސް ތައްޔާރުވަމުން ދިޔައީ ސްޓޭޖަކަށް އަރައި އޯޑިއަންސެއްގެ ކުރިމަތީގައި ޕާފޯމްކުރާނެ ގޮތަކާ މެދުގަ އެވެ.

އަހުމަދު ނަދީމް އަހުމަދު ނަދީމް

ސްކޫލްގެ ކިޔެވުން އޭރު ނިމިއްޖެ އެވެ. މާކެޓިންގެ ދާއިރާ އިން ކިޔަވަމުން ދިޔަ ނަމަވެސް އުމުރުން 17 އަހަރުގެ އަހުމަދު ހުމާމުގެ ހިތް އޭރު ވެސް އޮތީ މިއުޒިކާއި ލަވައިގެ ދުނިޔެ އަށް ގެނބި ގެއްލިފަ އެވެ. އޭނާ ހުރީ ލަވަކިޔުންތެރިޔަކަށް ވުމަށް ނިޔަތް ގަނެގެންނެވެ. އޭނާ ކެތްމަދުވެފައި ހުރީ ރަނުގެ ފުރުސަތަކަށެވެ. ކޮންމެ ދުވަހަކުވެސް ތައްޔާރުވަމުން ދިޔައީ ސްޓޭޖަކަށް އަރައި އޯޑިއަންސެއްގެ ކުރިމަތީގައި ޕާފޯމްކުރާނެ ގޮތަކާ މެދުގަ އެވެ.

ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ބޭއްވި އިވެންޓެއްގައި ލަވައެއް ކިޔާލަން އޭނާ އަށް ފުރުސަތު ލިބުނީ އެ ހުރިހާ ޖަޒުބާތުތަކެއް އޭނާގެ ޒުވާން ޖޯޝުގައި ކެކިއަރަމުން ދަނިކޮށެވެ. އެއީ އޭނާ އަށް ރައްޓެއްސަކު ހޯދައިދިން ފުރުސަތެކެވެ. ޒޯލޯގެ ނަމުގައި މަގްބޫލުވެ މަޝްހޫރުކަން ހޯދާފައިވާ 26 އަހަރުގެ ކުޅަދާނަ ލަވަކިޔުންތެރިޔާ މި ވާހަކައެއް ކިޔައި ދިނީ އޭނާ މި ހިސާބަށް ގެނެސްދިން ދަތުރުގެ އެންމެ ހާއްސަ ހަނދާންތަކާ ބެހޭ ގޮތުން ސުވާލުކޮށްލުމުންނެވެ.

އޭނާގެ އެކުވެރިއެއް ކަމުގައިވާ ޖީމް ނިޔާޒާ އެކު އުފެއްދި ޒުވާން ބޭންޑް، 'ރެވިއޯ' އެންމެފަހުން ޒުވާނުންގެ މެދުގައި މަގްބޫލުވެ، އޭނާގެ އޮރިޖިނަލް ލަވަތައް ހިޓަށް ބަދަލުވެ، އޭނާގެ ރާސްޕީ އަޑުގެ ޖާދޫގައި އެތައް ބަޔަކު ޖެހެމުން ދިޔަޔަސް ޒޯލޯ އޭނާގެ މި ދަތުރު ފެށީ ވަރަށް ވެސް ހިތިކޮށެވެ. އެ ފެށުން އޭނާ ދުވަހަކުވެސް ހަނދާން ނައްތާލަން ބޭނުން ނުވަނީ އެހެންވެގެންނެވެ. އެ ފެށުން އޭނާ އަށް ނަގައިދިން ފިލާވަޅު ވެސް ބޮޑުކަމުންނެވެ.

ނުލިބިގެން ކެތްމަދުވެފައި ހުރި ފުރުސަތު ލިބިގެން ޒޯލޯ އެންމެފަހުން ސްޓޭޖަށް އަރައިފި އެވެ. އަދި ތަރުހީބުގެ އަތްތިލަބަޑިން ފަށައިގެން ގޮސް ފޯރީގެ ހަޅޭކަކުން އެ ޕާފޯމަންސް އޭނާ އަށް ނިމިއްޖެ އެވެ. ނަމަވެސް އެ ތަޖުރިބާ އެ ފެށުނީ ސްޓޭޖުން ފޭބި ފަހުންނެވެ.

