Roadha Mihaaru
ޝަޒްރާ އާއި ޝާދިޔާގެ ބަންދަށް އިތުރު 5 ދުވަސް!

އެމްބަސީ ކައިރީ މުޒާހަރާކޮށްގެން ހައްޔަރުކުރި ދެ މީހުންގެ ބަންދަށް އިތުރު ފަސް ދުވަސް

01 ސެޕްޓެމްބަރ 2024

ރާއްޖޭގައި ހުރި ބައެއް އެމްބަސީތައް ކައިރީގައި އިޒްރޭލާ ދެކޮޅަށް އަޑު އުފުލަމުން ދަނިކޮށް ހައްޔަރުކުރި ދެ އަންހެނުންގެ ބަންދަށް އިތުރު ފަސް ދުވަސް ކްރިމިނަލް ކޯޓުން އިތުރުކޮށްފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ރާއްޖޭގައި ހުރި ބައެއް އެމްބަސީތައް ކައިރީގައި އިޒްރޭލާ ދެކޮޅަށް އަޑު އުފުލަމުން ދަނިކޮށް ހައްޔަރުކުރި ދެ އަންހެނުންގެ ބަންދަށް އިތުރު ފަސް ދުވަސް ކްރިމިނަލް ކޯޓުން އިތުރުކޮށްފި އެވެ.

ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ގަތުލު އާންމާ ދެކޮޅަށް ބައެއް އެމްބަސީތައް ކައިރީގައި އަޑު އުފުލަމުންދާ މައްސަލާގައި ހައްޔަރުކޮށްފައިވަނީ ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒުގެ އަނބިކަނބަލުން ޢާއިޝަތު ޝާދިޔާ އާއި ޑރ. ޝަޒްރާ އިބްރާހީމެވެ.

އެއްވެ އުޅުމުގެ ގާނޫނާ ހިލާފުވުމުން ކަމަށް ބުނެ ހައްޔަރުކުރި ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ފުރަތަމަ އިތުރުކުރީ ތިން ދުވަހެވެ. ފުލުހުން މިއަދު ބުނީ އިތުރު ފަސް ދުވަހަށް މި ދެ މީހުން ބަންދު ކުރަން ކޯޓުން އަމުރު ކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އެ މީހުން ހައްޔަރުކުރީ ޑިޕްލޮމެޓިކް އެމްބަސީތައް ކައިރިއަށް ތަކުރާރުކޮށް އެއްވެ، އަޑުގަދަކުރާ ބޭނުން ކޮށްގެން ހަޅޭލެއްވުމާއި ބޭ އަދަބީ ބަހުން މުއާމަލާތު ކުރުމުގެ އިތުރުން އެމްބަސީތަކާއި ސަފީރުންނަށް އުނދަގޫވާ ގޮތަށް އެ މީހުން އަމަލު ކޮށްފައިވާތީ ކަމަށެވެ. އަދި އެކަން އެގޮތަށް ނުކުރަން ނަސޭހަތް ދިނުމުން އެކަން ނުހުއްޓާތީ އެ މީހުން ހައްޔަރުކުރީ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ޑރ. ޝާދިޔާ އާއި ޝަޒްރާ އަކީ ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރުމާއި އިޒްރޭލުގެ ޕާސްޕޯޓް މަނާކުރުމާއި އެ ގައުމުން ހިންގާ ގަތުލު އާންމަށް ތާއީދުކުރާ ބްރޭންޑުތައް ބޮއިކޮޓް ކުރަން ރާއްޖޭގައި ހަރަކާތްތައް ރޭވުމާއި ހިންގުމުގައި އިސްކޮށް އުޅޭ ދެ މީހުންނެވެ.

އެ ދެ މީހުން ބަންދު ކުރުމާ ގުޅިގެން އަދާލަތު ޕާޓީއާއި އެމްޑީޕީގެ އިތުރުން އާންމުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.