Roadha Mihaaru
ގެއްލިގެން ހޯދާ މީހެއް ނޫން، ގެއްލުނީމަ ހޯދައިދޭ މީހާ

ގެއްލިގެން ހޯދާ މީހެއް ނޫން، ގެއްލުނީމަ ހޯދައިދޭ މީހާ

19 ސެޕްޓެމްބަރ 2024

ގެއްލޭ ސައިކަލު ހޯދައިދިނުމަކީ އޭނާގެ ރަސްމީ ވަޒީފާއެއް ނޫނެވެ. ނަމަވެސް ސައިކަލެއް ގެއްލިގެން އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރަން ދާ މީހާ އަށް ވެސް ލިބޭ އެންމެ ރަސްމީ ޓިޕަކީ މާލޭގެ "3636 ޕިކަޕް ސާވިސް" ގައި އޮޕަރޭޓަރަކަށް މަސައްކަތްކުރާ އަލީ ހަސަންގެ ނަމާއި އޭނާއާ ގުޅޭނެ ގޮތެކެވެ. އެއަށް ފަހު ދެން ވުން އެންމެ ގޮތް ކިޔައިދިނީ "ފިއްލަދޫ އައްޔަ" ގެ ނަމުން މުޅި މާލެ އަށް މަޝްހޫރުވެފައިވާ ތަޖުރިބާކާރު މި އޮޕަރޭޓަރެވެ.

އަހުމަދު ނަދީމް އަހުމަދު ނަދީމް

ގެއްލޭ ސައިކަލު ހޯދައިދިނުމަކީ އޭނާގެ ރަސްމީ ވަޒީފާއެއް ނޫނެވެ. ނަމަވެސް ސައިކަލެއް ގެއްލިގެން އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރަން ދާ މީހާ އަށް ވެސް ލިބޭ އެންމެ ރަސްމީ ޓިޕަކީ މާލޭގެ "3636 ޕިކަޕް ސާވިސް" ގައި އޮޕަރޭޓަރަކަށް މަސައްކަތްކުރާ އަލީ ހަސަންގެ ނަމާއި އޭނާއާ ގުޅޭނެ ގޮތެކެވެ. އެއަށް ފަހު ދެން ވުން އެންމެ ގޮތް ކިޔައިދިނީ "ފިއްލަދޫ އައްޔަ" ގެ ނަމުން މުޅި މާލެ އަށް މަޝްހޫރުވެފައިވާ ތަޖުރިބާކާރު މި އޮޕަރޭޓަރެވެ.

"ގެއްލޭ ސައިކަލް ހޯދަން ގުޅާ ވަރަށް ގިނަ މީހުން ބުނާނެ ފުލުހަށް ދިޔައީމަ އެމީހުން ބުންޏޭ އައްޔަ އަށް ގުޅާލަން. އޭރުން އަދި މާ އަވަސް ވާނެއޭ ސައިކަލް ފެންނަލެއް،" ގެނެސް ބެހެއްޓި ކަޅު ކޮފީތަށިން ފޮދުވަރެއް ބޯލުމާ އެކު އައްޔަގެ ހަލުވި ދޫ ހިނގައިގަތެވެ.

"ބަލަ ހަމަ ގުޅާލާތަނުން ވެސް އެބަހުރި ބައެއް މީހުންގެ ސައިކަލް ފެނިފައި. އޭގައި މިވާ ގޮތަކީ އަޅުގަނޑު އެހެން ސައިކަލެއް ހޯދަމުން ދަނިކޮށް އެ މީހަކު މި ގުޅަނީ އޭނާގެ ސައިކަލް ގެއްލިގެން. ދެން އޭނާ ގެއްލިގެން މި ހޯދާ ސައިކަލުގެ ނަމްބަރު ބުނެލާއިރަށް ހަނދާނަށް އަންނާނެ ކޮންމެވެސް ތަނަކުން އެ ބުނާ ސައިކަލުގެ ނަމްބަރު ފެނުނުކަން"

"ދެން މިވާ ގޮތަކީ ހަމަ ގުޅާލުމާ އެކު އަހަނ، އެ ފެނުނީ އޭނަގެ ސައިކަލް. ދެން ބައެއް މީހުން ބުނާނެ ޔަގީނޭ އޭނާ ވަގަށް ނަގަނީއޭ ސައިކަލު."

