Roadha Mihaaru
އީރާންގައި ތަފާތު ކަމެއް؛ އިސް މަގާމަކަށް ސުންނީއެއް

އީރާންގައި ތަފާތު ކަމެއް؛ އިސް މަގާމެއް ސުންނީ މުސްލިމަކަށް ދީފި

27 އޯގަސްޓް 2024

އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން، އެ ގައުމުގެ ބައި މަދު ސުންނީ މުސްލިމުންގެ ސިޔާސީ ބޭފުޅަކު އިސް މަގާމަކަށް އައްޔަންކުރައްވައިފި އެވެ.

އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން، އެ ގައުމުގެ ބައި މަދު ސުންނީ މުސްލިމުންގެ ސިޔާސީ ބޭފުޅަކު އިސް މަގާމަކަށް އައްޔަންކުރައްވައިފި އެވެ.

ޝިޔައީންގެ އަޣުލަބިއްޔަތު އޮންނަ އަދި ދައުލަތަކީ ވެސް ޝިޔައީންގެ ދައުލަތެއްގެ ގޮތުގައި އޮންނަ އީރާންގައި ސުންނީ މުސްލިމުންގެ ނިސްބަތް އުޅެނީ އެންމެ 10 ޕަސެންޓުގަ އެވެ. އިސް މަގާމުތަކަށް ސުންނީ މުސްލިމުން އައްޔަންކުރުމަކީ އީރާންގައި އާންމު ކަމެއް ނޫނެވެ.

ޕެޒެޝްކިއާން، ރޫރަލް ޑިވެލޮޕްމަންޓުގެ މަސައްކަތް ހަވާލުކުރައްވައި ނައިބު ރައީސްކަން ދެއްވީ އަބްދުލްކަރީމް ހުސައިންޒަދީހް ކިޔާ ބޭފުޅެވެ. އޭނާ މަގާމަށް އައްޔަންކުރައްވައި ނެރުއްވި ގަރާރުގައި ރައީސް ވިދާޅުވެފައިވަނީ އެކަހެރި ހިސާބުތައް ތަރައްގީކުރުމުގެ މަސައްކަތް އޭނާއާ ހަވާލުކުރެއްވީ އެއީ ތަޖުރިބާކާރު ބޭފުޅަކަށް ވާތީ ކަމަށެވެ.

އުމުރުން 44 އަހަރުގެ ހުސައިންޒަދީހް އަކީ 2012 ވަނަ އަހަރުން ފެށިގެން، އީރާނުގެ ގާނޫނު ހަދާ މަޖިލީހުގައި ހުޅަނގު އުތުރުގެ ސިޓީތައް ކަމަށްވާ ނަގަދޭހާއި އޮޝްނަވީހް ތަމްސީލު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާ އަކީ އީރާންގައި ސުންނީ މުސްލިމުންގެ ހައްގުތައް ގޮވާލައި ވާހަކަ ދައްކަވާ ބޭފުޅެކެވެ.

އީރާން ސަރުކާރުގެ އިސް މަގާމުތަކަށް ސުންނީ މުސްލިމުން އައްޔަންކުރުމަކީ 1979 ވަނަ އަހަރުގެ އިންގިލާބަށް ފަހު އެ ގައުމުގައި ވަރަށް މަދު ކަމެކެވެ. އެކަމަކު މިހާރުގެ ރައީސް ރިޔާސީ ކެމްޕެއިންގައި ވަނީ ގައުމުގައި ބައި މަދު މަޒުހަބުތަކާއި ނަސްލުތަކުގެ މީހުންގެ ބައިވެރިވުން ގައުމު ހިންގުމުގައި އިތުރުކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. -- އޭއެފްޕީ