Roadha Mihaaru
މާލީ ނިޒާމުގެ މިނިވަންކަން ނަގާލައިފި: ފައްޔާޒް

މާލީ ނިޒާމުގެ މިނިވަންކަން ނަގާލައިފި: ފައްޔާޒް

25 އޯގަސްޓް 2024

ރާއްޖޭގެ މާލީ ނިޒާމްގެ މިނިވަންކަން މި ސަރުކާރުން ނަގާލާފައިވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރާއްޖޭގެ މާލީ ނިޒާމްގެ މިނިވަންކަން މި ސަރުކާރުން ނަގާލާފައިވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.

ބީއެމްއެލް އިން މިއަދު ވަނީ ރުފިޔާ ކާޑުތަކުން ޑޮލަރުގެ މުއާމަލާތް ނުކުރެވޭ ގޮތަށް ހަދައިފަ އެވެ. އެ ނިންމުމާ އެކު އާއްމުން ކަންބޮޑުވުންފާޅުކުރަން ފެށުމުން ބީއެމްއެލް އިން ވަނީ ކާޑު ލިމިޓަށް ގެނައި ބަދަލު އުވާލައިފަ އެވެ.

އެ ބަދަލު އުވާލިކަން އިއުލާންކުރީ، ސަރުކާރުން ބީއެމްއެލްއާ އެކު މިއަދު ބައްދަލުވުމެއް ބޭއްވި ފަހުންނެވެ. އެ ނިންމުމަކީ ސަރުކާރާ އެކު މިދިޔަ ޑިސެމްބަރުން ފެށިގެން ހިނގަމުން އައި މަޝްވަރާތަކާއި ލަފާތަކާ ޚިލާފަށް ބީއެމްއެލް އިން އެޅި ފިޔަވަޅެއް ކަމަށާއި އެ ބޭންކުގެ ކަންބޮޑުވުންތައް މަރުކަޒީ ބޭންކާ އެކު ހައްލުކުރަމުން އަންނަ ކަަމަށް ރައީސް އޮފީހުގައި ހަތަރު ވަޒީރުން މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ވިދާޅުވެފަ އެވެ.

ބީއެމްއެލް އިން އެޅި ފިޔަވަޅާ ގުޅޭ ގޮތުން އެމްޑީޕީން މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ކުއްލި ޖަލްސާގައި ފައްޔާޒު ވިދާޅުވީ ބީއެމްއެލްގެ އެ ނިންމުމަކީ ސަރުކާރަށް ނޭނގި، "ބަޣާވާތެއް" ކުރުން ކަމަށް ބުނުމަކީ ހަމަޖެހޭ ވާހަކައެއް ނޫން ކަމަށެވެ.

"ނޫން.. ނޭނގި ކިހިނެއްތޯ އެވަރު ކަމެއް ކުރާނީ. ރޭ މުޅި ސޯޝަލް މީޑިއާގައި އެ ވާހަކަ ދެކެވެމުން ދިޔަ. ކީއްވެތޯ ފިނޭންސް މިނިސްޓަރާއި ރައިސުލްޖުމްހޫރިއްޔާ އެކަމަށް ހައްލެއް ހޯދަން ނޫޅުއްވީ. ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގައި ގިނައީ ސަރުކާރުގެ ބޭފުޅުން. ސަރުކާރުން ބޭނުންވާ ގޮތަކަށް ވޯޓު ދެއްވާނެ،" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ ބީއެމްއެލްގެ ނިންމުން ބަދަލުކުރީ ރައްޔިތުން ކެކިއެރުމުން ކަމަށާއި އަދި އޭގެ ހުރިހާ އިލްޒާމެއް ބީއެމްއެލްގެ ބޮލުގައި އަޅުވަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. މިއަށް ވުރެ ވެސް ކަންބޮޑުވާން ޖެހޭ ކަމަކީ މާލީ ނިޒާމްގައި އޮތް މިނިވަންކަން މި ސަރުކާރުން ނަގާލުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ސިޔާސީ މަގާމުތަކުގައި ތިބޭ މީހުން ބޭންކްތަކުގެ ބޯޑަށްލުން. އެއީ ވަރަށް ނުރައްކާތެރި ކަމެއް،" ފައްޔާޒު ވިދާޅުވި އެވެ.

"އަނެއްކާ މިއަދު އެ ވިދާޅުވީ ތިމަންނާ އަންގައިގެންނޭ ބީއެމްއެލްއިން ނިންމުން ބަދަލުކުރީ. އެމްއެމްއޭ އިން ނުކުމެ އެ ބުނީ ތިމަންނަމެން މިހެން އެންގީއޭ. އެއީ ވަރަށް ބޮޑު ގޯހެއް."

ފައްޔާޒު ވިދާޅުވި ގޮތުގައި ރާއްޖޭގެ އިގުތިސޯދު މި ހާލަތުގައި އޮއްވައި، މާލީ ނިޒާމްގައި މިނިވަންކަމެއް ނެތް ކަމުގެ ސިގްނަލް ދުނިޔެއަށް ފޮނުވުމަކީ ވަރަށް ނުރައްކާ ކަމެކެވެ. މާލީ ނިޒާމަށް އޮތް އިތުބާރު ގެއްލޭ ކަމަށްވާ ނަމަ އޭގެ ގެއްލުން ވަރަށް ބޮޑުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އިގްތިސާދު މި ހާލަތަށް ވެއްޓުނީ ބޮޑު އަދަދުން އެމްޑީޕީގެ ވެރިކަމުގައި ނެގި ދަރަންޏާއި މާލީ އިދާރާތަކުގެ ލަފަޔާ އެއްގޮތަށް ދައުލަތުގެ ހަރަދުކުޑަކުރުމުގެ ފިޔަވަޅުތައް ނޭޅުމުން ކަމަށް މި ސަރުކާރުން ބުނަމުން ދަނިކޮށް، ފައްޔާޒް ވިދާޅުވީ ރާއްޖެ މިއޮތް ހާލަތުން އަރައިގަންނަން، ކުރިއަށް ދާން އެއްވެސް ވިސްނުމެއް، ޕްލޭނެއް މި ސަރުކާރުގައި ނެތް ކަމަށެވެ. އެހެންކަމުން، އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ސަރުކާރު ޒިންމާދާރުކުރަން އެމްޑީޕީން ވަަރަށް ބޮޑު ދައުރެއް އަދާ ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.