މިހެން ބުނެފައި އައްޔަ ފެށީ ހޭކަށް ނޫނެވެ. އޭނާ ދައްކާލީ ވަރަށް ސީރިއަސް މޫނެކެވެ. އެއަށް ފަހު އަނެއްކާވެސް ހޫނު ކޮފީން ކަރު ތެންމާލި އެވެ. ބުންޏެވެ؛

"އައްޔަ މިއީ އަސްލު ކާކުކަން ނޭނގޭ މީހަކު ވެއްޖެ ނަމަ ބުނާނީ އައްޔަ އަކީ ވަގެކޭ."

އެހެންވީމާ، އެންމެންނަށް ސައިކަލު ހޯދައިދޭ އައްޔަ މިއީ އަސްލު ކާކު ހެއްޔެވެ؟

އުމުރުން 53 އަހަރުގެ އަލީ ހަސަން އޮޕަރޭޓަރެއްގެ ގޮތުގައި މި ދަތުރު ފެށީ މީގެ 37 އަހަރު ކުރިން މާލޭގެ އޭރުގެ އެންމެ ބޮޑު ޓެކްސީ ސެންޓަރު "2122" އިންނެވެ. ސައިކަލު ހޯދުމުގެ މަސައްކަތް ފެށުނީ އޭގެ މާ ފަހުންނެވެ. އޭގެ މާ ކުރިން އޭނާ އުޅުނީ ސައިކަލު ގަރާޖުތަކާއި ކަންމަތީ ފިހާރަތަކާއި މާލޭގެ އެތަން މިތަނުގައި އެކި ކަހަލަ މަސައްކަތްތަކުގެ ތެރޭގަ އެވެ. އެހެން އުޅެފައި ގޮސް މާލޭގެ އެންމެ ބޮޑު ޓެކްސީ ސެންޓަރުގެ އޮޕަރޭޓަރުގެ ގޮނޑީގައި އޭނާ އިށީން އިރު އުމުރުން ވާނީ 16 އަހަރެވެ.

އެތަނުގައި މި ވަޒީފާއެއް ހުސްވެފައި އޮތް ޚަބަރު އޭނާ އަށް ލިބުނީ ސަނަދަށް ކިޔަވަން ދިޔަ ތަނެއްގައި ދެ މީހަކު ދެއްކި ވާހަކައެއްގެ ތެރެއިންނެވެ.

"ދެން އަޅުގަނޑު ބުނެފިން މަށަށް ދޭންވީ ނޫން ހެއްޔޭ ތި ބުނާ ޓެކްސީ އޮޕަރޭޓަރުގެ ވަޒީފާ. ބުނީމަ ބުނެފި ކަލެއަށް ވާނެ ހެއްޔޭ؟،" އައްޔަ ކިޔައިދިނެވެ.

"ދެން އޭނާ އެހެން ބުނީމާ އަޅުގަނޑު ބުނެފިން ހިނގާށޭ ބަލަމާ. ދެން އެ ފެށިގޮތަށް، ހަފުތާއެއްވީއިރު އެކަމުގެ ތެރޭގައި ހަމަ ރަނގަޅަށް ފައި ހިއްޕާލައިފީމޭ."

އެ ފެށިގޮތަށް ފަށައިގެން ގޮސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނާ ބަދަލުވީ ރާއްޖޭގެ ޓެކްސީ ދާއިރާ ލޯ ނުދެކޭ ވަރުގެ ކުޅަދާނަ އޮޕަރޭޓަރަކަށެވެ. އޭރުގެ މަޝްހޫރު "ހަވީރު" ނޫހުގެ "މީހުން" ކޮލަމްގައި އައްޔަގެ ވާހަކަ ސިފަކޮށްފައި އޮތީ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔަކަށް ފުޓްބޯޅަ ކްލަބްތަކެއްގެ ތެރޭގައި އުފެދިފައި އޮންނަ ކަހަލަ ޑިމާންޑަކާ އެވެ.

