Roadha Mihaaru
ލޯބިވަނީ މީ ކީއްވެހޭ؟ ހިތުން ނުފިލަނީ ކީއްވެހޭ؟

ލޯބިވަނީ މީ ކީއްވެހޭ؟ ހިތުން ނުފިލަނީ ކީއްވެހޭ؟

24 އޯގަސްޓް 2024

މަރްހޫމާ ޖަމީލާ ސަލީމް ނުވަތަ ގިނަ ބަޔަކު ދަންނަ ނަމުން ނަމަ ޖޭމު ދޮންކަމައިގެ މި މަޝްހޫރު ލަވައިގެ ލިރިކްސްގައި ދެން ވެސް އޮތީ ސުވާލެކެވެ. އަހަރެން ކަލެއާ ބައްދަލުކޮށްލަން ބޭނުން މި ވަނީ ކީއްވެހޭ؟

އަހުމަދު ނަދީމް އަހުމަދު ނަދީމް

މަރްހޫމާ ޖަމީލާ ސަލީމް ނުވަތަ ގިނަ ބަޔަކު ދަންނަ ނަމުން ނަމަ ޖޭމު ދޮންކަމައިގެ މި މަޝްހޫރު ލަވައިގެ ލިރިކްސްގައި ދެން ވެސް އޮތީ ސުވާލެކެވެ. އަހަރެން ކަލެއާ ބައްދަލުކޮށްލަން ބޭނުން މި ވަނީ ކީއްވެހޭ؟

އެކަމަކު މި ލަވައިގެ މާނައިގައިވީ އިހުސާސްތައް ޝާއިރެއްގެ ގަލަމުން ސިފަކުރުމުގެ ބަދަލުގައި މި ލަވަ މި ފަހަރު ސައިކޮލޮޖިސްޓަކާ ހަވާލުކުރަމާ ހިނގާށެވެ. ޖޭމު ދޮންކަމަނަގެ މި ކްލެސިކް ހިޓު ލަވަ ގޮސް ފެތެނީ ލޯބީގެ ކޮން ކަނޑަކަށްތޯ ބަލަމާ ހިނގާށެވެ.

ފެމިލީ ކެއާ ކްލިނިކުގައި މަސައްކަތް ކުރައްވާ ސައިކޮލޮޖިސްޓެއް ކަމަށްވާ ފާތިމަތު ސާނިޔާ ސަލީމަށް، ޖޭމުދޮންކަމަނަގެ މި ލަވަ ވެގެން ދިޔައީ ވަރަށް ވެސް ޝައުގުވެރި ކުރުވަނިވި އުފެއްދުމަކަށެވެ.

"(ކޯރަސް) ގައި އެ ކުރާ ތިން ސުވާލަށް އެކަނި ވިސްނާލިޔަސް ހީވަނީ ލޯބީގައި ދީވާނާ ވެފައިވާ މީހެއްގެ އިހުސާސްތަކެއްހެން ދޯ އެންމެ ފުރަތަމަ ވެސް މިއީ،" ސާނިޔާ ފެއްޓެވީ މިހެންނެވެ.

"ލޯތްބާ ގުޅޭ ގޮތުން އެންމެން ފަރިތަ އަދި އެންމެ މަޝްހޫރު ސައިކޮލޮޖީ ތިއަރީ އަކީ، ލޯބީގައި ވަނީ ތިން ވައްތަރެއްގެ ލޯބިކަން. މަޝްހޫރު ސައިކޮލޮޖިސްޓް، އެމެރިކާގެ ރޮބަޓް ސްޓާންބާގްގެ ޓްރެއިންގިއުލާ ތިއަރީ އޮފް ލަވްގައި އެ ތިން ވައްތަރުގެ ލޯބި ވަރަށް ރަނގަޅަށް ސިފަކޮށް ތަފްސީލު ކޮށްދީފައި އެބައޮތް."

"އެއީ އިންޓިމެސީ. ކޮމިޓްމަންޓް. އަދި ޕެޝަން."

އިންޓިމެސީ އަކީ ދެ މީހެއްގެ ދެމެދުގައި އޮންނަ ވަރަށް ޒާތީ އަދި އެހާމެ ގާތް ބަދަހި ގުޅުމެވެ. ކޮމިޓްމަންޓަކީ ދެ މީހެއްގެ ދެމެދުގައި އޮންނަ ވަފާތެރިކަމާއި އިހުތިރާމާއި ގަދަރެވެ. ކިތަންމެ ރުޅި އަންނަ ޒާތުގެ ކަމަކާއި ހާލަތަކާ ބައްދަލުވާއިރު ވެސް ދެ މީހުންގެ ދެމެދުގައި އޮންނަ އިހުތިރާމާއި ލޯތްބަށް ގަދަރުކުރަން ދަސްވެ ފަރިތަވެފައިވާ ލޯބީގެ މަރުހަލާ އެކެވެ.

