Roadha Mihaaru
ބީއެމްއެލް އިން އިއްޔެ ކުރީ މާލީ ބަޣާވާތެއް: ޝިޔާމް

ބީއެމްއެލް އިން އިއްޔެ ކުރީ މާލީ ބަޣާވާތެއް، ސީއީއޯ އިސްތިއުފާދޭން ޖެހޭ: ޝިޔާމް

26 އޯގަސްޓް 2024

ގައުމީ ބޭންކް ބީއެމްއެލުން އިއްޔެ ކުރީ މާލީ ބަޣާވާތެއް ކަމަށާއި އެ ބޭންކުގެ ސީއީއޯ ކާލް ސްޓުމްކަ އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިރޭ ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ގައުމީ ބޭންކް ބީއެމްއެލުން އިއްޔެ ކުރީ މާލީ ބަޣާވާތެއް ކަމަށާއި އެ ބޭންކުގެ ސީއީއޯ ކާލް ސްޓުމްކަ އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިރޭ ވިދާޅުވެއްޖެ އެވެ.

ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން ބޭއްވި ޖަގަހަ ޖަލްސާގައި ޝިޔާމް ތުހުމަތު ކުރެއްވި ގޮތުގައި، އިއްޔެ ހެނދުނު އިރު އެރި އިރުގައި އޮތީ ރާއްޖެ އަށް މާލީ ބަޣާވާތެއް ގެނައުމަށްޓަކައި، އިދިކޮޅު އެމްޑީޕީން އަޑީގައި އޮވެގެން ބީއެމްއެލްއާ އެކު ރޭވުމެއް ރާވައިފަ އެވެ.

ޝިޔާމް ވިދާޅުވީ "ގައުމީ ބޭންކުން ދިވެހި ރައްޔިތުންގެ ކަރުގައި ހިފަން" ނިންމި ވަގުތާ ދިމާކޮށް އެމްޑީޕީން އިއްޔެ ހެނދުނު ޕްރެސް ކޮންފަރެންސެއް ވެސް ބޭއްވި ކަމަށެވެ. އެއީ އިއްތިފާގަކުންވީ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ވާހަކަ [ބޭންކުގެ ނިންމުމާ ގުޅޭ ވާހަކަ] ދައްކަވަން، އެއީ އިއްތިފާގެއް ނޫން،" ޝިޔާމް ވިދާޅުވި އެވެ.

"މިއީ އިންތިޒާމުކުރެވިގެން، މިއީ ރޭވިގެން ހިންގަން އުޅުނު ބަޣާވާތެއް."

ޝިޔާމް ވަނީ ބީއެމްއެލްގެ ސީއީއޯ ކާލް އިސްތިއުފާ ދެއްވަން ވެސް ގޮވާލައްވައިފަ އެވެ.

ޕީއެންސީން ބޭއްވި ޖަގަހަ ޖަލްސާއަށް ވަޑައިގެތް ރައީސް ޑރ. މުހައްމަދު މުއިއްޒާއި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ސަލާންކުރައްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޕީއެންސީން ބޭއްވި ޖަގަހަ ޖަލްސާއަށް ވަޑައިގެތް ރައީސް ޑރ. މުހައްމަދު މުއިއްޒާއި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ސަލާންކުރައްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ނަމަވެސް، އިދިކޮޅަށް ނޭނގުނު އެއްޗަކީ ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ހިކުމަތްތެރިކަމާ އެކު، ދިވެހިންގެ ހައްގުގައި ކަންކަން ކުރައްވާ އަދި ކަންކަން ކުރައްވަން ކެރިވަޑައިގަންނަވާ ހިތްވަރުގަދަ ވެރިއެއް ކަން ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ ރައީސް މުއިއްޒަކީ ރާއްޖެއަށާއި ދިވެހިންނަށް އެއްވެސް ދެރައެއް ލިބޭނެ ކަމެއް ކުރައްވާނެ ވެރިއެއް ނޫން ކަމަށެވެ.

ގައުމީ ބޭންކް ބީއެމްއެލް އިން އިއްޔެ ނިންމި ބޮޑު ނިންމުމާއި އެކަމާ ގުޅުވައި ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބެލެވޭ ކަންތައްތަކެއް ހުރި ކަމަށް ބުނެ ފުލުހުން ވަނީ އެ މައްސަލަ ތަހުގީގު ކުރަން ވެސް ފަށައިފަ އެވެ.

ރުފިޔާ ކާޑުތަކުން ޑޮލަރުގެ މުއާމަލާތް ނުކުރެވޭ ގޮތަށް ހަދައި ބީއެމްއެލް އިން ނިންމީ އެންމެ ރަނގަޅު ނިންމުން ނޫން ކަމަށާއި އެއީ ސަރުކާރާ އެކު ކުރި މަޝްވަރާތަކުގައި ދިން ލަފަޔާ ޚިލާފު ނިންމުމެއް ކަމަށް ސަރުކާރުން އިއްޔެ ވަނީ ބުނެފަ އެވެ.

ބީއެމްއެލް އިން އެކަން އިއުލާންކުރުމާ އެކު، ސޯޝަލް މީޑިއާ އާއި އެހެން ބައެއް ޕްލެޓްފޯމުތަކުގައި ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރި އެވެ. އާންމުންގެ ކަންބޮޑުވުންތައް ގިނަވުމާ އެކު ސަރުކާރުން ފަހުން ވަނީ ބީއެމްއެލްއާ ބައްދަލުކޮށް، އެ ނިންމުން އަނބުރާ ގެންދަން އެދިފަ އެވެ.

އެ ނިންމުން އުވާލުމަށް ފަހު ބީއެމްއެލް އިން ނެރުނު ނޫސްބަޔާނުގައި ބުނީ އެ ނިންމުން އަނބުރާ ގެންދިޔައީ މަރުކަޒީ ބޭންކް އެމްއެމްއޭގެ ލަފާގެ މަތިން ކަމަށެވެ.