ހަގީގަތުގައި ވެސް އެއީ ހަމަ އެންމެ ހެޔޮވަރު ސިފަކުރުމެވެ. މައްޗަންގޮޅި އަށް ނިސްބަތްވި "ލެގޫންސް" ފުޓްބޯޅަ ކްލަބުން ފަށައިގެން ފުޓްބޯޅައިގެ ތެރޭގައި މިއަދު ވެސް ނޫކަށިފުރައިގެ ކުޅުންތެރިޔަކަށް ވުރެން ހަލުވިކޮށް ހަރަކާތްތެރިވަމުން އަންނަ އައްޔަގެ ސޮއި ހޯދަން ޓެކްސީ ސެންޓަރުތަކުގެ ވެރިން ތިބީ އޭރު ހަމަ އަސްލަށް ވެސް ކިޔޫ ހަދައިގެންނެވެ.

ފުލުހުން އައިސް އަޅުގަނޑު ހައްޔަރުކުރީމަ ވެސް ސައިކަލް ހޯދައިދިނުން ހުއްޓައެއް ނުލަމޭ. ހުއްޓާލި ނަމަ އަޅުގަނޑު ވާނީ ވަގަކަށްނު. އެހެންވީމަ އަޅުގަނޑު ހިތަށް އެރީ ހުއްޓާ ނުލާނަމޭ މިކަމެއް. މިކަން ގެންދާނީ ކުރިއަށޭ: އައްޔަ
އައްޔަ އޭނާގެ އޮޕަރޭޓަރު ގޮނޑީގައި ފޮޓޯއަކަށް ހުއްޓިލައިގެން: ފިއްލަދޫގޭ އައްޔަ އެންމެ މަޝްހޫރީ ގެއްލޭ ސައިކަލު ހޯދައިދޭ މީހާގެ ގޮތުގައި. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އައްޔަ އޭނާގެ އޮޕަރޭޓަރު ގޮނޑީގައި ފޮޓޯއަކަށް ހުއްޓިލައިގެން: ފިއްލަދޫގޭ އައްޔަ އެންމެ މަޝްހޫރީ ގެއްލޭ ސައިކަލު ހޯދައިދޭ މީހާގެ ގޮތުގައި. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"ފުޓްބޯޅަ ޓީމަކުން އެހެން ޓީމަކަށް ބޮޑު އަގުގައި ކުޅުންތެރިޔަކު ގެންދާހެން ގެންދިޔަ މީހެކޭ އަޅުގަނޑަކީ. މާލޭގައި 9292 ސެންޓަރު ހުޅުވައިގެން އެތަނުގެ އޮޕަރޭޓަރަކަށް އަޅުގަނޑު ގެންދިޔައީ އެއް ފަހަރާ 120،000ރ. ގެ ބްރޭންޑް ނިއު ކާރެއް ދީފައި،" މިހެން ބުނެފައި އައްޔަ ކޮފީތަށި ބޮއެ ހުސްކޮށްލި އެވެ.

އެއަށް ފަހު ހުނިލައިގެން އޭނާ މީރުކުރަން ފެށީ ބިލަތްގަނޑެކެވެ. ނަމަވެސް ޓެކްސީ އޮޕަރޭޓަރެއްގެ ގޮތުގައި އޭނާ މީރުކޮށް، ފައްކާކޮށްފައިވާ ހަޔާތަށް ވުރެ އުސްއަލިތައް ގިނައީ ގެއްލޭ ސައިކަލު ހޯދައި ދިނުމުގެ ތެރޭގަ އެވެ. އަދި އައްޔަގެ މި އާދަޔާހިލާފު ދަތުރުގައި އޭނާއާ ބައްދަލުވި އެންމެ ހާއްސަ ދުވަހަކީ ކޮބައިތޯ ސުވާލުކޮށްލުމުން ވެސް އޭނާގެ ވާހަކަ ގޮސް ހުއްޓުނީ ސައިކަލުތަކެއް ހޯދުމުގައި އަވަދިނެތި އުޅުނު ދުވަހަކަށެވެ.

