Roadha Mihaaru
އުތުރުގެ ބަންކަރިން ހިދުމަތް މި މަހު 12 ގައި ފަށަނީ

އުތުރުގެ ބަންކަރިން ހިދުމަތް މި މަހު 12 ގައި ފަށަނީ

04 ސެޕްޓެމްބަރ 2024

ރާއްޖޭގެ އެންމެ އުތުރުގެ ރަށްތައް ހިމެނޭ ސަރަހައްދު ކަމަށްވާ އިހަވަންދިއްޕޮޅުގައި އެސްޓީއޯ އާއި އެމްޕީއެލް ގުޅިގެން ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތް އަންނަ ހަފްތާގައި ފަށާނެ ކަމަށް އެމްޕީއެލް އިން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގެ އެންމެ އުތުރުގެ ރަށްތައް ހިމެނޭ ސަރަހައްދު ކަމަށްވާ އިހަވަންދިއްޕޮޅުގައި އެސްޓީއޯ އާއި އެމްޕީއެލް ގުޅިގެން ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތް އަންނަ ހަފްތާގައި ފަށާނެ ކަމަށް އެމްޕީއެލް އިން ބުނެފި އެވެ.

އެ ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހު މިއަދު ވިދާޅުވީ، އެކަމާ ގުޅޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. ބަންކަރިން ހިދުމަތް ދިނުމުގައި އުޅޭ މުވައްޒަފުންނަށް ހާއްސަ އިމާރާތް، "އުލިގަމު އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ސެކިއުރިޓީ ގޭޓް" އަންނަ ހަފްތާގެ ބުދަ ދުވަހު އުލިގަމުގައި ހުޅުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވަޖީހު ވިދާޅުވި ގޮތުގައި އެ އިމާރާތް ހުޅުވުމަށް ފަހު، ބުރާސްފަތި ދުވަހު ބަންކަރިން ހިދުމަތް ބޭރުގެ ބޯޓުތަކަށް ދޭން ފަށާނެ އެވެ.

ހިދުމަތް ފެށުމުގެ ރަސްމިއްޔާތު ވަރަށް ކުލަގަދަކޮށް ފާހަގަކުރުމަށް އެމްޕީއެލް އާއި އެސްޓީއޯއިން އަންނަނީ ތައްޔާރުވަމުންނެވެ.

އިއްޔެ ވަނީ ރާއްޖޭގެ އުތުރުގައި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ މެރިޓައިމްގެ ހިދުމަތްތަކާ ގުޅޭ ހާއްސަ ވެބްސައިޓް، އުތުރު މެރިޓައިމް ސާވިސަސް (ޔޫއެމްއެސް) ވެބްސައިޓް ވެސް ލޯންޗު ކޮށްފަ އެވެ. އެ ވެބްސައިޓު މެދުވެރިކޮށް، ހިދުމަތް ހޯދަން ބޭނުންވާ އުޅަނދު ފަހަރަށް ކުރިއާލައި ބުކިން ހެދޭނެ އެވެ.

ބަންކަރިން ހިދުމަތުގެ އިތުރުން، ފެނާއި ކާބޯތަކެތި ފޯރުކޮށްދިނުމާއި ކްރޫއިން ބަދަލުވުމާއި ޑޮކިން ހިދުމަތާއި ކުނި އުކައިދިނުމާއި ޓަގް ސާވިސަސްގެ އިތުރުން މެއިންޓަނެންސް ހިދުމަތްތައް ވެސް އެ ސަރަހައްދުން ފޯރުކޮށްދޭނެ އެވެ.

އިހަވަންދިއްޕޮޅު ނުވަތަ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި އިންޓަނޭޝަނަލް ބަންކަރިން ފެސިލިޓީއެއް އެޅުމަށް އެސްޓީއޯ އިން ނެދަލޭންޑްސްގެ ކުންފުންޏެއް ކަމަށްވާ "ވިޓޯލް"އާ އެކު އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ މާޗު މަހު އެވެ.

​ރާއްޖެ އޮންނަ ސަރަހައްދުގެ ގޮތުން އިހަވަންދިއްޕޮޅު ކައިރިން ދުވާލަކު 300 އަށް ވުރެ ގިނަ އާގު ބޯޓު ދަތުރުކުރާ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.