"އެ އިވެންޓް ތެރޭގައި އުޅުނު މީހަކު އަޅުގަނޑާ ބައްދަލުކޮށްފައި ބުނީ ތިމަންނައަކަށް ހީއެއް ނުވެއޭ ތި މަސައްކަތުން ޒޯލޯ އަށް ފިއުޗާއެއް ލިބޭނެ ކަމަކަށް. އަޅުގަނޑާ ދިމާލަށް އައިސް ވަރަށް ސީދަލަށް އޭނާ ބުނެލީ، ކޮންމެވެސް އެހެން ކަމެއް ކުރަންވީ ނޫން ހެއްޔޭ ދެން،" ރެވިއޯ ބޭންޑާ އެކު އޮރިޖިނަލް ދިވެހި ލަވަތައް އެމީހުންގެ ލޯކަލް ފޭނުންނަށް ގެނެސްދެމުން އެކުވެރިންގެ ބޭންޑެއް ކަމުގައިވާ 'ބޮލިޓިއުންސް' އާ އެކު ރިސޯޓުތަކުގައި ކާމިޔާބުކަމާ އެކު ގިގުކުރަމުން އަންނަ ޒޯލޯ ކިޔައިދިނެވެ.

"އޭނަ އެހެން ބުނީމަ އެ ދުވަހު ދެރަވި. އެކަމަކު ލަވަކިޔުމާއިގެން ކުރިއަށް ދާން އިތުރު ހިތްވަރެއް ވެސް ލިބުނު ދުވަހަކަށް އެ ތަޖުރިބާވެގެން ދިޔައީ. ނަމަވެސް އަޅުގަނޑު މިކަން ކުރީ އަޅުގަނޑުގެ އަމިއްލަ މީހާ އަށްޓަކައި. އިތުރު އެހެން އެއްވެސް މީހަކަށް އެއްވެސް ކަމެއް ސާބިތުކޮށްދޭކަށް ނޫން"

ލަވަކިޔުންތެރިއެއްގެ ގޮތުގައި ޒޯލޯ އަށް ކުރިއެރުމެއް ލިބިދާނެ ކަމަށް ގަބޫލުނުކުރި މީހަކީ ހުޅުމާލޭގެ އެ އިވެންޓު ތެރެއިން އެ ދުވަހު އޭނާއާ ބައްދަލުވި މީހާ އެކަންޏެއް ނޫނެވެ. ޒޯލޯ އަށް ލަވަކިޔޭނެ ކަމަށް ގަބޫލުކުރި ހަމަ އެކަކު ވެސް އޭރު އޭނާއާ އެކުގައި ނެތީ އެވެ. ލަވައެއް ކިޔާލަން ހިނގާބަލާށޭ ބުނީމަ އެ ވާހަކައެއް ގޮސް އޭނާ ދެއްކި މީހުންތައް ވެސް ފިލީ އެވެ. ބޭންޑެއް ހަދަން ހިނގާށޭ ބުނީމަ ވެސް ދެން ހަމަ އެއްވެސް މީހެއްގެ ޚަބަރެއް ޒޯލޯއަކަށް ފަހަކުން ނުވެ އެވެ.

"އެ އިވެންޓް ތެރޭގައި އުޅުނު މީހަކު އަޅުގަނޑާ ބައްދަލުކޮށްފައި ބުނީ ތިމަންނައަކަށް ހީއެއް ނުވެއޭ ތި މަސައްކަތުން ޒޯލޯ އަށް ފިއުޗާއެއް ލިބޭނެ ކަމަކަށް. އަޅުގަނޑާ ދިމާލަށް އައިސް ވަރަށް ސީދަލަށް އޭނާ ބުނެލީ، ކޮންމެވެސް އެހެން ކަމެއް ކުރަންވީ ނޫން ހެއްޔޭ ދެން -- ޒޯލޯ
މިހާރު ފޮޓޯ: ފަޔާޒު މޫސާ

މިހާރު ފޮޓޯ: ފަޔާޒު މޫސާ

"އަޅުގަނޑު މިއީ އެންމެ ކުޑައިރުން ފަށައިގެން ވެސް ވަރަށް ލަވަކިޔަން ބޭނުންވެފައި ހުރި މީހެއް. އެކަމަކު ވަރަށް ގިނަ މީހުން އޭރު ބުނީ ހީއެއް ނުވެއޭ، އެހާ އެހާއެއް ނޫނޭ ޒޯލޯގެ ލަވަކިޔުން ވެސް. އޭރު ވެސް އެކި މީހުން ކައިރިއަށް ގޮސް ކިޔައި އުޅުނިން ހިނގާށޭ ބޭންޑެއް ހަދަން. ނަމަވެސް ފަހަން އެއްވެސް މީހެއްގެ ޚަބަރެއް ނުވޭ،" ޒޯލޯ ކިޔައިދިނެވެ.

"ދެން ފަހުން ކޮންމެވެސް އެހެން މީހެއްގެ ފަރާތުން މި އެނގެނީ ޒޯލޯ ވީމަ ޒޯލޯއާ އެކުގައި ބޭންޑެއް ހަދަން ބޭނުންނުވީކަން. އެކަހަލަ ބައިވަރު ތަޖުރިބާތައް އޭރު ކުރެވުނު."

