Roadha Mihaaru
ބިނާވެށި ބިލުން ލާމަރުކަޒީ ނިޒާމް މުގުރިދާނެ: އެމްޑީޕީ

ސަރުކާރުން މަޖިލީހަށް ހުށަހަޅާ ބިލުތަކާ ހެދި ލާމަރުކަޒީ ނިޒާމް މުގުރިދާނެ: އެމްޑީޕީ

23 އޯގަސްޓް 2024

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ބިނާވެށި ޕްލޭންކުރުމުގެ ބިލާއި އާބަން ޑިވަލޮޕްމަންޓް ބިލުގެ ސަބަބުން ލާމަރުކަޒީ ނިޒާމް މުގުރިގެން ދާނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ބިނާވެށި ޕްލޭންކުރުމުގެ ބިލާއި އާބަން ޑިވަލޮޕްމަންޓް ބިލުގެ ސަބަބުން ލާމަރުކަޒީ ނިޒާމް މުގުރިގެން ދާނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ 20 ވަނަ މަޖިލީހުގެ ފުރަތަމަ ދައުރަށް ސަރުކާރުން ހުށަހަޅައި ފާސްކުރަމުންދާ ބައެއް ގާނޫނުތަކުގެ ސަބަބުން ލާމަރުކަޒީ ނިޒާމު އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިންގުމަށް ކައުންސިލްތަކަށް ގިނަ ހުރަސްތައް ކުރިމަތިވާނެ ކަމަށެވެ.

ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ގާނޫނުގެ ސަބަބުން ލާމަރުކަޒީ ގާނޫނުގައި ރަށްރަށުގެ ބިން ޕްލޭންކޮށް ހިންގުމުގައި ރަށުގެ ރައްޔިތުންގެ ބައިވެރިވުމަކާ ނުލައި ރަށުގެ ބިން ޕްލޭންކޮށް ބޭނުންކުރުމަށް މަރުކަޒީ އިދާރާތަކަށް ފުރިހަމަ ބާރު ލިބިގެންދާނެ ކަމަށް އެ ޕާޓީން ބުންޏެވެ.

އޭގެ އިތުރުުން މި ވަގުތު ކޮމިޓީ މަރުހަލާގައި އޮތް އާބަން ޑިވޮލޮޕްމަންޓް ބިލް ސަރުކާރުން މިހާރު ހުށަހަޅާފައިވާ ގޮތަށް ފާސްކޮށްފި ނަމަ ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުމަށް ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި ކަނޑައެޅި މުހިއްމު އަސާސްތައް މުގުރިގެން ދިއުމުގެ ފުރުސަތު ބޮޑު ކަމަށް އެމްޑީޕީން ބުންޏެވެ.

އެހެންވެ، ލާމަރުކަޒީ ގާނޫނު ތަންފީޒު ކުރުމަށް ހުރަސް އެޅިދާނެ ގާނޫނުތަކާ މެދު ކައުންސިލްތަކާއި ގުޅުންހުރި މަދަނީ ޖަމިއްޔާތަކާއި ސިޔާސީ ޕާޓީތަކާ އެކު ހުޅުވާލެވިފައިވާ މަޝްވަރާއަކަށް ދިޔުމަށް ގޮވާލާ ކަމަށް އެމްޑީޕީން ބުންޏެވެ.

"...އެފަދަ މަޝްއަރާއާ އެކު މެނުވީ އެފަދަ ބިލުތައް ފާސްނުކުރުމަށް ރައްޔިތުންގެ މަޖިލިހަށް އިލްތިމާސްކުރަން." އެ ބަޔާނުގައި ބުނެފައިވެ އެވެ.

އާބަން ޑިވަލޮޕްމަންޓް ބިލާ ގުޅޭ ގޮތުން ދަ ޑިމޮކްރެޓްސް ޕާޓީން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފަ އެވެ.

ސަރުކާރުގެ ފަރާތުން އެ ބިލު ހުށަހެޅުމުގެ ބޭނުމަކީ ރާއްޖޭގެ އާބަން ސަރަހައްދުތައް ކަނޑައަޅައި އެފަދަ ސަރަހައްދު ތަރައްގީ ކުރުމާ ގުޅޭ ކަންކަން ހަރުދަނާ ކުރަން ގާނޫނީ އޮނިގަނޑެއް އެކުލަވާލުމެވެ. އަދި އާބަން ސަރަހައްދުތަކާއި އެފަދަ ސަރަހައްދުތަކުގެ ޒޯނުތަކާއި ގިންތިތަކާއި ބިމުގެ ބޭނުން ކަނޑައެޅުމާއި އެފަދަ ސަރަހައްދުތައް ތަރައްގީކޮށް ހިންގުމުގެ އަސާސީ މިންގަނޑުތަކާއި ހިންގާ ތަރައްގީގެ މަޝްރޫއުތައް މޮނިޓާކޮށް ފިޔަވަޅުއެޅުމާ ބެހޭ އުސޫލުތައް ބަޔާންކުރުމެވެ.