Roadha Mihaaru
ސްޓެލްކޯގެ ނަމުގައި ސްކޭމް ކޯލްތަކެއް ކުރަނީ

ސްޓެލްކޯގެ ނަމުގައި ސްކޭމް ކޯލްތަކެއް ކުރާތީ ސަމާލުވާން އެދިއްޖެ

01 ސެޕްޓެމްބަރ 2024

ސްޓެލްކޯގެ ނަމުގައި ސްކޭމް ކޯލްތަކެއް ކުރަމުންދާތީ ސަމާލުވާން އެ ކުންފުނިން އެދިއްޖެ އެެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ސްޓެލްކޯގެ ނަމުގައި ސްކޭމް ކޯލްތަކެއް ކުރަމުންދާތީ ސަމާލުވާން އެ ކުންފުނިން އެދިއްޖެ އެެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސްޓެލްކޯގެ ނަމުގައި ކަސްޓަމަރުންނަށް ގުޅަމުންދާ މައްސަލައެއް ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

ކަސްޓަމަރުންނަށް ގުޅައި ދޮގު މައުލޫމާތު ދީގެން އޮޅުވާލުމަށް މަސައްކަތް ކުރަމުންދާތީ ފަހުމީ ވިދާޅުވީ ސްޓެލްކޯ އިން ކަސްޓަމަރުންނަށް ގުޅައިގެން އެ މީހުންގެ ޒާތީ މައުލޫމާތާއި މާލީ މައުލޫމާތު ހޯދަން މަސައްކަތް ނުކުރާނެ ކަމަށެވެ.

އެހެންވެ، ޝައްކު ކުރެވޭ މީހަކު ގުޅައިފި ނަމަ، އެމީހަކަށް ޒާތީ މައުލޫމާތު ނުދިނުމަށް ވެސް ފަހުމީ އިލްތިމާސް ކުރެއްވި އެވެ. އަދި ސްޓެލްކޯއާ ދެމެދު ކުރާ މުއާމަލާތްތަކުގެ ސައްހަކަން ކަށަވަރުކުރަން އެ ކުންފުނީގެ ރަސްމީ ޗެނަލްތައް މެދުވެރިކޮށް ކުރިއަށް ދިއުމަށް ވެސް އޭނާ އެދިވަޑައިގަތެވެ.

މީގެ ކުރިން ވަނީ ސަރުކާރުގެ އެހެން ކުންފުނިތަކުގެ ނަމުގައި ވެސް ކަސްޓަމަރުންނަށް ގުޅައި އޮޅުވާލައިގެން ފައިސާ ހޯދުމަށް މަސައްކަތްކޮށްފަ އެވެ. އެގޮތަށް އެޗްޑީސީގެ ނަމުގައި ގުޅައި، އެކި މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ހޯދާފައިވެ އެވެ.

ސްކޭމް ކޯލްތަކާ ގުޅިގެން ކުރިން ފުލުހުން ބުނެފައިވާ ގޮތުގައި މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް ސްކޭމް މައްސަލަތަކާ ގުޅިގެން 500 އަށް ވުރެ ގިނަ ބޭންކް އެކައުންޓް ބްލޮކް ކޮށްފައިވެ އެވެ. އަދި 782 ޑިވައިސް ނެޓްވޯކް ބްލޮކްކޮށް، 297 ސިމްކާޑާއި 70 ވެބް ލިންކް ބްލޮކް ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.