އެއީ ގެއްލޭ ސައިކަލުތައް ހޯދުމުގައި އައްޔަ ދައްކަމުން ދިޔަ ކުޅަދާނަކަން ގަބޫލުކުރަން ދަތިވި ބަޔަކު އޭނާގެ ކަރުގައި ވަގެއްގެ ބޯޑު އެޅުވި ދުވަހެވެ.

"ވަގެކޭ ކިޔާފައި ދަމާފައި ގެންގޮސް ހައްޔަރުކުރި ދުވަސް އެއީ އަޅުގަނޑަށް އެންމެ ހާއްސަ ދުވަހަކީ އަދިވެސް. އެއީ ހަމަ ދުވަހަކުވެސް ހިތުން ފިލައިގެން ދާނެ ދުވަހެއް ނޫން،" މީރުކުރި ބިލަތްގަނޑު އަނގަޔަށް ލައިގެން އައްޔަ ހަފައިގަތުމުން އެ ދުވަހުގެ ހުރިހާ ޖަޒުބާތެއް އޭނާގެ މޫނު މައްޗަށް ފައުޅުވެގަތެވެ.

އެ ދުވަހަކީ އޭނާ ތިން ސައިކަލް ހޯދަން އުޅުނު ދުވަހެކެވެ.

"ދެން އެ ދުވަހު ވެސް އެ ރޭ ވެސް އޭގެ އެއްވެސް ސައިކަލެއް ނުފެނުނު. އަނެއް ދުވަހު ކޮފީއެއް ބޯލައިގެން، ތަޅުދަނޑިއެއް ހައްދައިގެން ގެއަށް ދިޔަ މަގުމަތީގައި ހޯދަމުން ދިޔަ އެއް ސައިކަލް ފެނިއްޖެ،" އައްޔަ ކިޔައިދިނެވެ.

އޭނާ ހޯދަން ފުލުހަކު އައީ އެ ސައިކަލުގެ ވެރި މީހާއާ ސައިކަލު ހަވާލުކޮށްފައި އޭނާއާ އެކު ސައެއް ބޯލަން ގޮސް އިންދަ އެވެ.

"އައިސް ބުނެފި އައިޑީ ކާޑު ފޮނުވާލާށޭ. ދެން އައިޑީ ކާޑު ފޮނުވާލީމާ އެ ރޭ ގުޅާފައި ބުނެފި އަންނާށޭ ފުލުހަށް،" އައްޔަ ބުނީ އެއީ އޭނާގެ ހަޔާތުގައި އަލަށް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފުރަތަމަ ތަޖުރިބާ ކަމަށެވެ.

ނަމަވެސް އޭރު ވެސް އެކަން ވާން އުޅެނީ އެހެން ކަމެއް އޭނާއަކަށް ނޭނގެ އެވެ.

