Roadha Mihaaru
ވަގު ސްލިޕް ހަދަން ހާއްސަ އެޕެއް، ސަމާލުވާން އެދެފި

ވަގު ސްލިޕް ހަދަން ހާއްސަ އެޕެއް ބޭނުން ކުރާތީ ސަމާލުވާން ފުލުހުން އެދިއްޖެ

29 ސެޕްޓެމްބަރ 2024

ފައިސާ ދެއްކިކަން ދެއްކުމަށްޓަކައި ސައްހަ ނޫން ސްލިޕް ހެދުމަށް ވަކި ހާއްސަ އެޕްލިކޭޝަނެއް ބޭނުންކުރާ ކަމަށާއި އަދި އެފަދަ މައްސަލަތައް މިހާރު އިތުރުވަމުންދާތީ އެކަމަށް ސަމާލުވާން ފުލުހުން މިއަދު އެދިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފައިސާ ދެއްކިކަން ދެއްކުމަށްޓަކައި ސައްހަ ނޫން ސްލިޕް ހެދުމަށް ވަކި ހާއްސަ އެޕްލިކޭޝަނެއް ބޭނުންކުރާ ކަމަށާއި އަދި އެފަދަ މައްސަލަތައް މިހާރު އިތުރުވަމުންދާތީ އެކަމަށް ސަމާލުވާން ފުލުހުން މިއަދު އެދިއްޖެ އެވެ.

ފުލުހުން ބުނީ ސައްހަ ނޫން ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކުރާ މައްސަލަތައް އިތުރުވަމުންދާ ކަމަށެވެ.

މިހާތަނަށް ކުރި ތަހުގީގުތަކުން، ޓްރާންސްފާ ސްލިޕް ހެދުމަށް ވަކި ހާއްސަ އެޕްލިކޭޝަނެއް ބޭނުން ކުރާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ހާއްސަކޮށް، ރެސްޓޯރެންޓްތަކާއި ފިހާރަތަކުން ވިޔަފާރިކުރުމަށްފަހު ފައިސާ ދެއްކުމަށް އެފަދަ ސްލިޕްތައް ފޮނުވާ ކަމަށް ފުލުހުން ބުންޏެވެ. އެހެންވެ، ވިޔަފާރިކުރާ ފަރާތްތަކުން އިތުރަށް ސަމާލުކަން ދިނުމަށް ފުލުހުން ވަނީ އެދިފަ އެވެ.

"މިފަދަ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި އެކައުންޓަށް ފައިސާ ޖަމާވިކަން ޔަގީން ކުރުމަށްފަހު ނޫނީ ފައިސާގެ އެއްވެސް މުއާމަލާތެއް ނުހިންގުމަށާއި މިފަދަ ކަމެއްގެ ޝިކާރައަކަށް ވެއްޖެނަމަ ލަސްނުކޮށް ފުލުހުންނަށް ރިޕޯޓް ކުރުމަށާއި އޮންލައިންކޮށް ހިންގާ ވިޔަފާރީގެ މުއާމަލާތްތަކުގައި ވެސް އިތުރަށް ސަމާލުވުމަށް ދަންނަވަމެވެ." ފުލުހުންގެ ވެބްސައިޓުގައި ބުންޏެވެ.

ސައްހަ ނޫން ސްލިޕް ފޮނުވައިގެން މުދާ ހޯދުމުގެ މައްސަލަތަކުގައި މީގެ ކުރިން ބައެއް މީހުން ހައްޔަރުކޮށްފައި ވެސް ވެ އެވެ. އަދި އެފަދަ މައްސަލަތަކުގައި ބައެއް މީހުންގެ މައްޗަށް ދައުވާކޮށް، ކުށް ސާބިތުވެފައި ވެސް ވެ އެވެ.