Roadha Mihaaru
"ބޯޑާ 2"ގައި ސަނީއާ އެކު ވަރުން

"ބޯޑާ 2"ގައި ސަނީއާ އެކު ވަރުން

25 އޯގަސްޓް 2024

ސަނީ ޑިއޯލްގެ ކުރިއަށް އޮތް ފިލްމު "ބޯޑާ 2"ގެ ކާސްޓާ ވަރުން ދަވަން ގުޅިއްޖެ އެވެ.

ސަނީ ޑިއޯލްގެ ކުރިއަށް އޮތް ފިލްމު "ބޯޑާ 2"ގެ ކާސްޓާ ވަރުން ދަވަން ގުޅިއްޖެ އެވެ.

ބޮލީވުޑްގެ ކުރީގެ ފިލްމު "ބޯޑާ"ގެ ދެވަނަ ބައެއް ނުކުންނާނެ ކަމަށް އަޑުފެތުރިފައި ވާތާ އެތައް ދުވަހެއް ފަހުން އެ ފިލްމު ރަސްމީކޮށް އިއުލާންކުރީ މިދިޔަ މަހު އެވެ. އެ ފިލްމަކީ މީގެ 27 އަހަރު ކުރިން ބޮލީވުޑްގައި އެޅުވި ހަނގުރާމަ މަތީ ފިލްމުތަކުގެ ތެރެއިން އޭރު އެންމެ ކާމިޔާބު އެއް ފިލްމެވެ. ޖޭޕީ ދައްތާ ޑައިރެކްޓުކޮށް 1997 ވަނަ އަހަރު ގެނެސްދިން އެ ފިލްމުގެ ލީޑު ރޯލު ކުޅުނީ ސަނީ އެވެ.

"ބޯޑާ 2"ގެ ކާސްޓާ ވަރުން ގުޅުނުކަން އިއުލާންކުރީ ސަނީ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓުގައި ވަނީ އެ ފިލްމު ރިލީޒްކުރާ ތާރީހު ވެސް ހާމަކޮށްފަ އެވެ.

އެ ފިލްމު ރިލީޒްކުރަނީ ޖެނުއަރީ 26، 2026 ގަ އެވެ.

"ބޯޑާ 2" ޑައިރެކްޓްކުރަނީ އަނޫރާގް ސިންގެވެ. އަދި އެ ފިލްމުގެ ޕްރޮޑިއުސަރުންގެ ތެރޭގައި ބޫޝާން ކުމާރު، ކްރިޝާން ކުމާރު، ޖޭޕީ ދައްތާ އަދި ނިދީ ދައްތާ ހިމެނެ އެވެ.

ފިލްމު "ދިލް ބޯލޭ ހަޑިއްޕަ" އާއި "ޖެޓް އެންޑް ޖޫލިއެޓް" އާއި "ޕަންޖާބް 1984" އަދި "ކިސާރީ" ކަހަލަ ފިލްމުތަކަކީ އަނޫރާގްގެ ޑައިރެކްޝަނެވެ.

ސަނީ އެންމެފަހުން ފެނުނީ އަނިލް ޝަރްމާ ޑައިރެކްޓުކޮށް މިދިޔަ އަހަރު ގެނެސްދިން "ގަދަރު 2" އިންނެވެ. "ގަދަރް 2" އަކީ 2001 ވަނަ އަހަރު ނެރުނު ފިލްމެއްގެ ސީކުއެލްއެކެވެ. އެ ފިލްމު ވަނީ ބޮކްސް އޮފީހުގެ ރެކޯޑުތައް މުގުރާލައި މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ބޮލީވުޑް ފިލްމުތަކުގެ ތެރޭގައި ހިމެނިފަ އެވެ. ބޮކްސް އޮފީހުގައި އެ ފިލްމަށް ވަނީ 450 ކްރޯޑަށް ވުރެ ގިނަ ރުޕީސް ލިބިފަ އެވެ.

ވަރުން އެންމެފަހުން ކުޅުނީ މިދިޔަ އަހަރު ގެނެސްދިން ލޯބީގެ ފިލްމު "ބަވާލް" އެވެ. އޭގެ ފަހުން ބައެއް ފިލްމުތަކުގައި ހާއްސަ ފެނިލުންތަކުން ފެނިފައިވެ އެވެ. އަދި ކުރިއަށް ވެސް އޭނާގެ ގިނަ ފިލްމުތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި އަންނަ ޑިސެމްބަރު މަހު 25 ގައި ގެނެސްދޭ އެކްޝަން ފިލްމު "ބޭބީ ޖޯން" ހިމެނެ އެވެ. އެއީ ޝާހްރުކް ހާންގެ ކާމިޔާބު ފިލްމު "ޖަވާން" ގެނެސްދިން އަޓްލީ ޕްރޮޑިއުސްކުރާ ފިލްމެކެވެ.