ގެއްލިގެން އުޅޭ ސައިކަލެއް އަޅުގަނޑަށް ނުފެންނަން އޮންނާނީ ދެ ސަބަބެއް. އެއް ގޮތަކީ އެ ސައިކަލް ދުއްވަނީ. އެހެން ނޫން ނަމަ އޭގެ ނަމްބަރު ބަދަލުކޮށްލައިގެން އެ އުޅެނީ. އެހެން ނޫން ނަމަ ފެންނާނެ. ޔަގީން: އައްޔަ
އައްޔަ ޕިކަޕް ސެންޓަރުގައި ކޯލުތަކަށް ޖަވާބު ދެމުން ދަތުރުތަކަށް ޕިކަޕްތައް ބަހަނީ: އޭނާ ބުނަނީ މި މަސައްކަތުގައި އޭނާއާ ވާދަކޮށްލެވޭ ވަރުގެ ދެ ވަނަ އޮޕަރޭޓަރަކު މާލޭގައި ނުހުންނާނެ ކަމަށް. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އައްޔަ ޕިކަޕް ސެންޓަރުގައި ކޯލުތަކަށް ޖަވާބު ދެމުން ދަތުރުތަކަށް ޕިކަޕްތައް ބަހަނީ: އޭނާ ބުނަނީ މި މަސައްކަތުގައި އޭނާއާ ވާދަކޮށްލެވޭ ވަރުގެ ދެ ވަނަ އޮޕަރޭޓަރަކު މާލޭގައި ނުހުންނާނެ ކަމަށް. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"ދެން އަނެއް ދުވަހުގެ އަސުރުން ފައިބައިގެން، ބާޒާރަށް ގޮސް ދެ ބިލަތްބޮނޑި ގަނެގެން، ސައިކަލުގައި ބަހައްޓާފައި ފުލުހަށް ވަނީ. ދެން އެތަނުގައި މާ ގިނައިރު ވާތީ ސުވާލުކުރީމާ ފުލުހުން ބުނެފި ސައިކަލެއް ގެއްލުނު މައްސަލައެއްގައި އަހަރެމެން ޝައްކުކުރަނީ ކަލެއަށޭ،" މިހެން ބުނެފައި ފުންނޭވާއަކާ އެކު އައްޔަގެ ވާހަކަ ހުއްޓާލި އެވެ.

އޭރު ފުލުހުން އޭނާގެ ގެ ބަލައި ފާސްކޮށްފި އެވެ. އަދި އެންމެފަހުން އަތޮޅުވެއްސަށް އައްޔަ ގެންގޮސްފި އެވެ. އަދި އަތޮޅުވެހިން ދޫނިދޫ އަށް ގެންގޮސް ގޮޅިއެއްގައި ބަންދުކޮށްފި އެވެ. އޭގެ ފަސް ދުވަސް ފަހުން ދޫކޮށްލުމުން އައްޔަ ފެށީ އަނެއްކާވެސް ސައިކަލު ހޯދާށެވެ.

"ފުލުހުން އައިސް އަޅުގަނޑު ހައްޔަރުކުރީމަ ވެސް ސައިކަލް ހޯދައިދިނުން ހުއްޓައެއް ނުލަމޭ. ހުއްޓާލި ނަމަ އަޅުގަނޑު ވާނީ ވަގަކަށްން. އެހެންވީމާ އަޅުގަނޑު ހިތަށް އެރީ ހުއްޓާ ނުލާނަމޭ މިކަމެއް. މިކަން ގެންދާނީ ކުރިއަށޭ،" އައްޔަ ނައްޓާލީ ބާރަށް ކުރިއަށެވެ.

ދެން އޭނާ ކިޔައިދިން އޭނާގެ ހަޔާތުން އަނެއްކާވެސް ހާއްސަ ދުވަހެއްގެ ވާހަކަ އެވެ.

"އޭގެ ދެ އަހަރު ފަހުން އަޅުގަނޑު އަނެއްކާވެސް މީހެއްގެ ސައިކަލެއް ހޯދައިގެން އޭނަ އަށް ގުޅީމަ އެ ސައިކަލް ބަލާ މި އަންނަނީ އެ ދުވަހު އަޅުގަނޑު ހައްޔަރުކުރި މައްސަލައިގައި އިސްކޮށް އުޅުނު ފުލުސް މީހާ،" އައްޔަ މިހާރު އެހެރީ ދުފައި ރަތްކޮށްލައިގެންނެވެ.

"ދެން އޭނަ ބުނެފި އައްޔަ ތިކުރަނީ އިހުލާސްތެރި މަސައްކަތެކޭ. ތިމަންނަމެން ވަރަށް ބަލައިފީމޭ. ތީގަ ނެތޭ އެއްވެސް މައްސަލައެއް. ކުރިއަށް ދާށޭ. ކަމެއް ދިމާވެއްޖެ ނަމަ ގުޅާށޭ. ތިމަންނައަކީ މިހާރު އިންޗާޖެކޭ."

