Roadha Mihaaru
ކުރީގެ ކޯޗު އެރިކްސަން ކެންސަރު ބަލީގައި މަރުވެއްޖެ

އިންގްލެންޑްގެ ފުރަތަމަ ބިދޭސީ ކޯޗު އެރިކްސަން ކެންސަރު ބަލީގައި މަރުވެއްޖެ

26 އޯގަސްޓް 2024

ސްޓޮކްހޯމް (އޮގަސްޓް 26) - އިންގްލެންޑްގެ ގައުމީ ޓީމަށް 2001 އިން 2006 އަށް ކޯޗުކޮށްދިން ސްވިޑެންގެ ސްވެން-ގޯރަން އެރިކްސަން، ކެންސަރު ބަލީގައި އުމުރުން 76 އަހަރުގައި މަރުވެއްޖެ އެވެ.

ސްޓޮކްހޯމް (އޮގަސްޓް 26) - އިންގްލެންޑްގެ ގައުމީ ޓީމަށް 2001 އިން 2006 އަށް ކޯޗުކޮށްދިން ސްވިޑެންގެ ސްވެން-ގޯރަން އެރިކްސަން، ކެންސަރު ބަލީގައި އުމުރުން 76 އަހަރުގައި މަރުވެއްޖެ އެވެ.

ޕެންކްރިއޭޓިކް ކެންސަރަށް ފަރުވާ ހޯދަމުން ދިޔަ އެރިކްސަން މަރުވިކަން މީޑީއާއަށް ހާމަ ކޮށްދިނީ އޭނާގެ އެޖެންޓް ބޯ ގުސްޓާވްސަން އެވެ.

އިންގްލެންޑްގެ ގައުމީ ޓީމް، 2002 ވަނަ އަހަރާއި 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ އިތުރުން 2004 ގެ ޔޫރޯގެ ކުއާޓާ ފައިނަލަށް ގެންގޮސްދިން އެރިކްސަން ވަނީ އޭނާގެ ސިއްހީ ހާލަތު ތަން ނުދޭކަމަށް ބުނެ، މިދިޔަ އަހަރުގެ ފެބްރުއަރީ މަހު މީޑިއާގެ ލޯމަތިން ދުރަށް ޖެހިލައިފަ އެވެ.

އިންގްލެންޑްގެ ރަން ޖީލު ގޮތުގައި މަގުބޫލުކަން ހޯދި ދުވަސްވަރު އެރިކްސަންގެ ކޯޗު ކަމުގައި އެގައުމު ބަލި ވެފައި ވަނީ ވާދަވެރި ފަސް މެޗުންނެވެ. ނަމަވެސް ތައްޓަކާ ހަމައަށް ދެވޭގޮތެއް ނުވި އެވެ.

ޖެނުއަރީ މަހު ސްވިޑެންގެ ޕަބްލިކް ބްރޯޑްކާސްޓަރު ސްވެރިޖެސް ރޭޑިއޯއަށް ދިން އިންޓަވިއުގައި އިކްސަން ބުނީ އޭނާއަށް ޕެންކްރިއޭޓިކް ކެންސަރު ޖެހިފައިވާ ކަމަށެވެ. އަދި އެންމެ ގިނަ ވެގެން ވެސް ދިރި ހުރެވޭނީ އަހަރެއް ވަންދެން ކަން ޑޮކްޓަރުގެ އެސެސްމަންޓުތަކުން އެނގިފައިވާ ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.

އުމުރުން 27 އަހަރުގައި ކުޅުން ހުއްޓާލުމަށް ފަހު ކޯޗިން އަށް ނުކުތް އެރިކްސަން ވަނީ ސްވިޑެންގެ ދަށް ޑިވިޝަނުގައި ކުޅުނު ކްލަބް ޑެގަފޯސް އައިއެފްގައި ކާމިޔާބު ހޯދުމަށް ފަހު، ސްވިޑެންގެ އައިއެފްކޭ ގޮޓެބޯގް އާއެކު ޔޫއެފާ ކަޕް ކާމިޔާބު ކޮށްފަ އެވެ.

އެއަށް ފަހު ޕޯޗުގަލްގެ ބެންފިކާގައި މަސައްކަތް ކުރުމަށް ފަހު އޭނާ ބަދަލުވީ އިޓާލިއަން ލީޓަށެވެ. އެ ގައުމުގައި ރޯމާ އާއި ފިއޮރެންޓީނާ އަދި ލާޒިއޯ މެނޭޖަށް ކޯޗުކޮށް ދީފައި ވެއެވެ.

އިންގްލެންޑްގެ ގައުމީ ސްކޮޑް މެނޭޖްކުރި ފުރަތަމަ ބިދޭސީ ކޯޗުގެ މަގާމު އޮންނަ އެރިކްސަން، އިންގްލެންޑްގެ މަގާމު ދޫކޮށްލުމަށް ފަހު މެކްސިކޯ އަދި އައިވަރީ ކޯސްޓްގެ ގައުމީ ޓީމަށް ކޯޗުކޮށް ދިނެވެ. ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ އާއި ލެސްޓަ ސިޓީ އަށް ވެސް ކޯޗު ކޮށްދިނެވެ.

ޔޫރަޕް ދޫކޮށް 2013 އިން 2017 އަށް ޗައިނާގެ ކްލަބްތަކުގައި މަސައްކަތް ކުރި އެވެ. ކޯޗުކަމުން ރިޓަޔާ ކުރީ 2019 ގައި ޕިލިޕީންސްގެ ގައުމީ ޓީމު މެނޭޖް ކުރުމަށް ފަހު އެވެ

ނަމަވެސް ދުވަހަކުވެސް އޭނާގެ އުފަން ސްވިޑެންގެ ގައުމީ ޓީމު މެނޭޖް ކޮށްފައެއް ނުވެ އެވެ.

ލިވަޕޫލްގެ ކޯޗުކަން ކުރުމުގެ ހުވަފެން ދެކުނު އެރިކްސަން ވަނީ މިދިޔަ މާޗު މަހު، އެ ހުވަފެން ހަގީގަތަކަށް ހަދައިފަ އެވެ. ލިވަޕޫލްގެ ކުރީގެ ލެޖެންޑުންނާއި އަޔެކްސް ލެޖެންޑުން ކުޅުނު ޗެރިޓީ މެޗުގައި އޭނާ ކޯޗު ކޮށްދިން ލިވަޕޫލް ވަނީ 4-2 އިން މޮޅުވެފަ އެވެ.