ދެން މި އޮތީ ޕެޝަނެވެ. މިއީ ލޯބީގެ އެންމެ ކޫސަނިމޫސަނި އިހުސާސްތަކުގެ ތެރެއިން އިހުސާސެކެވެ. މިއީ ލޯބީގެ ވަރަށް ޅަފަތުގައިވީ ދަރަޖައެކެވެ. މި ހާލަތުގައި ހީވާނީ ލޯބީގެ ހިނި ދެ ފަޔަށް އަރައިގެން އުޅޭ ހެންނެވެ. ހީވާނީ ހިފިނުހުރެވިގެން އުޅޭ ހެންނެވެ. ބޭނުންވާނީ ހިތްކިޔައިގެން ތިޔަ އުޅޭ ކުއްޖާ ފެންނަ ހިސާބެއްގައި އަބަދުވެސް ވުމަށެވެ.

ޖޭމު ދޮންކަމަނައިގެ މި ލަވަ ސާނިޔާ ސިފަކުރެއްވީ ލޯބީގެ މި ދަރަޖައިގެ ތެރޭގަ އެވެ. ނުވަތަ ޖޭމު ދޮންކަމަނަ ކިޔައިދޭ މި ލަވަ ގޮސް ތާށިވެފައި އޮތީ ލޯބީގެ އެ ބުނާ ޕެޝަނޭޓް ދުނިޔޭގަ އެވެ. ހިފިނުހުރެވިގެން އުޅޭ ލޯބީގެ އާލަމެއްގަ އެވެ.

"ބައެއް ފަހަރަށް ލޯބީގެ މި ހާލަތް ނުވަތަ މި ވައްތަރު ސިފަކުރުމަށް ހަނީމޫން ފޭސްއޭ ވެސް ކިޔައި އުޅޭ. މި ލަވައިގެ ލިރިކްސް އަށް ވިސްނާލާއިރު ވަރަށް ބޮޑަށް ސިފަވެގެން އަންނަ ލޯބީގެ ވައްތަރަކީ ޕެޝަން،" ސާނިޔާ ވިދާޅުވި އެވެ.

އެއީ ތެދެކެވެ. މިހާ ހިސާބުން ނިކަން ޖޭމުދޮންކަމަނަގެ ލަވައިގެ ލިރިކްސް އަށް ހިމޭންވެލަމާ ހިނގާށެވެ.

"އެދެނީ ދެ ލޮލަށް ފެނުމޭ، ފޫއްސެއް ނެތި އަބަދަށް ވެސް. ފެނުމުން ހިތްހަމަޖެހިގެންވާ، އުފަލެއް ކަމުގައި މި ވަނީ. ލޭގެ ޖަޒުބާތަކާ، ސިއްރެއް ގުޅިފާ ނެތް މެޔޭ"
ލަވައިގެ ފުރަތަމަ ކަޑި.

ލަވައިގެ ފުރަތަމަ ކަޑި.

ލޯބީގެ އެންމެ އަސަރުގަދަ ޖަޒުބާތުތަކުން ލަވައިގެ ފުރަތަމަ ކަޑި އުތުރި އަރަނީ އެހެން ނޫންތޯ އެވެ.

"މިއީ ޔޫފޯރިއާ އަދި އެކްސައިޓްމަންޓް. އާދަޔާހިލާފު އުފާވެރި ޖަޒުބާތުތަކެއް ތަޖުރިބާކުރެވެން ފަށާ. ހިތް ކިޔައިގެން އުޅޭ މީހާ ފެންނަ ހިސާބުގައި ނުވަތަ އޭނާގެ ހިޔާލުތަކުން ފަތަހަވެފައިވާ ހާލުގައި އިހުސާސް ވާނީ ޒާތެއްގެ މަސްތީ ޖަޒުބާތާއި އުފާވެރިކަމެއް،" ސާނިޔާ ވިދާޅުވި އެވެ.