އޭގެ ފަހުން ސައިކަލެއް ގެއްލިގެން ފުލުހަށް ދާ މީހުން ވެސް ގުޅަން ފެށީ އައްޔައަށެވެ. އޭނާ މިއަދު ވެސް އެ ދަނީ ގެއްލިގެން ހޯދަން މީހުން ރިޕޯޓްކޮށްފައިވާ 8 ސައިކަލު ހޯދުމަށް މާލެ އާއި ހުޅުމާލޭގައި އަތްފުނާ އަޅަމުންނެވެ. އަމިއްލަ ސައިކަލު ގެއްލުނު ދުވަހުން ފަށައިގެން މިއަދާ ހަމަ އަށް މި މަސައްކަތުގައި އައްޔަ ވަނީ ގާތްގަނޑަކަށް 25،000 އާ ގާތްކުރާ އަދަދަކަށް ސައިކަލު ހޯދައި ވެރިފަރާތްތަކާ ހަވާލުކޮށްފަ އެވެ.

"އަސްލު ވީ ގޮތަކީ އަޅުގަނޑު ގެންގުޅުނު ސައިކަލެއް ގެއްލުނީ. އަލަށް ސައިކަލެއް ލިބިގެން އެ ސައިކަލަށް އޭރު އަދި އަހަރެއް ވެސް ނުވާނެ. އެ ދުވަހު ހިތަށް އެރީ މީހަކު ސައިކަލެއް ގެއްލިގެން އުޅެންޏާމު ހާދަ ހާލެއްގައޭ އުޅޭނީ،" އެ ސައިކަލް އޭނާ އަށް ފެނުނީ ސިފައިންގޭގައި ހުއްޓަ އެވެ.

މި ދިގު ތަޖުރިބާ އަށް ފަހު އައްޔަ ބުނަނީ ގެއްލޭ ސައިކަލެއް ހޯދޭނެ ކަމުގެ ޔަގީންކަން އަބަދުވެސް އޮންނަ ކަމަށެވެ. ގެއްލިފައިވާ ސައިކަލުތައް އޭނާ އަހަރު ދެ އަހަރު ފަހުން ވެސް ހޯދައި ވެރިފަރާތްތަކާ ހަވާލުކޮށްފައި އެބަހުއްޓެވެ.

ސައިކަލް ހޯދުން އުނދަގޫވި ވަރަކަށް އަޅުގަނޑު މިކަން ކުރާހިތްވާ ވަރު ބޮޑުވަނީ. ޗެލެންޖު ބޮޑުވި ވަރެއް ރަނގަޅީ. އެކަމަކު މިއީ މަހަށް ނުކުތުން ކަހަލަ ކަމެއް. ނުކުންނަތަނުން ލައްވާލަފާނެ އޮއިވާއްޔެއް ވެސް. މާވަހަރެއް ވެސް: އައްޔަ
އައްޔަ އޭނާގެ ރަސްމީ ވަޒީފާ، ޕިކަޕް ސާވިސްގެ އޮޕަރޭޓަރުގެ ވަޒީފާގައި: ހެނދުނު ހައެއްޖަހާއިރު ފަށާ ގޮތަށް އޭނާ އަށް ނޭވާ ލެވެނީ މެންދުރު ނަމާދު ބްރޭކަށް. އެއަށް ފަހު އޭނާ ނުކުންނާނީ ސައިކަލު ހޯދަން. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އައްޔަ އޭނާގެ ރަސްމީ ވަޒީފާ، ޕިކަޕް ސާވިސްގެ އޮޕަރޭޓަރުގެ ވަޒީފާގައި: ހެނދުނު ހައެއްޖަހާއިރު ފަށާ ގޮތަށް އޭނާ އަށް ނޭވާ ލެވެނީ މެންދުރު ނަމާދު ބްރޭކަށް. އެއަށް ފަހު އޭނާ ނުކުންނާނީ ސައިކަލު ހޯދަން. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"ގެއްލިގެން އުޅޭ ސައިކަލެއް އަޅުގަނޑަށް ނުފެންނަން އޮންނާނީ ދެ ސަބަބެއް. އެއް ގޮތަކީ އެ ސައިކަލް ދުއްވަނީ. އެހެން ނޫން ނަމަ އޭގެ ނަމްބަރު ބަދަލުކޮށްލައިގެން އެ އުޅެނީ. އެހެން ނޫން ނަމަ ފެންނާނެ. ޔަގީން،" އައްޔަ ބުނީ ވަގަށް ނަގައިގެން ދުއްވާފައި ދަނިކޮށް ވެސް އޭނާ އަށް ފެނިގެން އެތައް ފަހަރަކު ސައިކަލު ހުއްޓުވައި ހޯދާފައިވާނެ ކަމަށެވެ.

