Roadha Mihaaru
ވެންޑަރުންގެ ފައިސާ ޓީބޮންޑާއި ބިމަށް ބަދަލުކޮށްދެނީ

ބިލްތަކަށް ދައުލަތުން ދޭންޖެހޭ ފައިސާ ޓީބޮންޑާއި ބިމަށް ބަދަލުކުރެވޭ ގޮތް ހަދަނީ

26 އޯގަސްޓް 2024

ދައުލަތުން އެކި ފަރާތްތަކަށް ނުދެއްކި ހުރި ފައިސާގެ ބަދަލުގައި، އެ ފައިސާ ލިބެންޖެހޭ ފަރާތްތަކަށް އިތުރު އާމްދަނީއެއް ލިބޭ ގޮތަށް ޓީ-ބޮންޑަކަށް އެ ފައިސާ ބަދަލުކުރުމުގެ ފުރުސަތު ދިނުމާއި ފައިސާގެ ބަދަލުގައި ބިމެއް ކުއްޔަށް ނެގުން ފަދަ އިހުތިޔާރެއް ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދައުލަތުން އެކި ފަރާތްތަކަށް ނުދެއްކި ހުރި ފައިސާގެ ބަދަލުގައި، އެ ފައިސާ ލިބެންޖެހޭ ފަރާތްތަކަށް އިތުރު އާމްދަނީއެއް ލިބޭ ގޮތަށް ޓީ-ބޮންޑަކަށް އެ ފައިސާ ބަދަލުކުރުމުގެ ފުރުސަތު ދިނުމާއި ފައިސާގެ ބަދަލުގައި ބިމެއް ކުއްޔަށް ނެގުން ފަދަ އިހުތިޔާރެއް ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ފިނޭންސުން އެންމެ ފަހުން ހިއްސާކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި ޕެންޑިން ބިލްތަކުގެ ގޮތުގައި ދައުލަތުން އެކި ފަރާތްތަކަށް ދައްކަން ޖެހޭ އަދަދު ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާއަށް އަރަ އެވެ. އޭގެ ތެރޭގައި ހަ މަހަށް ވުރެ ގިނަ ދުވަސްވެފައިވާ ބިލްތައް ވެސް ހިމެނެ އެވެ.

ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނުގައި ބުނީ ދައުލަތުން ވެންޑަރުންނަށް ދައްކަން ޖެހޭ ބިލްތަކަށް ފައިސާ ދެއްކުމުގައި އެންމެ ގިނަ ދުވަސްވެފައިވާ ބިލްތައް ބަލައިގެން ކަންކަން ރާވަން ނިންމާފައިވާ ކަމަށެވެ. އަދި ކޮންމެ މަހަކު ވެންޑަރުންނަށް ދެއްކުމަށް ކަނޑައެޅޭ ފައިސާގެ އަދަދަށް ބަލައި، އެންމެ ގިނަ ދުވަސްވީ ބިލުތަކުގެ ތަރުތީބުން، ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ފައިސާ ދެއްކުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށް ބުނެފައިވެ އެވެ.

ކަނޑައެޅޭ ވަކި މިންވަރަކަށްވުރެ ދަށުގެ ބިލްތަކަށް ފައިސާ ދައްކާނެ އަދަދެއް ކަނޑައަޅައި، ދެބައި ވަކިން ބެލެހެއްޓުމަށް ވެސް ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ ވިޔަފާރިތަކުން ދައުލަތަށް ދައްކަން ޖެހޭ ފައިސާ، ހާއްސަކޮށް މީރާއަށް ޓެކްސްގެ ގޮތުގައި ދައްކަންޖޭ ފައިސާއިން އޮފްސެޓް ކުރުމާއި، އެކި ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދުމަށް ޓާސްކްފޯހެއް އެކުލަވައިލުމަށް ވެސް ނިންމާފައިވާ ކަމަށެވެ.

ނުލިބި ހުރި ފައިސާ ހޯދުމަށް އިސްކަން ދޭނެ ކަމަށާއި ފިނޭންސުން ހުށަހެޅި ލޯނު ނެގޭނެ ގޮތްތަކުގެ އިތުރުން ލޯނު ނެގޭނެ އިތުރު ގޮތްތައް ވެސް ބަލައި ލޯނު ހޯދުމަށް މަސައްކަތް ކުރުމަށް ވެސް ވަޒީރުންގެ މަޖިލީހުގެ ލަފަޔާ އެކު ރައީސް ވަނީ ނިންމަވައިފަ އެވެ.

އިއްޔެގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ބޭރު ފައިސާގެ ބާޒާރު ހަރުދަނާކޮށް، ދިވެހި ރުފިޔާއަށް އޮންނަ ޑިމާންޑް އިތުރުކުރުމަށް ފިޔަވަޅުތަކެއް އަޅަން ވެސް ނިންމި އެވެ. ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވަނީ އިންކަމް ޓެކްސް އާއި ޕެންޝަނާއި މީރާ އާއި ޖީއެސްޓީގެ ގާނޫނަށް ވަރަށް އަވަހަށް އިސްލާހުތަކެއް ގެންނާނެ ކަމަށް ވިދާޅުވެފަ އެވެ. އެ ގެންނަ ބަދަލުތެރޭގައި ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުން ކަސްޓަމްސް ޑިއުޓީ އާއި އިންކަމް ޓެކްސް އަދި ޕެންޝަން ޑޮލަރުން ދައްކަން ޖެހޭ ގޮތަށް ބަދަލު ކުރުމަށް ވެސް ނިންމާނެ ކަމަށް އޭނާ ވިދާޅުވި އެވެ.