"އަނެއްކޮޅުން، ހިތްކިޔައިގެން އުޅޭ މީހާގެ ހިޔާލުތަކުން އަމިއްލަ ނަފުސާއި ސިކުނޑި ފުރި އުތުރި އަރަމުންދާހެން ހީވާނީ. މެދުނުކެނޑި އަވަސްއަވަހަށް އޭނާއާ ވާހަކަ ދައްކާ ހިތްވުމާއި ދެ މީހުން އެކުގައި އުޅޭ ހުވަފެން ބެލުމާއި ދެން އެންމެ އަވަހަށް ދެ މީހުން ބައްދަލުވާނީ ނުވަތަ ވާހަކަ ދައްކާނީ ކޮން އިރަކުތޯ އަބަދުވެސް ހިތަށް އަރަމުން ދާނީ. ނުވަތަ އެފަދަ ގޮތަކަށް ވިސްނުން."

ޖޭމުދޮންކަމަނައިގެ ލަވަ އޮތީ ސާނިޔާ ސިފަ މިކޮށްދޭ ލޯބީގެ ވައްތަރަށް ގެނބި ޣަރަގުވެފައިކަން ޔަގީނެވެ. އަނެއްކާވެސް އޭގައިވީ އެހެން ކަޑިއަކަށް ކަނޑި ދަމައިލަމާ ހިނގާށެވެ.

"ކުރަނީ މި ހިތަށް އަސަރެއް، ހަމަ އެކަނިވެ ޝަކުވާޔާ. ދުރުގާ ހުރުމުން ހިތްދަތިކަން، ވީ އެކަނިހެ ލޯބީގާ. "ރުހުމުގާ ތިހިތުގާ ޝަކުވާއެއް ނެތް ހަމަ ނެތް މެޔޭ"
ލަވައިގެ ދެ ވަނަ ކަޑި

ލަވައިގެ ދެ ވަނަ ކަޑި

ސާނިޔާ ވިދާޅުވީ ލޯބީގެ މި މަރުހަލާގައި އުޅޭއިރު އާދަޔާ ހިލާފު ބާރެއްހެން ހީވާ ޒާތުގެ ހަކަތައިން ފުރި އުތުރިއަރައިގެން ދިއުމަކީ ވެސް ވަރަށް އާންމު ސިފައެއް ކަމަށެވެ. މަސައްކަތުގައި އާދަޔާ ހިލާފަށް މޯޓިވޭޓްވެ، އެއްވެސް ޖެހިލުމެއް ނުވަތަ އުނދަގޫ ކަމެއް ނެތި ކަންކަން ވަރަށް ފަސޭހައިން ކޮށް ނިންމާލެވޭހެން ހީވާ ކަހަލަ ހިސާބަކަށް ވެސް ލޯބީގެ މި ޖަޒުބާތުތައް މީހާ ގެންގޮސް ދީފާނެ ކަމަށެވެ.

"ނިދާ ހިތް ވެސް ނުވެދާނެ. ވަރަށް އެނާޖެޓިކް ވެފައި ކަންކަމުގައި މޯޓިވޭޓްވެ ކަންކަން ފަސޭހައިން ކޮށްލެވޭނެ. މިގޮތަށް އަސްލު މެދުވެރިވަނީ ލޯބީގެ މި މަރުހަލާގައި އުފައްދައިދޭ އެޑްރެނަލިން އަދި ޑޮފެމީންގެ އަސަރުން،" ސާނިޔާ ވިދާޅުވި އެވެ.

ލޯބީގެ މި މަރުހަލާގައި ދިމާވެދާނެ ކަމަށް އޭނާ ފާހަގަކުރެއްވި އަނެއް ހާއްސަ ސިފަ ޖޭމުދޮންކަމަނަގެ ދެ ވަނަ ކަޑީގައި ވެސް އެބައޮތެވެ. އެއީ ލޯބީގައި ކަނުވާ ވާހަކަ އެވެ. ލޯބިވާ މީހާ ކިތަންމެ ގޯސްކަމެއް ކުރިޔަސް، ހަމަ އެއްވެސް ކަމެއް ގޯސް ކަމެއްގެ ގޮތުގައި ތިމާ އަށް ނުފެންނަ ދަރަޖައަކަށް ވެއްޓިގެންދާ ގޮތެވެ.

"އެ ހާލަތުގައި ލޯބިވެރިޔާގެ ގޯހަށް ވުރެ އަބަދުވެސް ފާހަގަކުރެވޭނީ ސަޅި ކަންކަން. ދެން ހީވާން ފަށާނީ މިއީ ޕާފެކްޓް ރިލޭޝަންޝިޕެކޭ،" ސާނިޔާ ވިދާޅުވި އެވެ.

މިހާ ހިސާބުން ލަވައިގެ ތިން ވަނަ އަދި ފަހު ކަޑި އަށެވެ.

