Roadha Mihaaru
ބަންކަރިން ފަށަން 20 ވަނަ ދުވަހު ތެޔޮ ވިއްކަނީ

ބަންކަރިން ހިދުމަތް ފަށަން 20 ވަނަ ދުވަހު ބޯޓަކަށް ތެޔޮ ވިއްކަނީ

09 ސެޕްޓެމްބަރ 2024

ރާއްޖޭގެ އުތުރުގައި ބަންކަރިން ހިދުމަތް ފެށުމުގެ ގޮތުން މި މަހުގެ 20 ވަނަ ދުވަހު ފުރަތަމަ ބޯޓަށް ތެޔޮ ވިއްކަން ހަމަޖެހިފައިވާ ކަމަށް އެސްޓީއޯ އިން މިއަދު ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގެ އުތުރުގައި ބަންކަރިން ހިދުމަތް ފެށުމުގެ ގޮތުން މި މަހުގެ 20 ވަނަ ދުވަހު ފުރަތަމަ ބޯޓަށް ތެޔޮ ވިއްކަން ހަމަޖެހިފައިވާ ކަމަށް އެސްޓީއޯ އިން މިއަދު ބުނެފި އެވެ.

ބަންކަރިން ހިދުމަތް ދޭން ފެށުމުގެ ފަހުގެ ތައްޔާރީތައް ކުރިއަށް ގެންދާއިރު އެކަމަށް ބޭނުން ކުރާ ފުރަތަމަ ބޯޓު މިހާރު ވަނީ ހދ.ކުޅުދުއްފުށީގައި ބަނދަރުކޮށްފަ އެވެ. އެ ހިދުމަތް ދޭން ބޭނުން ކުރާ ދެވަނަ ބޯޓު އަންނަ ހުކުރު ދުވަހު ރާއްޖެއަށް އަންނާނެ ކަމަށް ވެސް ބުންޏެވެ. މިއީ 3،200 ޓަނުގެ ތެޔޮ އުފުލޭ ބޯޓެކެވެ.

ބަންކަރިން ހިދުމަތް ދޭން ގެންނަ ފުރަތަމަ ބޯޓަކީ "އެމްޓީ މެރިން އޭންޖަލް" އެވެ.

ރާއްޖޭގެ އެންމެ އުތުރުގެ ރަށްތައް ހިމެނޭ ސަރަހައްދު ކަމަށްވާ އިހަވަންދިއްޕޮޅުގައި އެސްޓީއޯ އާއި އެމްޕީއެލް ގުޅިގެން ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތް ފެށުމަށް ކުރިން ނިންމާފައި އޮތީ މި ހަފްތާގެ ބުރާސްފަތި ވަނަ ދުވަހު އެވެ. ނަމަވެސް މޫސުން ގޯސްވެގެން އުޅަނދުތައް އައުން ލަސްވުމުން ތާރީހު ފަސްކުރަންޖެހުނީ އެވެ.

އިހަވަންދިއްޕޮޅުގައި "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި އިންޓަނޭޝަނަލް ބަންކަރިން ފެސިލިޓީ" އެޅުމަށް އެސްޓީއޯ އިން ނެދަލޭންޑްސްގެ ކުންފުންޏެއް ކަމަށްވާ "ވިޓޯލް"އާ އެކު އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ މާޗު މަހު އެވެ.

​ރާއްޖެ އޮންނަ ސަރަހައްދުގެ ގޮތުން އިހަވަންދިއްޕޮޅު ކައިރިން ދުވާލަކު 300 އަށް ވުރެ ގިނަ އާގު ބޯޓު ދަތުރުކުރާ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.