Roadha Mihaaru

"އެނިމަލް"ގައި ހިމެނި އީރާނުގެ ލަވައަކަށް ހާއްސަ ސަމާލުކަމެއް

08 ޑިސެމްބަރ 2023

ރަންބީރް ކަޕޫރުގެ އާ ފިލްމު "އެނިމަލް"ގައި ހިމެނި އީރާނުގެ ލަވައަކަށް ހާއްސަ ސަމާލުކަމެއް ލިބިއްޖެ އެވެ.

ރަންބީރް ކަޕޫރުގެ އާ ފިލްމު "އެނިމަލް"ގައި ހިމެނި އީރާނުގެ ލަވައަކަށް ހާއްސަ ސަމާލުކަމެއް ލިބިއްޖެ އެވެ.

"ޖަމާލް ކުދޫ" ކިޔާ މި ލަވަ ފީޗާކޮށްފައި ވަނީ މި ފިލްމުގައި މުހިންމު ރޯލެއް ކުޅޭ ބޮބީ ޑިއޯލްގެ އެންޓްރީ ސީންގަ އެވެ. މި ފިލްމު ޕްރިމިއާ ކުރިން ފަހުން ވަރަށް ގިނަ ބަޔަކު އަންނަނީ މި ލަވައިގެ ވާހަކަދައްކަމުންނެވެ. އަދި ޓިކްޓޮކާއި ރީލްސްތަކުގައި ވެސް މި ލަވަ އަންނަނީ ބޭނުންކުރަމުންނެވެ.

ފާރިސީ ބަހުން ކިޔާފައި މި ލޯބީގެ ލަވަ އަކީ 1950ގެ އަހަރުތަކުގައި އީރާނުގެ ހައި ސްކޫލެއްގައި ކުދިންތަކެއް ކިޔާ އުޅުނު ލަވައެކެވެ. އޭގެ ފަހުން މި ލަވައިގެ އެކި ވާޝަންތައް ނުކުމެފައިވެ އެވެ. އީރާނުގެ ކައިވެނި ޕާޓީތަކުގައި ވެސް މި ލަވަ ވަރަށް ގިނައިން ޖަހަ އެވެ.

މި ލަވަ އަށް ލިބުނު ސަމާލުކަން ބޮޑުވުމުން "އެނިމަލް"ގައި ބޮބީ ޑިއޯލްގެ އެންޓްރީ ސީން އަށް ބޭނުންކުރި މި ލަވައިގެ އޯޑިއޯ މިހާރު ވަނީ ޓީ-ސީރީޒްގެ ޔޫޓިއުބްގައި ވެސް އާންމުކޮށްފަ އެވެ.

މިދިޔަ ހުކުރު ދުވަހު ސިނަމާތަކުގައި ދައްކަން ފެށި "އެނިމަލް" އަށް އެންމެ ހަ ދުވަސް ތެރޭގައި ދުނިޔޭގެ ބޮކްސް އޮފީހުގައި ވަނީ 500 ކްރޯޑް ރުޕީސް (59 މިލިއަން ޑޮލަރު) އަށް ވުރެ ބޮޑު، ރިކޯޑް އާމްދަނީއެއް ވެސް ލިބިފަ އެވެ.

މި ފިލްމަކީ "ކަބީރް ސިންގް" އާއި "އަރުޖުން ރެއްޑީ" ކަހަލަ ފިލްމުތައް ހެދި ސަންދީޕް ވެންގާ ރެއްޑީގެ ޑައިރެކްޝަނެކެވެ. ރަންބީރްއާ އެކު "އެނިމަލް"ގެ މުހިންމު ރޯލުތައް ކުޅުނީ ރަޝްމީކާ މަންދަނާ، އަނިލް ކަޕޫރް، ބޮބީ ޑިއޯލް އަދި ތުރިޕްތީ ދިމްރީ އެވެ.