"ހާލެއް ކަމުގައިވީމޭ ލޯބީގެ މި ޖަޒުބާތަށް. ގައިމޭ ހަމަ ހީވޭ އަސްލެއް ނެތް ލޯތްބެއް ނޫނޭ މިއީ. "ސާފުކޮށްލަން މިކަން ބޭނުންވެސް ބުނެވާނެހޭ"
ލަވައިގެ ތިން ވަނަ ކަޑި

ލަވައިގެ ތިން ވަނަ ކަޑި

މި ކަޑީގައި ކިޔައި ދެނީ ހާސްކަމުގައި ތެޅެމުންދާ ހިތުގައި އުފެދިފައިވާ ލޯބީގެ ވާހަކަ އެވެ. އަދި ތިބާއާ މެދުގައި އުފެދިފައިވާ އިހުސާސްތައް ނުވަތަ ލޯބީގެ އެ ޖަޒުބާތުތައް ސަލާމަތްކޮށް ރައްކާކޮށް ބެލެހެއްޓުމުގެ މުހިންމުކަމުގެ ވާހަކަ އެވެ.

"ލޯބީގެ މި މަރުހަލާގައި ހާސްކަން އުފެދުމަކީ ވަރަށް އާންމު ކަމެއް. ފިއާ އޮފް ރިޖެކްޝަން އަކީ މި އިހުސާސް އުފައްދައިދޭ މައިގަނޑު ސަބަބެއް. ކިތަންމެ ސަޅިކޮށް އަދި ދިޔަޔަސް ދެން ހުރި މީހާގެ ހިތް އޮތީ ތިމާގެ ހިތް ވެސް އޮތް ގޮތަށް ތޯ ބެލުމަށް ޝައުގުވެރިވެ ހާސްވުމަކީ އެކަށީގެންވާ ކަމެއް." ސާނިޔާ ވިދާޅުވި އެވެ.

"ބައެއް މީހުންނަށް ކާން ވެސް އުނދަގޫވާނެ. މަސައްކަތަށް ފޯކަސް ކޮށްގެން އުޅެން ވެސް އުނދަގޫވާނެ. ސަބަބަކީ އޭނާގެ ސިކުނޑި އެ ވަނީ އަލަށް ހިތް ކިޔައިގެން އުޅޭ ކުއްޖާގެ ހިޔާލުތަކުން ފުރިފައި. މިއީ ސިކުނޑީގައި އުފެދޭ ބަޔޯކެމިކަލް ޗޭންޖަސްތަކާ އެކުގައި އުފަންވާ އިހުސާސްތަކެއް. ހޯމޯންސް އާއި ޑޮފެމީން، އޮކްސިޓޮސިން އަދި އެޑްރެނަލިން ފަދަ ނިއުރޯޓްރާންސްމިޓާސްތަކާ އެކު އަންނަ ބަދަލުތަކެއް."

ސާނިޔާ ވެސް ލޯބީގެ މި މަރުހަލާ ސިފަކުރެއްވީ އޭގެ އެންމެ ޅަފުރައިގެ ހާލަތުގަ އެވެ. އޭނާ ވިދާޅުވީ މިހެންނެވެ.

"އެހެންވީމާ މި ލަވަ އަށް ޖުމްލަ ގޮތެއްގައި ވިސްނާލާއިރު އަޅުގަނޑަށް ސިފަވެގެން އަންނަ ލޯބީގެ ހާލަތަކީ ނުވަތަ ވައްތަރަކީ ސްޓާންބާގް ތިއަރީގައި ފާހަގަކޮށްފައި އެވާ ލޯބީގެ ޕެޝަން. އަދި ގްރީކް (މިތޮލޮޖީގައި އެ ބުނާ) އީރޮސް ކަހަލަ ލޯތްބެއް."

އެހެންވީމާ މި ހިސާބުން، ޖޭމު ދޮންކަމަނައިގެ މި ލަވައިގެ މާނަ އާއި އޭގައި ކިޔައިދޭ ލޯބީގެ އިހުސާސްތަކާއި ފަލްސަފާތައް އިރައި ކުދިކުރުން ގޮސް މި ވެއްޓެނީ ކިޔުންތެރިންގެ އުނގަށެވެ. ނިކަން ކެރެންޏާމު، ލޯބީގައި މި ވަރަށް ދީވާނާވި ހާދިސާއެއް ކިޔައިދީބަލާށެވެ. އަދި ބުނެ ބަލާށެވެ.

ލޯބި ވަނީ މީ ކީއްވެހޭ؟ ހިތުން ނުފިލަނީ ކީއްވެހޭ؟