Roadha Mihaaru
ކާރު ދުއްވި މީހާ އަލުން ހައްޔަރުކޮށްފި

ކާރު ދުއްވި މީހާ ކޯޓު އަމުރެއްގެ ދަށުން އަލުން ހައްޔަރުކޮށްފި

02 ސެޕްޓެމްބަރ 2024

ހުޅުމާލޭ 2 ގައި މިދިޔަ ޖުލައި މަހު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސްޕޯޓްސް ކާރު ދުއްވި މީހާ ކޯޓު އަމުރެއްގެ ދަށުން އަލުން ހައްޔަރުކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭ 2 ގައި މިދިޔަ ޖުލައި މަހު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސްޕޯޓްސް ކާރު ދުއްވި މީހާ ކޯޓު އަމުރެއްގެ ދަށުން އަލުން ހައްޔަރުކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މިދިޔަ ޖުލައި މަހުގެ 31 ގައި އެ އެކްސިޑެންޓު ހިނގީ ވިނަރެސް ފްލެޓްތަކުގެ މެދަށް އޮންނަ މަގުން ބާރު ސްޕީޑުގައި ދުއްވި ކާރެއް ކޮންޓްރޯލުން ނެއްޓި، އެ މަގުގެ އެއްފަރާތުގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ޖެހިގެންނެވެ.

އެ އެކްސިޑެންޓާ ގުޅިގެން، ކާރު ދުއްވި، އިބްރާހިމް އިކްރާމް ފިލައިގެން އުޅެނިކޮށް އެ ރޭގެ ވަގުތެއްގައި ހައްޔަރުކުރި އެވެ. އެކަމަކު އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރި އަމުރު ނެރުނީ ގޯސްކޮށް ކަމަށް، ހައި ކޯޓަށް އޭނާގެ ފަރާތުން ހުށަހެޅި އިސްތިއުނާފްގައި އިއްޔެ ވަނީ ނިންމައިފަ އެވެ.

މިނިސްޓަރު އިހުސާން ރޭ މެންދަމު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިކްރާމް ކޯޓު އަމުރެއްގެ ދަށުން އަލުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެކަމަކު އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

އިކްރާމް ދޫވުމުގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލައި، ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އިހުސާން ރޭ ވަނީ ވިދާޅުވެފަ އެވެ.

ހައިކޯޓުން އިކްރާމް މިނިވަންކުރީ ވަކީލެއްގެ ފުރުސަތު ނުދީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކަމަށް ބުނެ އެވެ.

ފަނޑިޔާރު މުހައްމަދު ފައިސަލް ރިޔާސަތު ބެލެހެއްޓެވި އެ ޝަރީއަތުން ނެރުއްވި އަމުރުގައި ވަނީ ފުލުހުން ކޯޓު އަމުރަކަށް އެދުނީ 6:44 ގައި ކަމަށާއި ވަކީލު އައްޔަންވުމަށް އެދި ފޯމު ހުށަހަޅާފައި ވަނީ 7:23 ގައި ކަމަށެވެ. މުވައްކިލުންގެ ފަރާތުން 8:28 ގައި ވަކީލަށް ރުހުން ދިންއިރު ފުލުހުންގެ އިދާރާއިން 9:52 ގައި ވަކީލު އައްޔަންކުރި އެެވެ. ވަކީލު އައްޔަންކުރިކަން ވަކީލަށް އެންގީ 10:06 ގަ އެވެ. އެކަމަކު 10:00 ގައި ތުހުމަތުކުރެވޭ ފަރާތް ކޯޓަށް ހާޒިރުކޮށް 10:04 ގައި ޝަރީއަތް ވަނީ ފަށައިފަ އެވެެ.

ކޯޓުން ބުނީ މި ކަންކަމަށް ބަލާއިރު ވަކީލެއްގެ ފުރުސަތު އަކްރަމަށް ލިބިފައި ނެތުމުން އަމުރު ބާތިލްކުރާ ކަމަށެވެ.

އެ އެކްސިޑެންޓާ ގުޅިގެން އިކްރާމާ އެކު ދެން ހައްޔަރުކުރީ އިކްރާމުއްރަހުމާނާއި ޖިނާހް އިސްމާއިލް އެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި އެކްސިޑެންޓުވި ކާރަކީ މާލެ ޒޯންގައި ދުއްވަން ރަޖިސްޓްރީކޮށްފައިވާ އުޅަނދެއް ވެސް ނޫނެވެ. ކާރުގެ ނަންބަރު ޕްލޭޓްގައި އިނީ ބީ ޒޯން [ނުވަތަ ރާއްޖޭގެ އުތުރާއި ދެކުނުގެ އަތޮޅުތަކުގައި] ދުއްވަން ރަޖިސްޓްރީކޮށްފަ އެވެ.

ކާރުން ޖެހުނުލެއް ބާރުކަމުން ސައިކަލުގައި މަޑުކޮށްގެން އިން މީހާ ވެއްޓެނީ ވިއްސައިގެން ގޮސް އެނބުރެމުން ގޮހެވެ. ސައިކަލްގެ މަޑިއާ އާއި އެކި ބައިތައް ވެސް މާ ދުރަށް ބުރައިގެން ދިޔަ މަންޒަރު، ސޯޝަލް މީޑިއާގައި އާންމުވި އެ އެކްސިޑެންޓުގެ ސީސީޓީވީ ފުޓޭޖުން ފެނެ އެވެ. އަނިޔާވި މީހާގެ ހާލު ސްޓޭބަލް ނަމަވެސް އޭނާގެ މޫނަށް ވަރަށް ބޮޑަށް އަނިޔާވި އެވެ.