އެ ދުވަސްވަރަކީ މިއަދުގެ ސޯޝަލް މީޑިއާގެ ނުފޫޒު އޮތް ދުވަސްވަރެއް ނޫނެވެ. އެހެންކަމުން ލަވަކިޔުންތެރިޔަކަށް ރާއްޖޭގެ މިއުޒިކް ސީންގައި ފުރުސަތެއް ހޯދުންވެފައި އޮތީ ވަކިން އުނދަގޫ ކަމަކަށެވެ.

މިހާރު ފޮޓޯ: ފަޔާޒު މޫސާ

މިހާރު ފޮޓޯ: ފަޔާޒު މޫސާ

ނަމަވެސް ޒޯލޯ ދިޔައީ އޭނާގެ ލަވަކިޔުމުގެ ހުނަރު އާންމުންނަށް ފެންނާނެ ހުރިހާ ޕްލެޓްފޯމުތަކެއްގެ ބޭނުން ވީވަރަކުން ހިފަމުންނެވެ. ޒޯލޯއާ އެކުގައި މަސައްކަތްކުރަން 'އެންމެން އޭރު ފޫހިވެފައި ތިއްބަސް' ޒުވާން ޒޯލޯގެ ކިބައިގައި ހަމަ އެއްވެސް ފޫހިކަމެއް ނެތެވެ.

އޭނާ ދިޔައީ ކުރިއަށެވެ. މޯލްޑިވިއަން އައިޑޮލްގެ ތިން ސީޒަނުގައި ވެސް ބައިވެރިވި އެވެ. އެކަމަކު ދެން ވެސް ކުރިއަށް ދެވޭ ގޮތެއް ނުވި އެވެ. އޮޑިޝަން ނުވަތަ ތިއޭޓާ ރައުންޑާ ހަމައިން އެ ޝޯގެ ޖަޖުން ވެސް ބުނީ 'ޒޯލޯގެ ލަވަކިޔުން ދެން އެހާ އެހާއެއް ނޫނޭ' އެވެ.

މި ހާލަތު ބައްދަލުކޮށްފައި ވަނިކޮށް ޒޯލޯގެ ލަވަކިޔުމުގައިވީ ހުނަރުވެރިކަން އަޅައިގަތީ ރިސޯޓް މިއުޒިކްގެ ތެރޭގައި އުޅުނު ލޯކަލް މިއުޒިޝަނަށެވެ. އެއްވެސް ސްޓޭޖަކުން ނުވަތަ ބޭންޑަކުން ވެސް ފުރުސަތެއް ނުލިބިފައި ހުއްޓައި ރިސޯޓު މާކެޓަށް ނުކުމެ ލަވަކިޔަން ލިބުނު އެ ފުރުސަތާ އެކު ޒޯލޯގެ ލަވައިގެ ދުނިޔެ ހަމަ ކުއްލިއަކަށް 'އިރައިގެން' ދިޔައީ އެވެ.

މިހާރު ފޮޓޯ: ފަޔާޒު މޫސާ

މިހާރު ފޮޓޯ: ފަޔާޒު މޫސާ

"އަޅުގަނޑު ބުނެލަން ބޭނުންވަނީ މި ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ކޮންމެ މީހަކު ވެސް، ކިތަންމެ އުނދަގޫ ކަމަކަށްވިޔަސް ގިވްއަޕް ނުކުރައްޗޭ. ކާމިޔާބީ އަކީ މަސައްކަތްކުރާ މީހާގެ އެއްޗެއް. -- ޒޯލޯ

"އެ ފުރުސަތު ލިބުނު ގޮތަކީ، ޒޯލޯ ލާފައި ހުރި ވީޑީއޯ، ރިސޯޓް މިއުޒިޝަނަކަށް ފެނިގެން އޭނަ އަޅުގަނޑަށް ގުޅާފައި ބުނީ ހިނގާށޭ ރިސޯޓަށް ގޮސް ލަވަކިޔަން ތިމަންނައާ އެކީ. ދެން ފެށީ. އެގޮތުން ރިސޯޓަކަށް ދިޔައީ ފުރަތަމަ މެދުފުށި އައިލެންޑް ރިސޯޓަށް. ހަފުތާއަކު އެއް ދުވަހު ދިޔައީ އޭރު. ވަރަށް ކުޑަ އެއްޗެއް ލިބޭނީ ވެސް،" ރީފްސައިޑުގައި އަދާކުރަމުން ދިޔަ ފޫހި ވަޒީފާއިން ފުލްޓައިމް މިއުޒިޝަނެއްގެ ގޮތުގައި ބަދަލުވި ފެށުން ޒޯލޯ ކިޔައިދިނެވެ.