"އެކަމަކު އައްޔަ މި ކުރާ ކަމެއް ކުރާ ގޮތް ނޭނގޭ މީހާ ބުނާނީ އަހަރެން ސައިކަލް ވަގަށް ނަގަނީއޭ. އަޅުގަނޑު ބުނަނީ މީހަކު ގަޅިއެއް ނުއުކާނޭ އަނބު ނާޅާ ގަހަކަށް."

މިހެން ބުނެފައި އައްޔަ މިއަދު ވެސް ސެންޓަރުގެ ޑިއުޓީ ނިންމާލާފައި އެ ނުކުންނަނީ ގެއްލިފައިވާ ސައިކަލުތައް ހޯދާށެވެ. އޭނާގެ މަސައްކަތުގެ އަގަކީ 2،000ރ. އާއި 3،000ރ. އެވެ.

"ސައިކަލް ހޯދުން އުނދަގޫވި ވަރަކަށް އަޅުގަނޑު މިކަން ކުރާހިތްވާ ވަރު ބޮޑުވަނީ. ޗެލެންޖު ބޮޑުވި ވަރެއް ރަނގަޅީ. އެކަމަކު މިއީ މަހަށް ނުކުތުން ކަހަލަ ކަމެއް. ނުކުންނަތަނުން ލައްވާލަފާނެ އޮއިވާއްޔެއް ވެސް. މާވަހަރެއް ވެސް. ނުވަތަ ދުއްވާ ދުއްވާ ދިހަ ބާރަ ފީފާ ތެޔޮ އަނދައިގެން ހުލިވާއިރު ވެސް އެއްވެސް ކަމެއް ނެތި ވެސް އަނބުރާ އަންނަން ޖެހިދާނެ،" އައްޔަ މިހެން ބުނެފައި އަނެއް ބިލަތްގަނޑު ތައްޔާރުކުރަން ފަށައިގަތެވެ.

ސައިކަލް ހޯދުމުގެ އާ ބުރަކަށް އޭނާ އެހެރީ އަނެއްކާވެސް ތައްޔާރުވެ ނިމިފަ އެވެ. ފިއްލަދޫގެއިން ނުކުމެގެން ޕާކިން ޒޯނުގައި ހުރި ސައިކަލުތައް ބަލައި ފާސްކުރަމުން އޭނާ ފަށައިގަތެވެ. ބާ ޖަމާލުއްދީނު ގޯޅިއަށް އަޅާލައިގެން މިސްކިތު ކުރިމަތިން، ދެ ވިނަ މަގުން، ކުރިކީލަ މަގުން، ދިލްބަހާރު މަގުން، ޒިކުރާ މިސްކިތް ފުރަގަހުން ގޮސް ގެ ކައިރިއަށް ބުރެއް ހަމަވާނީ އެވެ.

އެކަމަކު ގެއްލިފައިވީ ސައިކަލުތައް ހޯދުމަށް އައްޔަ ޖަހާ ސައިކަލު ބުރު އަދި އެ ފެށުނީ އެވެ.