"ދެން މަޑުމަޑުން އިތުރު ގިގުތައް އެހެން ރިސޯޓްތަކުން ލިބި ގިގުތައް އިތުރުވެ ރަނގަޅު އާމްދަނީއެއް ލިބޭ ވަރުގެ މަސައްކަތަކަށް ބަދަލުވީ އެންމެފަހުން. ސޯލޯކޮށް ވެސް ފަހުން ރިސޯޓްތަކަށް ދިޔައިން މިއުޒިކް ކުޅެން. އެހެން އުޅެމުން، ރައްޓެހިންތަކަކާ އެކު މިހާރު ރިސޯޓް މިއުޒިކް ކުޅެން ދަނީ ބޮލިޓިއުންސް ބޭންޑާ އެކު."

"ދެން ރެވިއޯ ބޭންޑަކީ ސީދާ އަޅުގަނޑުމެންގެ ހިތުގައި އޮރިޖިނަލް މިއުޒިކަށް އޮތް ލޯބި ބޮޑުކަމުން ދިވެހި އޮރިޖިނަލް މަސައްކަތްތައް އެހުންތެރިންނާ ހަމަ އަށް ގެނެސްދޭންވެގެން އުފެއްދި ބޭންޑެއް."

މިހާރު ފޮޓޯ: ފަޔާޒު މޫސާ

މިހާރު ފޮޓޯ: ފަޔާޒު މޫސާ

އެންމެފަހުން އޭނާ އަށް ލިބުނީ ކުޅޭނެ ބޭންޑެއް ނޫނެވެ. ދެ ބޭންޑެވެ. އަދި ކުޑައިރުން ފަށައިގެން ބަލަމުން ދިޔަ ހުވަފެން ގޮސް އެންމެފަހުން ވަށައި ޖެހުނީ އެވެ.

ރެވިއޯ ބޭންޑަށް ހަތަރު އަހަރު ފުރޭއިރު ޒޯލޯ މިއަދު އެ ދަނީ އޭނާގެ ބޭންޑްމޭޓުންނާ އެކު އެމީހުންގެ އެންމެ ބޮޑު ޝޯއަށް ތައްޔާރުވަމުންނެވެ. 'ޕްލެނެޓް ރެވިއޯ' ގެ ނަމުގައި ބާއްވާ މި ޝޯގެ ތައްޔާރީތައް ފަށާފައިވާއިރު އަންނަ އޮކްޓޯބަރު މަހު ބޭންޑްގެ ތިން ވަނަ އަލްބަމް ވެސް ނެރޭނެ އެވެ.

އެކަމަކު ޒޯލޯ ހުރީ ހަމަ ބިމުގަ އެވެ.

”އަޅުގަނޑު މިއީ ލިބޭ ކާމިޔާބީއަކާ މެދު ފޮނިވެ ބޮޑާވެގެން ކުރިއަށް ދާން ބޭނުންވާ މީހެއް ނޫން. އަޅުގަނޑު މިއީ އަބަދުވެސް ދަސްކުރުމުގެ ދަތުރެއްގައި ކުރިއަށް ދާ މީހެއް. ކޮންމެ ދުވަހަކީ ވެސް މި މަސައްކަތުގައި އާ ކަމެއް ދަސްކުރާ ދުވަހެއް،" ޒޯލޯ ބުނެލި އެވެ.

މިހާރު ފޮޓޯ: ފަޔާޒު މޫސާ

މިހާރު ފޮޓޯ: ފަޔާޒު މޫސާ

"ދަސްކޮށް ނިމި ހުރިހާ އެއްޗެއް އެނގޭ މީހަކަށް ބަދަލުވެއްޖެ ނަމަ އިތުރަކަށް ކުރިއެއް ނާރާނެއެއްނުން. މިއުޒިޝަނެއްގެ ގޮތުގައި މަސައްކަތްކުރާއިރު އެންމެ މުހިންމު އެއް ކަމަކީ އެމީހަކު ހިފަހައްޓަން ޖެހޭ މި ޑިސިޕްލިން ކަމަށް އަޅުގަނޑު ގަބޫލުކުރަނީ."

އެއަށް ފަހު އޭނާ ބުނެލީ މިހެންނެވެ.

"އަޅުގަނޑު ބުނެލަން ބޭނުންވަނީ މި ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ކޮންމެ މީހަކު ވެސް، ކިތަންމެ އުނދަގޫ ކަމަކަށްވިޔަސް ގިވްއަޕް ނުކުރައްޗޭ. ކާމިޔާބީ އަކީ މަސައްކަތްކުރާ މީހާގެ އެއްޗެއް." ޒޯލޯ ދެން އެހާއެއް ނޫނޭ ބުނި އެންމެން ވެސް ގަބޫލުކޮށްގެން ތިބި ހަގީގަތަކީ މި އެވެ.